ޚަބަރު

ވަރުގަދަ ނެދަލެންޑްސްއަށް ޖަޕާން ކައިރިން މޮޅެއް ނުވެވުނު


  • މެޗު އެއްވަރުވީ 2-2އިން

  • ހަތަރު ލަނޑު ޖެހީ ދެވަނަ ހާފުގައި

ފީފާ ވޯލްޑް ކަޕުގައި، ފުޓުބޯޅައިގެ ބޮޑު ނަމެއްގެ ގޮތުގައި ނިސްބަތްކުރެވޭ ނެދަލެންޑްސްއާ ދެކޮޅަށް ކުޅެ ޖަޕާނުން އެއްވަރުކޮށްފިއެވެ.

ގްރޫޕް އެފްގައި ހިމެނޭ މި ދެ ޓީމުން ޑެލަސް ސްޓޭޑިއަމުގައި ބައްދަލުކުރި މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. އެހެންނަމަވެސް މުޅި ހާފުގައި ވެސް މޮޅަށް ކުޅެ، ގޭމް ކޮންޓްރޯލްކުރީ ރޮނާލްޑް ކޫމަންގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ނެދަލެންޑްސް އިންނެވެ.

ހާއްސަކޮށް އެ ޓީމުގެ ފޯވާޑް ޑޮންޔެލް މެލެން ވަނީ ޖަޕާނުގެ ގޯލަށް ނުރައްކާތެރި ތިން ހަމަލާއެއް ފޮނުވާލާފައެވެ. އެހެންނަމަވެސް، ޖަޕާނުގެ ކީޕަރު ޒިއޮން ސުޒުކީ ވަނީ ހުޝިޔާރުކަމާއެކު އެ ހަމަލާތައް ދިފާއުކޮށް، ފުރަތަމަ ހާފުގައި ނެދަލެންޑްސް އަށް ލަނޑެއް ޖެހިޔަނުދީ ހިފަހައްޓާފައެވެ.

މެޗުގެ ފޯރި އިތުރަށް ގަދަވެގެންދިޔައީ މެޗުގެ ދެވަނަ ހާފުގައެވެ. މި ހާފު ފަށައިގެން ހަވަނަ މިނެޓުގައި ނެދަލެންޑްސްއިން ވަނީ ލަނޑެއްޖަހައި މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލިވަޕޫލްގެ ވެސް ފަހަތް ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވެ ހުރި ވާޖިލް ވެންޑައިކެވެ. އޭނާ މި ލަނޑު ޖެހީ އޭނާއާއިއެކު ލިވަޕޫލްގެ ކުޅޭ ރަޔާން ގްރެވެންބާކް ނަގައިދިން ހުރަހަކުން ބޮލުން ފޮނުވާލި ހަމަލާއެއްގައި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

ނެދަލެންޑްސްއިން ލަނޑެއްޖެހިތާ ހަ މިނެޓުފަހުން ޖަޕާނުން މެޗުގައި ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކުރިއެވެ. އޭރިއާ ބޭރުގައި ހުރެފައި ފޮނުވާލި ބާރު ހަމަލާއެއްގައި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެއިޓޯ ނަކަމޫރާއެވެ.

ޖަޕާނުން ނަތީޖާ ހަމަހަމަކުރިތާ ހަތް މިނެޓުފަހުން އަނެއްކާވެސް ނެދަލެންޑްސްއިން ލަނޑެއްޖަހައި ދެވަނަ ފަހަރަށް މެޗުގައި ލީޑުނެގިއެވެ. މި ލަނޑަކީ ވެސް ގްރެވެންބާކް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމުން ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ސަމަވިލްއެވެ.

މި ލަނޑާއެކު މެޗުން މޮޅުވާން ދިޔަ ނެދަލަންޑްސްއަށް ސިހުން ގެނުވީ، މެޗުގެ ފުރިހަމަވަގުތު ހަމަވާން މިނެޓަކަށްވެފައި ވަނިކޮށް، ކޯކީ އޮގާވާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކަމާޑާ ޖެހި ލަނޑާއެކުއެވެ.

މި ނަތީޖާއާއިއެކު ދެ ޓީމަށް ވެސް ޕޮއިންޓަކުން ފަރުޖައްސާލަން ޖެހުނުއިރު މި ދެ ޓީމަށް ލިބެނީ ތާވަލުގެ ދެވަނަ އަދި ތިންވަނައެވެ. ތާވަލުގެ އެއްވަނައިގައި އޮތީ ޓިއުނީޝިއާ ކޮޅަށް ފަސް ލަނޑު ޖެހި ސްވިޑަންއެވެ. ފުލުގައި އޮތީ ޓިއުނީޝިއާ އެވެ.