ސްވިޓްޒަރލެންޑްގެ އާބާދީ 10 މިލިއަނަށް ވުރެ މަތި ނުވާ ގޮތަށް ލިމިޓެއް ކަނޑައަޅަން، ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް އަންނަ އާދީއްތަ ދުވަހު ބާއްވަން ތައްޔާރުވަމުން އަންނައިރު، އެކަން ކާމިޔާބުވެއްޖެނަމަ އިޤްތިޞާދީ ގޮތުން ނޭދެވޭ އަސަރުތައް ކުރާނެކަމަށް ބުނެ ވިޔަފާރިތަކުން ކަންބޮޑުވުންފާޅުކޮށްފިއެވެ.
ސްވިޓްޒަރލެންޑްގެ ކަނާތި ފިޔައިގެ ސްވިސް ޕީޕަލްސް ޕާޓީން އިސްވެ، އާބާދީ 10 މިލިއަންގައި ހިފެހެއްޓުމަށް ވަކާލާތުކުރަމުންދަނީ، އެއަށް ވުރެ ބޮޑު އާބާދީއަކަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދެވޭނެ މިންވަރަށް އުމްރާނީ ވަޞީލަތްތައް ނެތް ކަމަށް ބުނެއެވެ.
އަދި ކުށްކުރުމާއި ކުލި ބޮޑުވުން ފަދަ ކަންކަން ކޮންޓްރޯލްކުރަން ދަތިވާނެކަމަށް މިކަމަށް ތާޢީދުކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ނަމަވެސް، ސްވިޓްޒަރލެންޑްގެ އާބާދީ ލިމިޓުކޮށްފިނަމަ، ބޭރުން ހުނަރުވެރި މަސައްކަތްތެރިން ހޯދަން ދަތިވެ، ވިލާތުގެ ޤައުމުތަކުގެ އިއްތިޙާދާ އޮންނަ ގުޅުން ހީނަރުވާނެކަމުގެ ކަންބޮޑުވުން ވިޔަފާރިތަކުން ދަނީ ފާޅުކުރަމުންނެވެ.
މިގޮތުން، ހޮޓާތައް ފަދަ ތަންތަނުގައި ގިނަ ޢަދަދަކަށް ބިދޭސީން މަސައްކަތް ކުރާއިރު، އެފަދަ ތަންތަން ހިންގުމަށް ދަތިވާނެކަމަށް ދަނީ ބުނަމުންނެވެ.
އެ އާންމު ވޯޓާ ދިމާކޮށް ހިންގާފައިވާ ޕޯލްތަކުން ދައްކާ ގޮތުގައި، 52 އިންސައްތަ މީހުން، އާބާދީ ލިމިޓުކުރުމާ އަދި ދެކޮޅެވެ.
2002ވަނަ އަހަރުގެ ތެރޭގައި އީޔޫ އާއި ސްވިޓްޒަރލެންޑާ ދެމެދު މީހުން ހިޖުރަކުރުން ހުޅުވައިލުމާ ގުޅިގެން ސްވިޓްޒަރލެންޑްގެ އާބާދީ، މިދިޔަ އަހަރުގެ ނިޔަލަށް ވަނީ 9.1 މިލިއަނަށް އިތުރުވެފައެވެ. 2002ވަނަ އަހަރާ ހަމައަށް ސްވިޓްޒަރލެންޑްގެ އާބާދީއަކީ 7.3 މިލިއަނެވެ.
އެންމެ ފަހުގެ ބޯހިމެނުމުގެ ރަސްމީ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، ސްވިޓްޒަރލެންޑްގައި ދިރިއުޅޭ ޖުމްލަ އާބާދީގެ 28 އިންސައްތައަކީ ބިދޭސީންނެވެ.