މޭ މަހު ރާއްޖެއިން ދަޅު މަސް ބޭރުކުރި މިންވަރު އިތުރުވެއްޖެއެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މޭ މަހު ރާއްޖެއިން މޭ މަހު ވަނީ 98 މިލިޔަން ރުފިޔާގެ މުދާ ބޭރުކޮށްފައެވެ. ރާއްޖެއިން ބޭރުކުރާ މުދަލުގެ އެންމެ ބޮޑުބައެއް ހިއްސާކުރަނީ މަހުގެ ބާވަތްތަކެވެ. ރާއްޖެއިން އެންމެ ގިނައިން ބޭރުކުރަނީ ދަޅުގައި ބަންދުކުރި މަހާއި، ގަނޑުކުރި ކަޅުބިލަ މަހާއި ކަންނެލީގެ ބާވަތްތަކެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މޭ މަހު ރާއްޖެއިން ދަޅުގައި ބަންދުކުރި މަސް ބޭރުކުރި މިންވަރު އެޕްރީލް މަހާ އަޅާ ބަލާއިރު ވަނީ %22.5 އިތުރުވެފައެވެ.
- އެޕްރީލް: 31 މިލިޔަން ރުފިޔާގެ ދަޅު މަސް
- މޭ: 38 މިލިޔަން ރުފިޔާގެ ދަޅު މަސް
މޭ މަހު ރާއްޖެއިން އެންމެ ގިނައިން މަސް ބޭރުކޮށްފައިވަނީ އިނގިރޭސިވިލާތަށެވެ. އަދި ދެވަނަ އަށް އެންމެ ގިނައިން މަސް ބޭރުކޮށްފައިވަނީ ތައިލޭންޑަށެވެ.
- އިނގިރޭސިވިލާތް: 36 މިލިޔަން ރުފިޔާގެ މުދާ
- ތައިލޭންޑް: 35 މިލިޔަން ރުފިޔާގެ މުދާ
- ފަރާންސޭސިވިލާތް: 6 މިލިޔަން ރުފިޔާގެ މުދާ
- އިންޑިޔާ: 5 މިލިޔަން ރުފިޔާގެ މުދާ
- ޖަރުމަންވިލާތް: 4 މިލިޔަން ރުފިޔާގެ މުދާ
ތަފާސްހިސާބުތައް ދައްކާގޮތުން މޭ މަހު ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓުކޮށްފައިވަނީ ދަޅުގައި ބަންދުކުރި މަހެވެ. ދެވަނަ އަށް އެންމެ ގިނައިން ރާއްޖެއިން އެކްސްޕޯޓުކޮށްފައިވަނީ ގަނޑުކުރި ކަޅުބިލަ މެހެވެ.
- ދަޅު މަސް: 38 މިލިޔަން ރުފިޔާ
- ގަނޑުކުރި ކަޅުބިލަ މަސް: 27 މިލިޔަން ރުފިޔާ
- ގަނޑުކުރި ކަންނެލި މަސް: 18 މިލިޔަން ރުފިޔާ
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މި ދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ދަށްވެފައިވުމުން މަސްވެރިން މަހަށް ނިކުތުމަށް ހިތްވަރުދިނުމުގެ ގޮތުން މިފްކޯއަށް މަސް ގަންނަ އަގު ވަނީ ކިލޯއެއް 20 ރުފިޔާއަށް ބޮޑުކޮށްފައެވެ.
އަދި މަހަށް ރަނގަޅު އަގެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އިނގިރޭސި ވިލާތުން ދިވެހި މަހަށް ނަގަމުން އައި ޓެރިފް ވަނީ 2 އަހަރު ދުވަހުގެ މުއްދަތަކަށް މެދުކަނޑާލާފައެވެ. ރާއްޖެއިން މިހާރު ދަނީ، އިނގިރޭސިވިލާތަށް އަހަރެއްގެ މައްޗަށް 17 މިލިޔަން އިނގިރޭސި ޕައުންޑު ނުވަތަ 25 ވަރަކަށް މިލިޔަން ޑޮލަރުގެ މަސް ބޭރު ކުރަމުނެވެ. މި ލިބުނު ލުއިގެ ސަބަބުން މިއަދަދު ދެގުނަ ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.