ޚަބަރު

ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބު ޖުލައި 11ގައި


  • ކުރިމަތިލުމުގެ ފުރުސަތު ޖޫން މަހުގެ 30ގެ ނިޔަލަށް

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބު، އަންނަ ޖުލައިމަހުގެ 11 ވަނަ ދުވަހު ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އެ އިންތިޚާބު އިޢުލާންކޮށްފައި ވަނީ ޕީއެންސީގެ އޮފީހުގައި ހޯމަ ދުވަހު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއަރޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބުގައި، އިންތިޚާބުކުރާނީ ދާއިރާ ރައީސާއި ދާއިރާގެ ނައިބު ރައީސާއި އަންހެނުންގެ ހަރަކާތުގެ ރައީސާ އާއި ޒުވާނުންގެ ހަރަކާތުގެ ރައީސާ އަދި ސްޓިއަރިން ކޮމިޓީގެ ރައީސްއެވެ. އެ އިންތިޚާބަށް ކުރިމަތިލެވޭނީ އެކަމަށްޓަކާ އެކުލަވާލާފައިވާ ޚާއްސަ ޕޯޓަލްއަކުންނެވެ.

ޕީއެންސީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީއެންސީގެ ދާއިރާތަކަށް ވާދަކުރުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ، އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށް އެ ޕާޓީގެ މަތީ މަޖިލީސް ބާއްވަން ހަމަޖެހިފައި ވާތީ، އޭގެ ކުރިން ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބު ބާއްވަން ޖެހޭ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީގެ ދާއިރާތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ޖޫން 15 ވަނަ ދުވަހުގެ ނިޔަލަށް ޕާޓީގައި ދެމިތިބި މެމްބަރުންނަށްކަމަށެވެ. އަދި ޕާޓީގެ ދާއިރާތަކަށް މީހުން ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލެވޭނީވެސް ޖޫން 15އާ ހަމައަށް އެ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށްކަމަށް އޭނާ ވިދާޅުވިއެވެ.

"އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވުމާއި އެކު ޖުލައި 1 ވަނަ ދުވަހު އަޅުގަނޑުމެން ވަގުތީ ވޯޓާސް ލިސްޓް އިއުލާނުކުރާނަން. އަދި ތިން ދުވަހުގެ މުއްދަތެއް ޝަކުވާ ހުށަހަޅަން ދިނުމަށް ފަހު ދެން ޖުލައި މަހުގެ 4 ވަނަ ދުވަހު ދާއިމީ ލިސްޓު އާއްމުކުރާނޯ." އަބްދުއްރަހީމް ވިދާޅުވިއެވެ.

ޕީއެންސީގެ ހިންގާ ޤަވާއިދު އޮތްގޮތުން ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައި ތިއްބެވި މެމްބަރުންނަކީ އެ ދާއިރާތަކުގެ ރައީސުންކަމަށް ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން، އެ ޕާޓީގެ ދާއިރާތަކުގެ ރައީސުން އިންތިހާބުކުރާނީ އެ ޕާޓީގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގައި ނެތް ދާއިރާތަކުގައި އެކަންޏެވެ.

މަޖިލީހުގެ މެމްބަރެއް ކަމުގައި ވީނަމަވެސް ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް އަމަލުކުރުމާއި، މެމްބަރެއްގެ އަމަލުތަކުގެ ސަބަބުން ޕާޓީ އަށް ގެއްލުންވާ ހާލަތުގައި، އެފަދަ މެމްބަރުން ދާއިރާގެ ރައީސްކަމުން ވަކިކުރުމަކީ ޕާޓީގެ ހިންގާ ގަވާއިދުން، ޕާޓީގެ ލީޑާޝިޕަށް ލިބިދީފައިވާ ބާރެކެވެ. ޕީއެންސީ އިން ވަނީ އެފަދަ ހާލަތެއްގައި މެމްބަރަކު ވަކިކޮށްފައިވާނަމަ އެ ދާއިރާ އަކަށް މީހުން އިންތިޚާބުކުރުންވެސް ޖުލައި 11 ވަނަ ދުވަހު ކުރިއަށް ދާނެކަން ހާމަކޮށްފައެވެެ.