އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގެ އެއްބަސްވުމާ ޚިލާފަށް، ލުބްނާނުގެ ބިންތަކަށް ވެރިވެގަނެގެން ދިގު މުއްދަތަކަށް ތިބުމަށް ޔަހޫދީންގެ އިސްތިޢުމާރީ ލަޝްކަރުން ތައްޔާރުވަމުންދާ ކަން ހާމަވެއްޖެއެވެ. ޔަހޫދީ ފައުޖުގެ މަޞްދަރުތަކާ ޙަވާލާދީ ޔަހޫދީ ދައުލަތުގެ މީޑިއާތަކުން ބުނީ، ސިޔާސީ ލީޑަރުން އަމުރުކޮށްފި ނަމަ، ލުބްނާނުގެ ފަސްގަނޑުގައި ދިގު މުއްދަތަކަށް ދެމިތިބުމަށް ޞަހްޔޫނީންގެ ލަޝްކަރު ތައްޔާރަށް އޮތް ކަމުގައެވެ.
ޖޫން 19 ވާ ހުކުރު ދުވަހު ސްވިޓްޒަލެންޑުގައި ވޮޝިންގޓަނާއި ތެހެރާނުން އިބުތިދާއީ އެއްބަސްވުމެއްގައި ތައްޔާރުވަމުންދާއިރުވެސް، ޔަހޫދީ ސިފައިން ބުނަމުންދަނީ ލުބްނާނުގައި ކުރިމަތިވެދާނެ ކޮންމެ ޙާލަތަކަށް ވެސް އެ މީހުން ތައްޔާރަށް ތިބި ކަމުގައެވެ. އަދި، ހަނގުރާމަ ހުއްޓައިލުމުގެ ވާހަކަތައް ދެކެވުނު ނަމަވެސް، ލުބްނާނުގެ ދެކުނުގެ ސަރަޙައްދުތަކަށް ދެމުންދާ ލޭއޮހޮރުވުން ބޮޑު، އަނިޔާވެރި ޙަމަލާތައް ޔަހޫދީން އަދިވެސް ހުއްޓައިލާފައެއް ނުވެއެވެ.
މި މަކަރުވެރި ރޭވުންތަކުގެ ޚަބަރު ފެންމަތިވެފައި މި ވަނީ، އެމެރިކާއާއި އީރާނާ ދެމެދު ވެވޭ އެއްބަސްވުމުގެ ދަށުން ލުބްނާން ހިމެނޭ ގޮތުގައި މުޅި ސަރަޙައްދުގައި ޔަހޫދީން ހިންގަމުންދާ އަސްކަރީ ހަރަކާތްތައް ހުއްޓައިލަން ޖެހޭނެ ކަމުގައި ލުބްނާނުގެ ރައީސް ޔޫސުފް ޢަވްން ވެސް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވެސް ވަނީ، ލުބްނާނުގައި ޔަހޫދީން ހިންގަމުންދާ ޖަރީމާތައް ހުއްޓައިލުމަކީ ވޮޝިންގޓަނާއެކު ވެވޭ އެއްބަސްވުމުގެ ތެރޭގައި ހިމެނޭ މުހިންމު ބައެއް ކަމަށާއި، އޭގެ ތެރޭގައި ލުބްނާނުގެ ބިންތަކުން ޔަހޫދީ ލަޝްކަރުތައް ފޭބުމަށް މަޖުބޫރުވާނެ ކަމުގައެވެ.
މާރިޗު މަހުގެ 2 ވަނަ ދުވަހުން ފެށިގެން ނިރުބަވެރި ޔަހޫދީން ލުބްނާނަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް އެތައް ހާސް ބަޔަކު ޝަހީދުކޮށްލައި، ޒަޚަމުކޮށްލާފައިވާއިރު، މިލިޔަނަކަށްވުރެ ގިނަ އަދަދެއްގެ މީހުންގެ ގެދޮރުވަނީ ގެއްލުވައިލާފައެވެ. ލުބްނާނުގެ ދެކުނުގެ ބައެއް ސަރަޙައްދުތަކަށް ޔަހޫދީން ވެރިވެގަނެގެން އުޅޭތާ އެތައް އަހަރެއް ވެފައިވާއިރު، 2023 އާއި 2024 އާ ދެމެދު ހިިންގި ޖަރީމާތަކުން ފެށިގެން ވެސް ބައެއް ބިންތައް އޮތީ އެ މީހުންގެ އަޅުވެތިކަމުގެ ދަށުގައެވެ. މިހާރު ހިންގަމުންދާ ލޭއޮހޮރުވުން ބޮޑު ޢުދުވާނުގައި ވެސް، ޞަހްޔޫނީ ބާރުތަކުން ވަނީ ލުބްނާނުގެ ސަރަޙައްދީ ރޮނގު ހުރަސްކޮށް 10 ކިލޯމީޓަރަށްވުރެ އެތެރެއަށް ވަދެގަނެ، ބިންތަކަށް ވެރިވެގަނެފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި ކަމަށް ފާޑުވިދާޅުވެފައެވެ. ސަބަބަކީ، ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން ތެހްރާނާއެކު އޭނާ ކުރައްވަމުން ގެންދަވާ މަޝްވަރާތަކަށް ހުރަސްއެޅެމުން ދިޔުމެވެ.