ކުޅިވަރު

ފުރަތަމަ ރަތް ކާޑު ރަނގަޅު، ދެ ވަނަ ކާޑު ގޯސް: ބްރޫސް


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ހުޅުވަން ރޭ ކުޅުނު މެޗުގައި މުބާރާތް ބާއްވާ ތިން ގައުމުގެ ތެރެއިން އެއް ގައުމު ކަމަށްވާ މެކްސިކޯ އަތުން 2-0އިން ބަލިވި މެޗުގައި އޭނާގެ ޓީމަށް ދެއްކި ފުރަތަމަ ރަތްކާޑު ރަނގަޅު ކަމަށާއި ދެ ވަނަ ކާޑަކީ ރެފްރީގެ މިސްޓޭކެއް ކަމަށް ދެކުނު އެފްރިކާގެ ކޯޗު ހޫގޯ ބްރޫސް ބުނެފި އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ކޯޗު ބުނީ ވޯލްޑް ކަޕުގެ ފުރަތަމަ މެޗުގައި ދެ ރަތްކާޑު ދެއްކުމަކީ ވެސް އާދައިގެ ކަމެއް ނޫން ކަމަށެވެ.

"ދެ ވަނަ ކާޑާ މެދު އަހަރުމެންނަށް ބަހުސް ކުރެވިދާނެ. އެއީ އަހަރެންގެ ކުޅުންތެރިޔާ ބްލޮކް ކުރީ މެކްސިކޯގެ ކުޅުންތެރިޔާ. އެކަމަކު ރެފްރީ (މެޗުގެ ރެފްރީ ބްރެޒިލްގެ ވިލްޓަން ސަމްޕާއިއޯ) ހުރި ޕޮޒިޝަނުން އޭނާ އަށް ފެނުނު ގޮތް އެއީ. ދެން މި ނިންމުން ޖެހޭނީ ގަބޫލު ކުރަން. ފުރަތަމަ ރަތްކާޑަކީ ކުޅުންތެރިއަކު ގޯލަށް ޖަހަނިކޮށް އޭނާ އަށް ހުރަސް އެޅީ އަހަރުމެންގެ ޔާޔާ. މި ކާޑު ބަލައިގަނެވޭ،" ކޯޗު ބުންޏެވެ.

މި ރަތްކާޑުތަކުގެ ސަބަބުން މި ދެ ކުޅުންތެރިންނަށް ގްރޫޕް އޭގައި ޖޫން 18 ވަނަ ދުވަހު ޗެކިޔާއާ ދެކޮޅަށް ނުކުޅެވޭނެ އެވެ. ނަމަވެސް ކޯޗު ބްރޫސް ބުނީ އެ މެޗާއި ގްރޫޕްގެ ފަހު މެޗުގައި ދެކުނު ކޮރެޔާ އަތުން ވެސް ދެކުނު އެފްރިކާ އަށް މޮޅުވެވިދާނެ ކަމަށެވެ.

"ވޯލްޑް ކަޕް މެޗެއްގައި ދެ ރަތްކާޑު. އަމުދުން ފުރަތަމަ މެޗުގައި ފެނުމަކީ އާދައިގެ ކަމެއް ނޫން. މި ދެ ކުޅުންތެރިންނަށް ޗެކިޔާ މެޗުގައި ނުކުޅެވޭނެ. އެކަމަކު ވެސް އަހަރުމެންގެ ބައިވަރު ކުޅުންތެރިން ވެސް އެބަތިބި. އެހެންވީމާ ދެން އޮންނަ މެޗަށް ތައްޔާރު ވެވިދާނެ. އަހަރެން ދެކޭ ގޮތުގައި މި މެޗުގައި (ޗެކިޔާ މެޗު) އަހަރުމެންނަށް ކާމިޔާބު ކުރެވިދާނެ. އަހަރެންނަށް އިތުބާރު އެބައޮތް ކުރިއަށް އޮތް ދެ މެޗު ވެސް އަހަރުމެންނަށް ކާމިޔާބު ކުރެވިދާނެ ކަމާމެދު. އެއީ ތައްޔާރުވާން ވެސް ހަތް ދުވަސް،" ކޯޗު ބުންޏެވެ.

އޭނާ ބުނީ އެ ދެ މެޗަށް ހާއްސަކޮށް ތައްޔާރުވާން ފަށާނީ މިއަދާއި މާދަމާ ގިނަ ވަގުތު އަރާމު ކުރުމަށްފަހު ކަމަށެވެ.
މެކްސިކޯ އާއި ކެނެޑާ އަދި އެމެރިކާގައި ކުޅޭ މުބާރާތް ހުޅުވަން ކުޅުނު މެޗުން ދެކުނު އެފްރިކާ ބަލިވިއިރު މި ދެ ގައުމަކީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ކުޅުނު ވޯލްޑް ކަޕް ހުޅުވި މެޗުގައި ވެސް ކުޅުނު ދެ ޓީމެވެ. އެ މެޗު ނިމުނީ 1-1އިން އެއްވަރު ވެގެންނެވެ.