ޚަބަރު

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލު އަލުން ދިރާސާކުރުމަށް ކޮމިޓީއަށް


  • ގައިދީންނަށް ގުނަވަން ޓްރާާންސްޕްލާންޓް ނުކުރެވޭގޮތަށް އޮތް މާއްދާ އަލުން ހިމެނުމަށް އެދިވަޑައިގެންނެވި

  • ބިލު އަލުން ދިރާސާކުރަން މަޖިލީހަށް ބަލައިގަތީ ވޯޓު ދެއްވި މެންބަރުންގެ އިއްތިފާގުން

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލާމެދު އަލުން ވިސްނުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަލަ މަޖިލީހަށް ބަލައިގަނެ، އަލުން ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުއްވައިފިއެވެ.

މި ބިލަކީ، 14 މެއި 2026 ވީ ބުރާސްފަތި ދުވަހު މަޖިލީހުން ފާސްކުރި ބިލެކެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މޭ 31 ވަނަ ދުވަހު އެ ބިލާ މެދު އަލުން ވިސްނުމަށް އަނބުރާ މަޖިލީހަށް ފޮނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމާ ގުޅޭ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވަން ނިންމެވީ، ބިލު ފާސްވެގެން އައިއިރު ރައްޔިތުންގެ މަޖިލީހުން ބިލަށް ގެންނެވި ބަދަލުތަކާއެކު، އެ ބިލުގައި ހުރި ކަންކަން ތަންފީޒުކުރުމުގައި ދިމާވެދާނެ ދަތިތަކަށް ރިއާޔަތްކުރައްވައެވެ. އެގޮތުން ބިލު މިހާރު އޮތް ގޮތް މުރާޖައާކުރައްވައި އިސްލާހުތަކެއް ގެންނަވަންޖެހޭކަމަށް ފެނިވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

މަޖިލީހަށް ފޮނުއްވި ސިޓީގައި މައިގަނޑު ސަބަބެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވަނީ ސަރުކާރުން ބިލު ފޮނުވިއިރު 7 ވަނަ މާއްދާގައި ގުނަވަން ހަދިޔާ ކުރާ މީހުންގެ ޝަރުތުގެ ގޮތުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހެއް ކަމުގައި ނުވުމާއި، އަދި ކުށުގެ ތުހުމަތުގައި ނުވަތަ ޝަރުޢީ ހުކުމެއް ތަންފީޒުކުރާމީހެއްކަމުގައި ނުވުން ކަނޑައަޅާފައި އޮތް ނަމަވެސް ބިލު ފާސްކުރިއިރު އެ ބައިތައް މަޖިލީހުން އުނިކުރައްވާފައިވާތީއެވެ.

ސަރުކާރުން އެ ދެ ޝަރުތާއެކު ބިލު ހުށަހެޅުއްވީ މަޖުބޫރުކަމެއް ނެތި ރުހުމާއެކު ގުނަވަން ހަދިޔާކުރުމުގެ ޝަރުތަކީ ދިމިގްރާތީ މުޖުތަމަޢުތަކުގައިވެސް ބަލައިގެންފައިވާ ގުނަވަން ހަދިޔާކުރުމުގެ މައިގަނޑު ޝަރުތެއް ކަމަށްވެފައި އެ ޝަރުތު އެންމެ ފުޅާ މިނެއްގައި ތަންފީޒުކުރުމުގެ މަޤުޞަދުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބަންދެއްގައި ތިބޭ މީހުންނަކީ އެ މީހުންގެ އަމިއްލަ އިހްތިޔާރާއި މިނިވަންކަން ގައިދުވެ، ޚާއްސަ ހާލަތެއްގައި ތިބޭ މީހުން ކަމުގައިވާއިރު އެ މީހުންނަކީ ފުރިހަމަ ރުހުމާއެކު އަދި އެއްވެސް ބާވަތެއްގެ މަޖުބޫރުކަމެއްނެތި ގުނަވަނެއް ހަދިޔާކުރުން ފަދަ ކަމަކަށް ރުހުން ދެވިދާނެ ބައެއް ކަމުގައި ފެނިވަޑައިނުގަންނަވާ ކަމަށެވެ.

މީގެ އިތުރުން ބަންދުގައި ތިބޭ މީހުންނާއި ގައިދީންނަށް ގުނަވަން ހަދިޔާ ކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވާ މަދު ޤައުމުތަކުގައިވެސް އެކަން ކުރަމުންދަނީ އާންމު ހާލަތުގައި ބަލާ ކަށަވަރުކުރަން ޖެހޭ ކަންކަމުގެ އިތުރަށްވެސް އިތުރު ކަންތައްތަކެއް ބަލައި ކަށަވަރުކުރުމަށްފަހުގައިކަމަށާއި އެފަދަ މީހުންނަށް ގުނަވަން ހަދިޔާކުރުމުގެ އިތުރު އުސޫލުތަކެއް އަދި އިޖުރާއަތަތްތަކެއް ނެތި އެ ފުރުސަތު ދިނުމަކީ ޤާނޫނު ތަންފީޒުކުރުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފަދާނެ ކަމެއް ކަމަށް ފާހަގަކުރޭ ކަމަށް ރައީސް ފޮނުއްވި ސިޓީގައި ވަނީ ވިދާޅުވެފައެވެ.

މި މާއްދާގެ އިތުރުންވެސް އިތުރު ދެ މާއްދާއަކަށް މަޖިލީހުން ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން ޤާނޫނު ތަންފީޒުކުރުމުގައި ދިމާވާނެ ދަތިތައް ފާހަގަކުރައްވައި އެކަންކަން ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައެވެ.

މި މައްސަލަ ރައީސް މަޖިލީހަށް ފޮނުއްވުމުން ހުރިހާ މެންބަރުންވެސް ވަނީ މިއީ މުހިންމު އަދި ފުޅާ ދާއިރާއެއްގައި ދިރާސާކުރަންޖެހޭ ބިލެއްކަން ފާހަގަކުރައްވައި އެ ބިލު އަލުން ބަލައިގަނެ، އިތުރު އިސްލާހުތައް ގެނައުމަށް ތާޢީދު ކުރައްވާފައެވެ. އެގޮތުން، ބިލު އަނބުރާ ކޮމިޓީއަށް ފޮނުވުމަށް ފާސްކުރީ ވޯޓު ދެއްވި 62 މެންބަރުންގެ އިއްތިފާގުންނެވެ.