ޚަބަރު

ޑިއުޓީގައި ކަނޑުމަތީގައި ހަރަކާތްތެރިވި ފުލުހަކު ނިޔާވެއްޖެ


  • ނިޔާވެފައިވަނީ ސީނިއާ ސާޖަންޓް އަޙްމަދު އާސިފް

  • މަތިވެރި ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް މައުލޫމާތު ދެއްވާ

ޑިއުޓީގައި ކަނޑުމަތީގައި ހަރަކާތްތެރިވި ފުލުހަކު ނިޔާވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. އެގޮތުން ދަންވަރު ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި "ޕޮލިސް ލޯންޗް 57" ގައި ތިބި ފުލުހުންގެ ތެރެއިން ސީނިއާ ސާޖަންޓް އަޙްމަދު އާސިފް ގެއްލިފައިވާ ކަމަށެވެ.

މި ހާދިސާ ސަމާލުކަމަށް އައުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ފަށާފައިވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތުގެ ތެރެއިން، މޫދު އަޑިން ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާގެ ހަށިގަނޑު މިހާރު އއ. މަތިވެރި ސިއްޙީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށާއި ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ސިއްހީމަރުކަޒުން މައުލޫމާތު ދޭ ކަމަށް ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި ހިތާމަވެރި ދަނޑިވަޅުގައި، ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ނިޔާވި އޮފިސަރުގެ އާއިލާއަށާއި އެކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.

މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރައްވަމުންނެވެ.