ޚަބަރު

މާލެއިން ފެން ހިންދުމުގެ މަސައްކަތް ސިފައިން ފަށައިފި


  • މިމަސައްކަތް ކުރަނީ 3 ސަރަހައްދެއްގައި

  • ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވަނީ ލަފާކޮށްފައި

ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މާލޭގެ މަގުތަކުން ފެންބޮޑުވަމުންދާތީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންދަނީ 3 ސަރަހައްދެއްގައިކަމަށެވެ. އެއީ މާފަންނު ވެސްޓް ޕާކު ސަރަހައްދާއި އައިޖީއެމްއެޗް ސަރަހައްދުގެ އިތުރުން ސަލްމާނު މިސްކިތް ހިމެނޭ ސަރަހައްދެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އަިދާރާއިން ވަނީ ބ. އަތޮޅުން ފެށިގެން ވ އަތޮޅަ ރީނދޫ ސަމާލު ނެރެފައެވެ.

މި ސަރަހައްދަށް ބޯކޮށް ވާރޭވުހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ރީނދޫ ސަމާލު ނެރފައިވަނީ މިއަދު 12:45 އިން ހަވީރު 17:00 އާ ހަމައަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ކުރިޔަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މޫސުން ގޯސް ވާނެކަމަށް ލަފާކޮށްފައެވެ. އެއިދާރާއިން ވަނީ އުތުރާ މެދު ރާއްޖެތެރެއަށް ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށްފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށެވެ. އަދި ކުރިއަށްއޮތް 24 ގަޑިއިރުވެސް މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ވިއްސާރަކުރާނެކަމށް ލަފާކޮށްފައިވާއިރު، ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

ކުރިއަށްއޮތް 2 ދުވަހުގެ މޫސުމަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ކުރިނަމަވެސް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާނުކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.