ހަތަރު އަހަރަށް ދެމިގެން ގޮސްފައިވާ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓައިލުމަށް ބާރުއެޅުމުގެ ގޮތުން މޮސްކޯއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމަށް ސިނާއީ ގޮތުން އެންމެ ކުރިއަރާފައިވާ ހަތް ޤައުމުން (ޖީ7) ނިންމައިފިއެވެ. ރަޝިޔާއަށް ކުރިމަތިކޮށްފައިވާ ފިއްތުންތައް އިތުރަށް ވަރުގަދަކުރުމަށް ޖީ7 ގެ މެންބަރު ޤައުމުތަކުން އެއްބަސްވެފައި ވަނީ ފަރަންސޭސިވިލާތުގައި މިހާރު ކުރިއަށްދާ އެ ގުޅުމުގެ ބައްދަލުވުމުގައެވެ.
ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، ހަނގުރާމަ ނިމުމަކަށް ގެނައުމުގައި މޮސްކޯއިން "އެއްބަސްވުމަކަށް އަންނަންޖެހޭނެ" ކަމުގައި ވިދާޅުވެފައެވެ. ފުރަތަމަ ބޮޑު ހަނގުރާމައަށްވުރެ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ދިގުލައިގެން ގޮސްފައިވާއިރު، ޔޫކްރެއިންގެ ފައުޖުތަކުން ރަޝިޔާގެ ޢުދުވާންތައް ދިފާޢުކުރުމުގައި ސާބިތުކަމާއެކު ދެމިއޮތް ކަން ޖީ7 ގެ އިސްވާރުން ފާހަގަކުރެއްވިއެވެ. ނަމަވެސް، ރަޝިޔާއިން އަދިވެސް ދަނީ ޔޫކްރެއިންގެ ރަށްތަކަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދެމުންނެވެ. ރައްދުގައި ޔޫކްރެއިނުން ވެސް ދަނީ ރަޝިޔާގެ ރަށްތަކަށް އަމާޒުކޮށް ޙަމަލާ ދެމުންނެވެ.
ފަރަންސޭސިވިލާތުގައި ކުރިއަށްދާ ބައްދަލުވުމުގައި ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ބައިވެރިވެ ވަޑައިގަންނަވާފައިވާއިރު، އޭނާ ވަނީ ޓްރަމްޕާ ވެސް ބައްދަލުކުރައްވާފައެވެ. ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާ މެދު އޮތް ގުޅުންތައް ހަރުދަނާ ކުރައްވަން ޓްރަމްޕް މަސައްކަތް ކުރައްވަމުން ގެންދެވި ނަމަވެސް، ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ޓްރަމްޕްގެ ކެތްތެރިކަން ކޮޅުންލަމުންދާ ކަމުގެ އިޝާރާތްތައް ފެންނަމުންދާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުންޏެވެ.
ފަރަންސޭސިވިލާތުގެ ޚާރިޖީ ދާއިރާގެ މަޞްދަރުތަކުން ބުނީ، ތެލާއި ދިޔާއެއްޗަކަށް ބަދަލުކޮށްފައިވާ ގުދުރަތީ ގޭސް (އެލްއެންޖީ) ބޭރުކޮށް ވިއްކުމަށް ރަޝިޔާއިން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ހުރަސްތައް ކުރިމަތިކޮށް، ދަތިކުރުމުގެ ފިޔަވަޅުތައް ހަރުކަށި ކުރުމަށް ޖީ7 ގެ ބައްދަލުވުމުގައި މެންބަރުން އެއްބަސްވެފައިވާ ކަމުގައެވެ. ޓްރަމްޕް ކުރިން ވަނީ ޕުޓިންގެ ޝަރުޠުތަކަށް ދޫދިނުމަށް ޒެލެންސްކީއަށް ބާރުއަޅުއްވާފައެވެ. ނަމަވެސް، އެއީ ވިލާތުގެ އިސްވާރުން ބޭނުންފުޅުވާ ގޮތެއް ނޫނެވެ.
ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ވިލާތުގެ ބައްރުގައި ހިނގާ އެންމެ ލޭއޮހޮރުވުން ބޮޑު މި ހަނގުރާމައިގައި ގިނަ އަދަދެއްގެ ބަޔަކު މަރުވަމުންދާތީ ޓްރަމްޕް ވަނީ މި ފަދަ ހަނގުރާމައެއް ހިނގުމަކީ ބުއްދިއަށް ޤަބޫލުކުރެވޭ ފަދަ ކަމެއް ނޫން ކަމުގައި ސިފަކުރައްވާފައެވެ. އަދި، ހަނގުރާމަ ނިމުމަކަށް ގެންނަވަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ. ޖީ7 ގެ ބައްދަލުވުމުގެ ހަވާސާގައި މީޑިއާއާ ވާހަކަފުޅު ދައްކަވަމުން ޒެލެންސްކީ ވަނީ އިތުރު ހަތިޔާރާއި ވައިގެ ދިފާޢީ ނިޒާމުތައް ހޯދުމަށް ކީވުން ޖީ7 ގެ މެންބަރުންނަށް ހުށަހަޅާފައިވާ ކަން ހާމަކުރައްވާފައެވެ. މޮސްކޯއަށް އޮތް ފިއްތުންތައް ވަރުގަދަ ކުރުމަށް ވެސް އޭނާ ވަނީ ބާރުއަޅުއްވާފައެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެންނެވުމަށް ޓްރަމްޕް ބާރުއަޅުއްވަމުންދާއިރު، ފެބުރުވަރީ 28 ގައި އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގެ މުގުލަކީ އޭނާއެވެ.