ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް މިފަހަރު ބާއްވާ ތިން ޤައުމުގެ ތެރެއިން އެއް ޤައުމު ކަމުގައިވާ ކެނެޑާގައި މުބާރާތް ފެށުން ކުލަގަދަ ރަސްމިއްޔާތަކާއެކު ފާހަގަ ކޮށްފިއެވެ.
ކެނެޑާ އާއި ބޮސްނިއާ އެންޑް ހާޒެގޮވީނާ ބައްދަލުކުރާ މެޗުގެ ކުރިން ޓޮރޮންޓޯ ސްޓޭޑިއަމްގައި ބޭއްވި މިރަސްމިއްޔާތުގައި އެޤައުމުގެ ސަގާފަތް ދައްކުވާދޭ ގިނަ ހަރަކާތްތަކެއް ފެނިގެންދިޔައެވެ. ކެނެޑާ ތީމަށް ހާއްސަކޮށްގެން ބޭއްވި މިރަސްމިއްޔާތުގައި ފާހަގަ ކޮށްލެވޭ ބައެއް ފައްނާނުންގެ ހުށަހެޅުންތައްވެސް ފެނިގެންދިޔައެވެ.
ފުރަތަމަ ހުށަހެޅުން އެލޭސިއާ ކާރާގެ ފަރާތުން ފެނިގެންދިޔައިރު ނޯރާ ފަތޭހީ އާއި ސަންޖޯއީ އަދި ވެގެޑްރީމް ގުޅިގެން ހުށަހަޅައިދިންލަވާވެސް ފާހަގަ ވެގެންދިޔައެވެ. މީގެއިތުރުން މިރަސްމިއްޔާތުގައި ޖެސީ ރެޔޭސް ބަބްލް އަދި ވިލިއަމް ޕްރިންސްގެ ހުށަހެޅުންތައްވެސް ފެނިގެން ދިޔައެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި ކެނެޑާގައި ކުޅުމަށް ހަމަޖެހިފައިވަނީ 13 މެޗެވެ. އަދި މިމެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ޓޮރޮންޓޯ ސްޓޭޑިއަމް އާއި ވެންކޫވަރގެ ބީސީ ޕްލޭސްގައެވެ. ފީފާއިން މިފަހަރުގެ މުބާރާތް ފެށުމުގެ ގޮތުން މެކްސިކޯގައިވެސްވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.