2022 ވަނަ އަހަރު ޤަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕުގައި ވަކި މެޗެއްގެ ވާހަކަ ދައްކާނަމަ އެންމެ ގިނަ ބަޔަކު ދައްކާނީ މުބާރާތުގެ ޗެމްޕިއަން އާޖެންޓީނާއަށް، އެ ޓީމުގެ ފުރަތަމަ މެޗުގައި ސަޢުދީ އަރަބިއްޔާ އަތުން ނާކާމިޔާބީއާ ކުރިމަތިވި މެޗުގެ ވާހަކައެވެ.
މި މެޗާއެކު، ފުޓުބޯޅައިގެ ގަދަ ބާރުތަކުން ސަޢުދީއާ މެދު ދެކޭގޮތް، އެ މެޗާއެކު ތަފާތުވެގެން ދިޔައެވެ. އެކަން، މިރޭ ސައުދީއާ ދެކޮޅަށް ނުކުންނަ އުރުގުއޭގެ ކޯޗު، މާސެލޯ ބިއެލްސާވެސް ވަނީ ފާހަގަކޮށްފައެވެ.
1994 ވަނަ އަހަރު އެމެރިކާގައި ބޭއްވި ވޯލްޑްކަޕްގައި ފުރަތަމަ ފަހަރަށް ސަޢުދީ އަރަބިއްޔާ ވާދަކުރި ފަހުން މިއީ އެ ޤައުމުން ފީފާ ވޯލްޑްކަޕްގައި ވާދަކުރާ ހަތްވަނަ ފަހަރެވެ.
އެމެރިކާގައި ބޭއްވި ވޯލްޑްކަޕްގެ ދެވަނަ ބުރުގެ ޖާގައެއް ސަޢުދީން ހޯދި ފަހުން އަދި މިހާތަނަށް އެ ޓީމަށް ގްރޫޕް ސްޓޭޖް ފަހަނައަޅާ ދެވިފައެއް ނުވެއެވެ. އެހެންކަމުން މި ފަހަރު އެމެރިކާ އާއި ކެނެޑާގެ އިތުރުން މެކްސިކޯގައި ބާއްވާ ވޯލްޑްކަޕަކީ ސަޢުދީގެ ނަސީބާ ގުޅިފައިވާ ވޯލްޑްކަޕެއްތޯ ވަނީ ސުވާލު އުފެދިފަ އެވެ.
ފަހަކަށް އައިސް ސަޢުދީން ފުޓްބޯޅަ އަށް ކުރަމުންދާ ހޭދައާއި އެ ގައުމުގެ ފުޓްބޯޅަ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ޓީމަށް ވަނީ ދުނިޔޭގެ ފެންވަރުގެ މަތީ ކޯޗުން ގެނެސްފަ އެވެ. ނަމަވެސް އެންމެ އެދެވޭ ނަތީޖާތަކެއް ހޯދިފައިނުވާއިރު އެންމެ ފަހުން ކޯޗެއްގެ ގޮތުގައި ހުރި ފްރާންސްގެ ހާވޭ ރެނާޑް މަގާމުން ދުރުކޮށް މިހާރުގެ ކޯޗު ޖިއޯޖިއޮސް ޑޮނިސް އަށް ކޯޗުކަން ދީފައިވަނީ މި އަހަރުގެ އޭޕްރިލް މަހުގެ 23 ވަނަ ދުވަހު އެވެ.
ފީފާ ވޯލްޑްކަޕްގެ ކޮލިފައިންގެ އޭޝިޔާގެ ގްރޫޕް ޖީގެ ދެވަނަ ޓީމުގެ ގޮތުގައި ސަޢުދީ ވަނީ ތިންވަނަ ބުރަށް ކޮލިފައިވެފަ އެވެ. ތިންވަނަ ބުރުގެ ގްރޫޕް ސީ ގައި ޖަޕާނާއި އޮސްޓްރޭލިއާގެ ފަހަތުން ސަޢުދީއަށް ލިބިފައިވަނީ ތިންވަނަ އެވެ. ހަތަރުވަނ ބުރުގެ ގްރޫޕް ބީ ގައި އިރާގާއި އިންޑޮނޭޝިޔާ ފަހަތަށް ޖައްސާލުމަށްފަހު ސަޢުދީން ވަނީ ވޯލްޑްކަޕްގެ ޖާގައެއް ހޯދާފަ އެވެ.
ސަޢުދީގެ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ އެ ޓީމުގެ ކެޕްޓަން ސާލެމް އަލް ދޮސާރީ އެވެ. އޭގެ އިތުރުން ފްރާންސްގެ ލީގުގައި ކުޅޭ ސައުދު އަބްދުލް ހާމިދުގެ އިތުރުން 23 އަހަރުގެ މުއްސަބު އަލް ޖުވެއިރު ހިމެނެ އެވެ.
ފަނަރަވަނަ ފަހަރަށް ފީފާ ވޯލްޑްކަޕްގައި އުރުގުއޭ އިން ވާދަކުރާއިރު މިއީ އެ ޓީމުން ވޯލްޑްކަޕްގައި ޖެހިޖެހިގެން ކުޅޭ ފަސްވަނަ ފަހަރެވެ.
މީގެ ކުރިން ދެ ފަހަރު މަތިން ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ އުރުގުއޭ އިން ފަހަކަށް އައިސް ހޯދިފައިވާ އެންމެ ރަނގަޅު ކާމިޔާބީ އަކީ 2010 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ހަތަރުވަނަ މަގާމް ހޯދުމެވެ. ނަމަވެސް އޭގެ ފަހުން 2018 ވަނަ އަހަރުގެ ކުއާޓަރ ފައިނަލަށް ދިޔަ ނަމަވެސް 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުން އުރުގުއޭ ވަނީ ކަޓާފަ އެވެ.
އުމުރުން 70 އަހަރުގެ ތަޖުރިބާކާރު ކޯޗު, އާޖެންޓީނާގެ މާސެލޯ ބިއެލްސާ 2023 ވަނަ އަހަރު އުރުގުއޭގެ ކޯޗު ކަމާ ހަވާލުވުމަށްފަހު އޭނާގެ ތަޖުރިބާގެ އަލީގައި އުރުގުއޭއިން ވަނީ ކޮލިފައިންގައި ރަނގަޅު ނަތީޖާތަކެއް ހޯދާފަ އެވެ. ބިއެލްސާގެ އިރުޝާދުގެ ދަށުން 2002 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުން އާޖެންޓީނާ ވަނީ ކަޓާފަ އެވެ. މިއީ އޭނާގެ ކޯޗިން ހަޔާތުގައި އެންމެ ލަދުވެތި ނަތީޖާވެސްމެ އެވެ. މީގެ އިތުރުން 2010 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ބިއެލްސާ ވަނީ ޗިލީ އަށްވެސް ކޯޗުކޮށްދީފަ އެވެ.
އެމެރިކާ އާއި ކެނެޑާގެ އިތުރުން މެކްސިކޯގައި ބާއްވާ ވޯލްޑްކަޕްގެ ޖާގައެއް އުރުގުއޭ އިން ހޯދާފައިވަނީ ދެކުނު އެމެރިކާގެ ކޮލިފައިންގެ ހަތަރުވަނަ މަގާމް ހޯދުމަށްފަހުގަ އެވެ.
މި ފަހަރުގެ ވޯލްޑްކަޕަށް ތައްޔާރުވުމުގެ ގޮތުން އުރުގުއޭ އިން އެންމެ ފަހުން ކުޅުނު ފަސް މެޗަށް ބަލާއިރު އެ ޓީމު މޮޅުވެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު އުޒްބެކިސްތާނާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އޭގެ ފަހުން މެކްސިކޯ އާއި ދެކޮޅަށް ކުޅުނު މެޗާއި އިންގްލެންޑްގެ އިތުރުން އަލްޖީރިޔާއާ ދެކޮޅަށް ކުޅުނު މެޗުތައް ވަނީ އެއްވަރުވެފަ އެވެ. ނަމަވެސް އެމެރިކާ އަތުން 5-1 ގެ ނަތީޖާއަކުން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހު ބަލިވެފަ އެވެ.
އުރުގުއޭގެ ޓީމުގައި ހިމެނޭ މުހިންމު ކުޅުންތެރިންގެ ތެރޭގައި ރެއާލް މެޑްރިޑާއެކު ކުލަބު ފެންވަރުގެ އެތައް ކާމިޔާބީއެއް ހޯދާފައިވާ ވަލްވާޑޭއާއި ސަޢުދީގެ އަލް ހިލާލަށް ކުޅެމުންދާ ޑާވިން ނޫނޭޒް, މެންޗެސްޓަރ ސިޓީގެ މެނުއެލް އުގާޓޭ, ބާސެލޯނާގެ ރޮނަލްޑް އަރައުހޯ ގެ އިތުރުން މެންޗެސްޓަރ ޔުނައިޓެޑްގ މެނުއެލް އުގާޓޭ ހިމެނެ އެވެ.