ޚަބަރު

ވޯލްޑް ކަޕާ ގުޅުވައިގެން ޕީއެސްއެމުން ޒުވާނުންނަށް ޚާއްޞަ ފިއެސްޓާއެއް


  • މި ފިއެސްޓާ ކުރިއަށް ދާނީ ރޭގަނޑު 08:30އިން 11:30އަށް

  • ފިއެސްޓާއަށް ވަނުމަށް އެންޓްރެންސް ފީއެއް ބޭނުމެއް ނުވާނެ

ވޯލްޑް ކަޕާއި ގުޅިގެން، ޕީއެސްއެމްއިން ޒުވާނުންނަށް ޚާއްސަ ފިއެސްޓާއެއް ބާއްވަން ނިންމައިފިއެވެ.

މި ހަރަކާތުގެ އިތުރު ތަފްސީލްތައް ޕީއެސްއެމް ނިއުސްއާ ހިއްސާކުރައްވަމުން، ޕީއެސްއެމްގެ އެގްޒެކެޓިވް ޑިރެކްޓަރ، ކްރިއޭޓިވް އެންޑް ޕްރޮޑަކްޝަން މުޙައްމަދު ނިޔާޒް ވިދާޅުވީ މި ހަރަކާތަކީ ވޯލްޑްކަޕްގެ ފޯރީގައި އާއްމުންނަށް ތަފާތު ގޮތަކަށް ބައިވެރިވުމަށް ރާވާ އިންތިޒާމް ކުރާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ފިއެސްޓާ އެއް ކަމަށެވެ.

"ވީއާ ޓުވެންޓީ ސިކްސް ފިއެސްޓާ" ފަށަނީ މި މަހުގެ 19ވާ ހުކުރު ދުވަހުގެ ރޭގަނޑެވެ. މި ފިއެސްޓާ ކުރިއަށްދާނީ ޓީވީއެމް ގޯތިތެރޭގައެވެ. ވޯލްޑްކަޕް ކުރިއަށް ދާ މުއްދަތުގައި، މި ފިއެސްޓާ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ ވީހާވެސް ގިނަ ޒުވާނުން ފިއެސްޓާގައި ބައިވެރިވުން. ވޯލްޑްކަޕްގެ ފޯރީގައި އެކި އުމުރުފުރާތަކުގެ މީހުންނަށް ބައިވެރިވެވޭ ފަދަ ހަރަކާތްތަކެއް މި ދަނީ ބާއްވަމުން. ކަރޯކޭ އާއި ފުޑް ސްޓޯލް އަދި ޒުވާން ކުދިންނަށް ކަމުދާނެ ފަދަ މަޖާ ގޭމްތައް ހިމެނޭނެ ފިއެސްޓާގައި." އޭނާ ވިދާޅުވިއެވެ.

ހިލޭ ވަދެވޭ ގޮތަށް ކުރިއަށްގެންދާ ފިއެސްޓާއަށް އަންނަ މީހުންގެ ރެޖިސްޓްރޭޝަން ފިއެސްޓާ ބާއްވާ ރޭތަކުގައި 08:30 އިން ފެށިގެން ކުރިއަށް ދާނެއެވެ. އަދި ރެޖިސްޓަރ ކުރާ ފަރާތްތަކުގެ މެދުގައި ބާއްވާ ގުރުއަތުން ހޮވޭ ފަރާތްތަކަށް ޚާއްސަ ގިފްޓް ޕެކްތަކެއްވެސް ދިނުމަށް ވަނީ ހަމަޖައްސާފައެވެ.

މި ފިއެސްޓާ ކުރިއަށް ދާނީ ރޭގަނޑު 08:30 އިން 11:30 އަށް ކަމަށްވާއިރު، ފުރަތަމަ ފިއެސްޓާ އޮންނާނީ ޖޫން 19 ވާ ހުކުރު ދުވަހުގެ ރޭގަނޑެވެ.

ކަރޯކޭއާއި އާމްރެސްލިންގެ އިތުރުން ފުޓް ސްޓޯލްތައް ހިމެނޭ ގޮތަށް ކުރިއަށްދާ މި ފިއެސްޓާގައި ބުރާސްފަތި ދުވަހު "ޓްރޮޕިކްސް" ބޭންޑުން ޕަރފޯރމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ބޭންޑަކީ ރާއްޖޭގައި ލައިވް މިއުޒިކް ޕަރފޯމްކުރާ ބޭންޑްތަކުގެ ތެރެއިން އެންމެ މަޤްބޫލް ބޭންޑުތަކުގެ ތެރޭގައި ގުނާލެވޭ ހުނަރުވެރި ބޭންޑެކެވެ.

ޕީއެސްއެމްއިން ދަނީ ވޯލްޑްކަޕްއާ ގުޅިގެން އާއްމުންނަށް ހުޅުވާލައިގެން ތަފާތު ހަރަކާތްތައް ބާއްވަމުންނެވެ. އެގޮތުން ކުޑަކުދިންނަށް ޚާއްސަ ކާނިވަލްތަކެއް ބާއްވާފައިވެއެވެ. އެ ކާނިވަލްތައް ކުރިއަށް ދިޔައީ ކުޑަކުދިންގެ ގޭމްތަކާއި، ފުޑް ސްޓޯލްތައް ހިމެނޭގޮތަށެވެ.