ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފްގައި ނެދަލަންޑްސް އާއި ބައްދަލުކޮށް ނެރެވުނު ނަތީޖާއަކީ މިމުބާރާތުގައި ކުރިއަށް ދާން ލިބިގެންދިޔަ އިތުރު ހިތްވަރެއްކަމުގައި ޖަޕާން ޓީމުގެ ކޯޗު ހަޖީމޭ މޮރިޔާސޫ ހާމަކޮށްފިއެވެ.
އޭނާ މިކަން ހާމަކޮށްފައިވަނީ މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. މޮރިޔާސޫ ހާމަކުރިގޮތުގައި ނެދަލަންޑްސް ފަދަ ޓީމަކާއި ދެކޮޅަށް ކުޅެ ފަހަތުން އަރާ ދެފަހަރު މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ.
މި ނަތީޖާއިން ދައްކުވައިދެނީ ޓީމުގެ އެއްބައިވަންތަކަމާއި އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް ހިތްވަރު އެލުވާނުލާ މަސައްކަތް ކުރުމުގެ ނަތީޖާކަމަށް އޭނާ ފާހަގަ ކުރިއެވެ. އަދި މިމެޗުން ތިން ޕޮއިންޓް ހޯދޭގޮތް ނުވުމުން ދެރަވާކަމަށާއި ނަމަވެސް މިނަތީޖާއިން މިދައްކައިދެނީ ވޯލްޑް ކަޕްގައި މެޗެއް ކާމިޔާބު ކުރުމަކީ ފަސޭހަ ކަމެއް ނޫންކަން ކަމަށް މޮރިޔާސޫ ހާމަކުރިއެވެ.
ހަމައެއާއެކު ޓީމު އެކަތި ގަނޑެއްގެ ގޮތުގައި މަސައްކަތް ކޮށްފިނަމަ ނަތީޖާ ނެރުމަކީ ނުވާނެ ކަމެއް ނޫންކަންވެސް ފާހަގަ ވެގެންދިޔަ ކަމުގައި އޭނާ ބުންޏެވެ. އަދި މިނަތީޖާގެ ސަބަބުން ކުރިއަށް ދިއުމުގައި ޓީމަށް ވަރަށް ބޮޑު ހިތްވަރެއް ލިބިގެން ގޮސްފިކަން އޭނާ ފާހަގަ ކުރިއެވެ. އަދި މިމެޗުން ނެރެވުނު ނަތީޖާއަށް ބިނާކޮށް ކުރިއަށް ހުރި މެޗުތަކަށް މިއަށް ވުރެ ރަނގަޅަށް ތައްޔާރުވެ ނަތީޖާ އިތުރަށް ރަނގަޅު ކުރުމަށް މަސައްކަތް ކުރާނެކަމަށްވެސް މޮރިޔާސޫ ހާމަކުރިއެވެ.
ނެދަލަންޑްސްގެ ކޯޗު ރޮނަލްޑް ކޫމަން ހާމަކުރިގޮތުގައި މުބާރާތެއް ފައްޓާއިރު ފުރަތަމަ މެޗު ކާމިޔާބު ކުރުމަކީ ކޮންމެ ޓީމަކުންވެސް ބޭނުންވާނެ ކަމެއް ކަމަށާއި ނަމަވެސް މިފަހަރު އެކަން ކާމިޔާބުވާގޮތް ނުވީކަމަށެވެ. ނަމަވެސް ނެދަލަންޑްސްއިން އެކަން ބޭނުންވެފައިވާކަން މިމެޗުގައި ދެފަހަރު ލީޑު ނެގުމުންވެސް ހާމަވެގެންދާކަމުގައި ކޫމަން ހާމަކުރިއެވެ.
މިމެޗުގައި ދެފަހަރު ލީޑު ނެގުމާއެކުވެސް މެޗު ކާމިޔާބު ނުކުރެވުމުން ދެރަވާކަމަށާއި ނަމަވެސް މިމެޗުގެ ބޮޑު ބައިގާ މޮޅަށް ކުޅެފައިވަނީ ނެދަލަންޑްްސް އިން ކަމަށް ގަބޫލް ކުރާކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ. މިމެޗުގައި ނެދަލަންޑްސް ޓީމުގެ ފަރާތުން ރަނގަޅު ގިނަ ކަންތައްތަކެއް ފެނިގެންދިޔަ ކަމަށާއި ކުރިއަސް އޮތް ތާންގާ ޓީމުގެ ކުޅުން ވަތީ އިތުރަށް ރަނގަޅު ކަމަށްވެސް ކޫމަން ހާމަކުރިއެވެ.