ފީފާ ވޯލްޑް ކަޕް ގްރޫޕް ސީގެ ފުރަތަމަ މެޗުގައި މޮރޮކޯ އާއި ދެކޮޅަށް މިރޭ ކުޅޭ މެޗުގައި ބްރެޒިލްއިން ވަރަށް ހުށިޔާރު ވަންޖެހޭނެކަމަށް އެޓިމުގެ ކޯޗު ކާލޯ އެންޗެލޯޓީ ހާމަކޮށްފިއެވެ.
އެންޗެލޯޓީ މިކަން ހާމަކޮށްފައިވަނީ މިމެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. މިއީ ކްލަބް ފުޓްބޯޅައިގާ އެންމެ ފާހަގަ ކޮށްލެވޭ އެއް ކޯޗުކަމަސްވާ އެންޗެލޯޓީ ޤައުމީ ޓީމަކާއި އެކު ވާދަވެރި މުބާރާތެއއްގައި ކުރާ ފުރަތަމަ ތަޖްރިބާއެވެ. އެންޗެލޯޓީވަނީ ކޮންމެ ޓީމުގެ ކޮންމެ ކުޅުންތެރިއެއްގެ ހިތުގައިވެސް ޖެހިލުންވުން އޮންނަން ޖެހޭނެކަމަށާއި އެކަން ނެތްނަމަ އެއްވަރެއްގައި މުޅި މެޗުގައި ދޭންޖެހޭ ސަމާލުކަން ނުދެވި ގޯހެއް ހެދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އެންޗެލޯޓީ ބުނީ އެފްރިކާގެ އެންމެ ވަރުގަދަ ޓިމާއި ދެކޮޅަށް ނިކުންނައިރު މެޗު ފެށުނީއްސުރެ ދޭންޖެހޭ ސަމާލުކަން ފުރިހަމައަށް ދޭންޖެހޭނެކަމަށެވެ. އެންޗެލޯޓީ ހާމަކުރުގޮތުގައި މިރޭގެ މެޗުން މޮޅުވާނޭ ބުނަން ވަރަށް އުނދަގޫ ކަމަށާއި ނަމަވެސް އޭނާގެ ޓީމުން މިމެޗުގައި ވާދަކުރާނީ މޮޅުވުމުގެ އުންމީދާއެކުކަމަށެވެ. އަދި މިމެޗަށް އޭނާގެ ޓީމު ރަނގަޅަށް ތައްޔާރުވެފައިވާކަމަށްވެސް އެންޗެލޯޓީ ހާމަކުރިއެވެ.
އެންޗެލޯޓީ ބުނިގޮތުގައި ބްރެޒިލް ޓީމުގައި ހިމެނޭ ތަޖްރިބާކާރު ފޯވަޑް ނޭމާއަށް ލިބިފައިވާ އަނިޔާއިން ރަނގަޅު ވުމަށްޓަކައި ޓީމުގެ ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން ނޭމާ އަންނަނީ ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުން ކަމަށެވެ. އަދި ބްރެޒިލް ޓީމުގައި ނޭމާ ހިމެނީ ހަމައެކަނި އޭނާގެ ޓެކްނިކަލް ގާބިލްކަމަށް ބެލުމަށް އެކަނި ނޫން ކަމަށާއި އޭގެ އިތުރުން އޭނާގެ ތަޖްރިބާގެ ބޭނުން ޓީމުގައި ހިފޭނެތީއާވެސް އެކުގައިކަމަށެވެ.
ބްރެޒިލްގެ ޓީމުގައި މިފަހަރު މުހިންމު ދައުރެއް އަދާކުރާނެކަމަށް ބެލެވިފައިވާ ވިނިޝިއަސް ޖޫނިއަރ ހާމަކުރިގޮރުގައި މިފަހަރުގެ ވޯލްޑް ކަޕާއި ކުރިމަތިލާއިރު އޭނާ ހުރީ ފިޒިކަލް އަދި ޓެކްނިކަލް ގޮތުންވެސް އެންމެ ރަނގަޅު ފޯމުގައެވެ. އަދި އެހެން ކަމުން އޭނާ މިހިރީ ބްރެޒިލް ޓީމަށް ފުރިހަމައަށް އެހީތެރިވެވޭނެ ހާލަތެއްގައި ކަމަށެވެ.
މޮރޯކޯގެ ކޯޗު މުހަންމަދު ވައަހްބީ ހާމަކުރިގޮތުގައި ބްރެޒިލްއިން މޮރޮކޯ ދެކެ ބިރު ނުގައްނާނެކަމަށާއި އަދި ހަމައެއާއެކު އޭނާގެ ޓީމުންވެސް ބްރެޒިލްދެކެ ބިރު ނުގައްނަ ކަމަށެވެ. ނަމަވެސް ބްރެޒިލް އާއި މޮރޮކޯއިންވެސް އެއް ބަޔަކު އަނެއް ބަޔަކަށް އޮންނަ އިހްތިރާމް ކޮންނާނެ ކަމަށެވެ. އަދި އޭނާ ބޭނުންވަނީ މޮރޮކޯ މިހާރު ބޮޑު މުބާރާތެއްގައި ވާދަކުރާނަމަ އެމުބާރާތެއް ކާމިޔާބު ކުރާ ޓީމުތަކުގެ ލިސްޓުގައި ގުނާލެވޭ ޓިމަކަށް ހެދުން ކަމަށެވެ. އެހެން ކަމުން އެކަން ހާސިލް ކުރުމަށްޓަކައި އޭނާ އާއި އޭނާގެ ކުޅުންތެރިންގެ ބޮލުގައި އެޅިފައިވާ ޒިންމާ ބޮޑު ކަމަށް މޮރޮކޯގެ ކޯޗު ފާހަގަ ކުރިއެވެ.
އަދި ބައެއް ފަރާތްތަކުން މިމުބާރާތުގައި ވާދަކުރާ ބްރެޒިލް ޓީމު ކުރީގެ ޓީމުތަކާއި އަޅާބަލާއިރު އެހާ ވަރުގަދަ ނޫން ކަމަށް ބުނަމުން ދިޔަ ނަމަވެސް އޭނާ ޤަބޫލް ކުރާގޮތުގައި ވޯލްޑް ކަޕްގެ އެންމެ ކާމިޔާބު ޓީމު ބްރެޒިލް ވާނީ ބްރެޒިލަށް ކަމަށެވެ. އަދި އެޓީމުގެ ކޮންމެ ދިމާލަކަށް ބަލާލި ނަމަވެސް ފެނިގެންދަނީ ތަޖްރިބާ އާއި ހުނަރުން ފުރިފައިވާ ކުޅުންތެރިންގެ ޓީމެއް ކަމަށާއި އެފަދަ ޓީމަކާއި ދެކޮޅަށް ކުޅުމުގެ ފުރުސަތު ވޯލްޑް ކަޕްގައި ލިބިގެންދިއުމަކީ ބޮޑު ޝަރަފެއް ކަމަށެވެ.