އީރާނާއި އެމެރިކާއާ ދެމެދު އަލުން ޙަމަލާ ބަދަކުރަން ފަށާފައިވާއިރު، ޙަމަލާ ދިނުން ހުއްޓާލައި އަލުން މަޝްވަރާގެ މޭޒުގެ ދޮށަށް އެއްވުމަށް ޤައުމުތަކުން ގޮވާލައިފިއެވެ.
އީރާނާއި އެމެރިކާއިން އަނެއްކާ ވެސް ޙަމަލާ ބަދަލުކޮށްފައިވާތީ މެދުއިރުމަތީގެ ހަނގުރާމައަށް ދާއިމީ ނިމުމުމެއް ގެނައުމަށް ކުރަމުންދާ މަސައްކަތަށް ވަނީ ހިޔަނި އެޅިފައެވެ. އެ ޙަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ ޙާލަތު ވަނީ އިތުރަށް ގޯސްވެފައެވެ.
އަލުން ޙަމަަލާ ބަދަލުކުރަން ފެށުމުން އެ ގޮތަށް ޢަަމަލުނުކުރުމަށް ޤައުމުތަކުން ދަނީ ދެ ޤައުމަށް ވެސް ގޮވައިލަމުންނެވެ. އަސްކަރީ ފިޔަވަޅުތައް އަޅާނަމަ މުޅި ސަރަޙައްދުގެ ޞުލްޙައާއި އަމާން ކަން ގެއްލި، ދުނިޔޭގެ އިޤްތިޞާދަށް ބޮޑެތި ލޮޅުންތައް އަންނާނެ ކަަމަށް ސަރުކާރުތަކުން ދަނީ ފާހަގަކުރަމުންނެވެ.
ތުރުކީވިލާތުން ވަނީ އެމެރިކާއާއި އީރާންއާ ދެ ޤައުމުން ވެސް ޙަމަލާ ދިނުން ހުއްޓައިލުމަށް ގޮވާލައިފައެވެ. އެ ޤައުމުގެ ޚާރިޖީ ވަޒީރު ހަކާން ފިޑާން ވިދާޅުވީ ޙަމަލާތަކުގެ ސަބަބުން، ހަމަނުޖެހުންތައް އެކި ސަރަޙައްދުތަކަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރުވެރިކަން އޮތް ކަމަށެވެ.
ޗައިނާއިން ވެސް ވަނީ މިހާރު ކުރިމަތިވެފައި އޮތް ޙާލަތާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޤައުމުން ބުނީ އަސްކަރީ ފިޔަވަޅު އަޅާނަމަ ޙާލަތު އިތުރަށް ގޯސްވާނެ ކަމަށެވެ. ދެ ޤައުމުން ވެސް އަލުން މަޝްވަރާ ކުރުމަށް ގޮވާލައި ޗައިނާއިން ބުނީ ސަރަޙައްދީ ޤައުމުތަކުގެ އިސްތިޤްްލާލަށް އިޙްތިރާމް ކުރަން ޖެހޭ ކަމަށެވެ. އީރާންއާއި އެމެރިކާއާ ދެމެދު ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް މިދިޔަ އޭޕްރިލް މަހުގައި އެކުލަވައިލި އެއްބަސްވުން ޤާއިމްކުރުމުގައި މެދުވެރިއެއްގެ ދައުރު ޢަދާކުރި ޕާކިސްތާނުން ވެސް ބާރުއެޅީ މަޝްވަރާކޮށްގެން ޙައްލެއްް ހޯދުމަށެވެ.
ހަމަ މި މޭރުމުން ވާހަކަދައްކައި ރަޝިޔާއިން ބުނީ ޙަމަލާތަކުގެ މެދުއިރުމައްޗަށް ކުރާ ނޭދެވޭ އަސަރުގެ އިތުރުން ބައިނަލްއަޤްވާމީ އިޤްތިޞަދަށް ވެސް ބޮޑެތި އަސަރުތައް ކުރަމުންދާ ކަމަށެވެ. އެ ޤައުމުން ވެސް ވަނީ ޙަމަލާ ބަދަލުކުރުން ހުއްޓާލައި އަލުން މަޝްވަރާ ކުރުމަށް ގޮވާލައިފައެވެ.
ފާއިތުވި ހަފްތާގެ ތެރޭގައި އެމެރިކާއިން ތިން ފަހަރެއްގެ މަތިން އިންޑިޔާގެ ފަޅުވެރިން މަސައްކަތްކުރާ ޓޭންކަރުތަކަށް އަމާޒުކޮށް ޙަމަލާތަކެއް ދީފައިވެއެވެ. އެ ޙަމަލާތަކުގެ ތެރެއިން އެއް ޙަމަލާގައި އިންޑިޔާގެ ތިން ރައްޔިތުން ވަނީ މަރުވެފައެވެ. އެ ކަމާ ނުރުހުންވެ، އިންޑިޔާއިން ވަނީ އެމެރިކާއިން މިހާރުން މިހާރަށް ޝިޕިންގ ދާއިރާއަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް ހުއްޓައިލުމަށް ގޮވާލައިފެއެވެ. އިންޑިޔާގެ ޚާރިޖީ ވަޒީރުގެ ތަރުޖަމާނު ރަންދީރު ޖައިސްވަލް ވިދާޅުވީ ސުލްޙައާއި ހަމަޖެހުން އަވަސް ގޮތަކަށް އަލުން ރުޖޫޢަވުމަށް މަޝްވަރާކުރަން ޖެހޭ ކަމަށެވެ.
އިންޑިޔާއިން ވަނީ ޙަމަލާތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރުމަށް އެ ޤައުމަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ ސަފީރުއ ވެސް ހާޒިރުކޮށްފައެވެ.