ޚަބަރު

އިތުރު ވަގުތުގައި ގާނާއިން ޖެހި ލަނޑާއެކު ޕެނަމާއަށް މާޔޫސްކަން


  • މެޗުން ގާނާ މޮޅުވީ 0-1އިން

  • ވޯލްޑް ކަޕުގައި ޕެނަމާއިން ކުޅުނު ހުރިހާ މެޗަކުން ވެސް ބަލި

ފީފާ ވޯލްޑް ކަޕުގައި ފުރަތަމަ ޕޮއިންޓު ހޯދަން ޕެނަމާއިން ދެކެމުންދިޔަ ހުވަފެނަށް، މެޗުގެ އިތުރުވަގުތުގެ ތެރޭގައި ގާނާއިން އިތުރު އިންތިޒާރެއް ގެނުވައިފިއެވެ.

ދެވަނަ ފަހަރަށް ވޯލްޑް ކަޕުގައި ކުޅެމުން އަންނަ ޕެނަމާއަށް، މިހާތަނަށް އައި އިރު މި މުބާރާތުގައި ޕޮއިންޓެއް ހޯދިފައެއް ނުވެއެވެ. މީގެކުރިން 2018 ވަނަ އަހަރު ވޯލްޑް ކަޕުގައި ކުޅުނު ޕެނަމާއަށް، އެ މުބާރާތް ނިންމާލަން ޖެހުނީ ކުޅުނު ހުރިހާ މެޗަކުން ބަލިވެ، ޕޮއިންޓެއް ނުލިބިއެވެ.

މިފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ގާނާއާ ދެކޮޅަށް ޕެނަމާ ނުކުތްއިރު، މެޗުގެ ފަހުވަގުތުކޮޅާ ޖެހެންދެން ޕެނަމާއިން ދިޔައީ ނުހަނު ހިތްވަރާއެކު މަސައްކަތްކުރަމުންނެވެ.

މުޅި މެޗަށް ބަލާއިރު ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާތަކެއް އުފެއްދީވެސް ޕެނަމާއިންނެވެ. އެގޮތުން އެ ޓީމުން ޖުމްލަ 11 ހަމަލާއެއް އުފައްދާފައިވާއިރު، ގޯލާ އަމާޒުވާގޮތަށް ހަތަރު ހަމަލާއެއް ފޮނުވާލާފައިވެއެވެ. ގާނާއަށް މެޗުގައި 8 ހަމަލާ އުފެއްދުނުއިރު އޮން ޓާގެޓަށް ފޮނުވާލެވުނީ އެންމެ ތިން ހަމަލާއެވެ.

ޕެނަމާއިން މެޗު ޑޮމިނޭޓުކުރަމުން ދަނިކޮށް، އެ ޓީމުން ވޯލްޑް ކަޕުގައި ފުރަތަމަ ޕޮއިންޓު ހޯދަން ކުރަމުން ދިޔަ އުއްމީދަށް އިތުރު އިންތިޒާރެއް ގެނުވީ، މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވެ ދެއްކި އިތުރުވަގުތުގެ ތެރޭގައި ގާނާއިން ޖެހި ލަނޑުންނެވެ. އިތުރުވަގުތުގެ ގޮތުގައި ޖުމްލަ 6 މިނެޓު ދެއްކިއިރު ގާނާއިން މެޗުގައި ލަނޑުޖެހީ އިތުރުވަގުތުގެ ފަސްވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކޭލެބް ޔިރެންކީއެވެ.

މެޗުން ހޯދި ތިން ޕޮއިންޓާއެކު ގާނާއަށް މުބާރާތުގެ ގްރޫޕް އެލްގެ ދެވަނަ މަގާމު ލިބޭއިރު ތާވަލުގެ އެއްވަނައިގައި އޮތީ ކްރޮއޭޝިއާގެ މައްޗަށް ކުރިހޯދި އިންގްލެންޑެވެ. ތިންވަނައިގައި ޕެނަމާ އޮތްއިރު ފުލުގައި، ލަނޑުގެ ތަފާތުން އޮތީ ކްރޮއޭޝިއާ އެވެ.