ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޖޭގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި އަލްޖީރިއާ ބައްދަލުކުރި މެޗުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީގެ ފަރާތުން ފެނިގެންދިޔަ ކުޅުމާއި މެދު މިހާރު ހައިރާން ނުވާކަމަށް އެޓީމުގެ ކޯޗު ލިއޮނެލް ސްކަލޯނީ ހާމަކޮށްފިއެވެ.
އޭނާ މިކަން ހާމަކޮށްފައިވަނީ އަލްޖީރިއާ އާއި ބައްދަލުކުރި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ. ސްކަލޯނީ ބުނީ މެސީ އަންނަނީ ވޭތުވެދިޔަ 20 އަހަރު އޭނާގެ މޮޅު ކުޅުން ދައްކަމުންނެވެ. އަދި ފުޓްބޯޅައަށް ލޯބިކުރާ އެއްވެސް މީހަކަށް މެސީގެ ކުޅުން ބަހުން ހާމަކުރުން ވެގެންދާނީ އުނދަގޫ ކަމަކަށެވެ.
ހާއްސަކޮށް އާޖެންޓީނާ ޤައުމީ ޓީމުގައި ވޭތުވެދިޔަ ފަސް ވަރަކަށް އަހަރު މެސީގެ ފަރާތުން އަންނަނީ އޭނާގެ މޮޅު ކުޅުން ފެންނަމުންނެވެ. އަދި މެސީ ބޭނުންނަމަ އޭނާ ބޭނުންވާ ދުވަހެއް ވަންދެން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނުމުގެ ފުރުސަތު އޮންނާނެއެވެ. އަދި އުމުރުން 38 އަހަރުގައި މެސީގެ ފަރާތުން މިމެޗުގައި ފެނުނު ކުޅުން ކިޔައިދޭނެ ގޮތެއް ނޭނގޭ ކަމަށެވެ.
ސްކަލޯނީ ބުނީ އަލްޖީރިއާ އާއި ދެކޮޅަށް ކުޅުނު މެޗުގައި އެޓީމުގެ ފަރާތުން ފުރަތަމަ ހާފުގައި ފެނިގެންދިޔައީ ވަރަށް މޮޅު ކުޅުމެއް ކަމަށާއި އެހެން ކަމުން ފުރަތަމަ ހާފުގައި އޭނާގެ ކުޅުންތެރިންނަށް އުނދަގޫ ތަކާއި ކުރިމަތިވިކަމަށެވެ. ނަމަވެސް މިމެޗުގައި މިއާއެކުވެސް އެޓީމަށް ޖެހި އޮފް ސައިޑް ލަނޑުގެ އިތުރަށް މާ ރަނގަޅު ފުރުސަތެއް އުފެއްދިފައެއް ނުވެއެވެ.
ސްކަލޯނީ ހާމަކުރިގޮތުގައި ކޮންމެ ޓީމަކަށްވެސް އާޖެންޓީނާ ބަލިކުރެވިދާނެކަން އޭނާގެ ހުރިޙާ ކުޅުންތެރިން އެނގޭނެ ކަމަށާއި މިއީ ހަގީގަތްކަމަށެވެ. މިގޮތުން ސްކަލޯނީވަނީ އެންމެ ފަހުގެ ވޯލްޑް ކަޕްގައި ސައުދީ އަރަބިއާ އަތުން ބަލިވި ބަލިވުމާއި މިފަހަރުގެ މުބާރާތުގައި ފެނިގެންދާ ހައިރާން ކުރުވަނިވި ނަތީޖާ ތަކަށް އަލިއަޅުވާލައިފައެވެ. އެހެން ކަމުން އާޖެންޓީނާ ކޮންމެ މެޗަކަށްވެސް ތައްޔާރުވަނީ މިކަންކަން ހަނދާނުގައި ބަހައްޓައިގެންނެވެ. އަދި އެއާއެކު އެހެން ޓީމުތަކަށް އާޖެންޓީނާ ބަލިކުރަން އުނދަގޫވެގެންދާނެކަމަށެވެ.
އަލްޖީރިއާގެ ކޯޗު ވްލަޑްމިއަރ ޕެޓްކޮވިޗްވެސް ވަނީ މިމެޗުގައި މެސީ ދެއްކި މޮޅު ކުޅުމަށް ތައުރީފް ކޮށްފައެވެ. އޭނާ ހާމަކުރިގޮތުގައި މިތާ ވާހަކަ މިދައްކަނީ އާދައިގެ ކުޅުންތެރިއެއްގެ ވާހަކައެއް ނޫން ކަމަށާއި މިދައްކަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހަތެއް ނުވަތަ އަށްފަހަރު ކާމިޔާބު ކޮށްފައިވާ ކުޅުންތެރިއެއްގެ ވާހަކަ ކަމަށެވެ.
މެސީއަށް އުނދަގޫ ފުރުސަތުތަށްވެސް ފަސޭހަ ކަމަށް ފެނިގެންދާ ކަމަށާއި އަދި މައްސަލަ އަކަށްވީ ފުރަތަމަ ދެ ލަނޑުގައި އޭނާގެ ކުޅުންތެރިންނަށް ތަންކޮޅެއް ބޮޑަށް ހުސް ޖާގަ ދެވުމެވެ. އަދި މިމެޗު ވެގެންދިޔައީ އެންމެ ފަހުގެ ޗެމްޕިއަނުންނާއި ދެކޮޅަށް ކުޅެން ޖެހުނު އުނދަގޫ މެޗަކަށް ކަމަށްވެސް ޕެޓްކޮވިޗް ހާމަކުރިއެވެ.