ޚަބަރު

ވަޒީރު އިރުތިޝާމް ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި


  • 7ވަނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމްގައި ތަޤުރީރުކުރެއްވި

  • ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ވާންގ ޔޫބޯއާ ބައްދަލުކުރެއްވި

ޚާރިޖީ ވަޒީރު އިރުތިޝާމް ޢާދަމް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. ވަޒީރުގެ މި ދަތުރުފުޅަކީ ޗައިނާގެ ކުންމިންގގައި މި މަހުގެ 11 ން 12 އަށް ބޭއްވި 7 ވަނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމް އަދި 10 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ވަޒީރުގެ މި ދަތުރުފުޅުގައި 7 ވަނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ތަޤުރީރު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ބައިނަލްއަޤުވާމީ ސުލްޙައާއި ހަމަޖެހުން ޤާއިމްކުރުމުގައި މަޝްވަރާއާއި، ޑިޕްލޮމަސީގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. އަދި މިކަން ޙާޞިލުކުރުމުގައި ސަރަޙައްދީ ގުޅުމުގެ މުހިއްމުކަން ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ. ވަޒީރު އިރުތިޝާމްގެ ވާހަކަފުޅުގައި ބައިނަލްއަޤުވާމީ މުޖުތަމަޢަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމު ކަމުގެ މައްޗަށްވެސް އަލިއަޅުއްވައިލެއްވިއެވެ. އަދި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި، ސަރަޙައްދުގެ ހަމަޖެހުމާއި ސުލްޙަ މަސަލަސްކަން ކުރިއެރުވުމަށް ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން އެކަމަނާ ދެއްވިއެވެ.

ވަޒީރު އިރުތިޝާމް ވަނީ، 10 ވަނަ ޗައިނާ–ސައުތު އޭޝިއާ އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން އެގްޒިބިޝަން ބައްލަވާލައްވާފައެވެ. އަދި މި އަހަރުގެ އެކްސްޕޯގައި ބައިވެރިވާ ދިވެހި ވިޔަފާރިވެރިންގެ ސްޓޯލްތަކަށްވެސް ވަޒީރު ޒިޔާރަތް ކުރެއްވިއެވެ.

މި ދަތުރުފުޅުގައި ވަޒީރު އިރުތިޝާމް އާދަމް، ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ވާންގ ޔޫބޯއާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި ޔުނާން ޕްރޮވިންސްއާ ދެމެދު އޮތް ގާތް ގުޅުން ފާހަގަކުރައްވައި، ކުރިޔަށް އޮތްތަނުގައި ގުޅުން އިތުރުކުރެވިދާނެ ދާއިރާތަކާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މީގެއިތުރުން، ޔުނާން ޔުނިވަރސިޓީއަށް ވަޑައިގެން، އެ ޔުނިވަރސިޓީގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއި ފެކަލްޓީގައި މަސައްކަތް ކުރައްވާ ދިވެހި ޕްރޮފެސަރއާ ބައްދަލުކުރެއްވިއެވެ. އަދި ދަރިވަރުންގެ ކިޔެވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައި، ދިމާވާ ދަތިތައް އޮޅުންފިލުއްވިއެވެ. ވަޒީރު އިރުތިޝާމް ވަނީ، އެ ދަރިވަރުންނަށް ހިތްވަރު ދެއްވައި، ކިޔެވުމުގައި ކާމިޔާބީއާ ހަމައަށް ވާޞިލްވުމަށްޓަކައި ގަދަ އަޅައި މަސައްކަތްކުރެއްވުމަށްވެސް އެދިވަޑައިގެންފައެވެ.

މި ދަތުރުފުޅުގައި، ޚާރިޖީ ވަޒީރުގެ އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދު ފައިޒަލްއާއި ޑިރެކްޓަރ މަރްޔަމް ބައްސާމާ ފާރޫޤު ބައިވެރިވެ ވަޑައިގެންނެވިއެވެ.