ފީފާއިން އިންތިޒާމް ކޮށްގެން އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ވާރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި މަޤްބޫލް ގިނަ ފަންނާނުންތަކެއް ފެނިގެންދާނެކަން ކުރިން ހާމަވެފައިވީ ނަމަވެސް މިހާރުމިވަނީ ހާއްސަ އިތުރު މެހެމާނުންތަކެއް ފެނިގެންދާނެކަން ހާމަކޮށްފައެވެ.
ފީފާއިން އިންތިޒާމް ކޮށްގެން މިހާތަނަށް ބާއްވާ އެންމެ ބޮޑު ވާރލްޑް ކަޕް ފުޓްބޯޅަ މުބާރާތް މިއަންނަ މިރޭ ދަންވަރު މެކްސިކޯގައި ފެށިގެންދާނެއިރު މިމުބާރާތް ފެށުމުގެ ކުރިން ބާއްވާ ހުޅުވުމުގެ ރަސްމިއްޔާތާއި މެޗު ފެށުމުގެ ކުރިން ބާއްވާ ރަސްމިއްޔާތަށް ގިނަ އަދަދެއްގެ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ.
ފީފާއިންނާއި މިމުބާރާތް ބާއްވާ ތިން ޤައުމުން ހާމަކުރާގޮތުގައި މެކްސިކޯ ސިޓީ ސްޓޭޑިއަމްގައި ބާއްވާ މި ރަސްމިއްޔާތު ވެގެންދާނީ ފުޓްބޯޅައިގެ އިތުރުން މިޔުޒިކާއި ސަގާފަތް ދައްކުވާދޭނެ ފާހަގަ ކޮށްލެވޭ ރަސްމިއްޔާތަކަށެވެ.
މެކްސިކޯ އާއި ދެކުނު އެފްރިކާ ބައްދަލުކުރާ ފުރަތަމަ މެޗު ރާއްޖޭ ގަޑިން މިއަންނަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 12 ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާއިރު ހުޅުވުމުގެ ރަސްމިއްޔާތު ފެށުމަށް ފަހަޖެހިފައިވަނީ ރާއްޖޭ ގަނޑިން އެރޭ 10:30 ގަައި ކަމަށް ފީފާއިން ހާމަކުރެއެވެ. އަދި މިމެޗު ބެލުމަށްދާ ކުޅިބެލުންތެރިންނަށް ވަގުތު އޮއްވާ ދަނޑަށް ވަނުމުގެ ފުރުސަތު ދިނުމުގެ ގޮތުން މެޗު ފެށުމުގެ ހަތަރު ގަޑިއިރު ކުރިން ކުޅިބެލުންތެރިންނަށް ދަނޑުގެ ދޮރުތައް ހުޅުވާލުމަށްވަނީ ހަމަޖެހިފައެވެ.
މިރަސްމިއްޔާތުގައި މެކްސިކޯ ސިޓީގެ ފަރާތުން ކުޅިބެލުންތެރިންނަށް މަރުހަބާ ކިޔުމަށް ހަމަޖެހިފައިވަނީ ފީފާގެ އެމްބެސަޑަރެއްގެ ގޮތުގައި ހަރަކާތްތެރިވާ މެކްސިކޯއަށް އުފަން އެމެރިކާގެ ފިލްމީ ތަރި، ޑިރެކްޓަރ އަދި ޕްރޮޑިއުސަރ ސަލްމާ ހަޔެކް ޕިނޯލްޓްއެވެ. އަދި މިރަސްމިއްޔާތުގައި މިފަހަރުގެ މުބާރާތަށް ތައްޔާރުކޮށްފައިވާ ފީފާ ވާރލްޑް ކަޕް އަލްބަމްގެ ލަވަތައް ހުށަހަޅާދިނުމުގައި ބެލިންޑާ، ބަރނާ ބޯއީޒް، ޑެނީ އޯޝަން، ޖޭ ބަލްވިން، ލީލާ ޑޯންސް، ލޮސް އެންޖަލިސް އަޒުލޭސް، މާނާ އަދި ޝަކީރާ ބައިވެރިވާނެއެވެ.
މިރަސްމިއްޔާތު ވެގެންދާނީ މިފަހަރުގެ މުބާރާތުގައި ފެނިގެންދާނެ ތިން ރަސްމިއްޔާތުގެ ތެރެއިން އެއް ރަސްމިއްޔާތަށެވެ. މަޢުލޫމާތުލިބިފައިވާގޮތުގައި މިމުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ އެމެރިކާ އާއި ކެނެޑާގައިވެސް ކުޅެވޭ ފުރަތަމަ މެޗުގެ ކުރިން ހުޅުވުމުގެ ރަސްމިއްޔާތެއް ބޭއްވޭތަން ފެނިގެންދާނެއެވެ.
މެކްސިކޯގާއި ބާއްވާ ހުޅުވުމުގެ ރަސްމިއްޔާތަށްފަހު މެޗު ފެށުމުގެ ކުރިން ފުރަތަމަ މެޗުގައި ވާދަކުރާ ދެޓީމުގެ ތެރެއިން މެކްސިކޯގެ ޤައުމީ ސަލާމް ކިޔުމަށް ހަމަޖެހިފައިވަނީ އެޤައުމުގެ ފަންނާނެއް ކަމަށްވާ އަލެހަންޑްރޯ ފެނާންޑެޒްއެވެ. އަދި ދެކުނު އެފްރިކާގެ ޤައުމީ ސަލާމް ކިޔުމަށް ހަމަޖެހިފައިވަނީ އެޤައުމުގެ ފަންނާނެއް ކަމަށްވާ ޓައިލާއެވެ.
މިމުބާރާތުގެ ތެރެއިން ކެނެޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތު އޮންނާނީ މިއަންނަ ހުކުރު ދުވަހުގެ ރޭ ދަންވަރު ރާއްޖޭ ގަޑިން 12 ޖަހާއިރު ޓޮރޮންޓޯ ސްޓޭޑިއަމްގައި ކެނެޑާ އާއި ބޮސްނިއާ ހާޒެގޮވޯނާ ބައްދަލުކުރާ މެޗުގެ ކުރިންނެވެ. މިގޮތުން މެޗު ފެށުމުގެ 90 މިނެޓް ކުރިން މިރަސްމިއްޔާތު ބޭއްވިގެންދާނެކަމަށް ފީފާއިން ހާމަކުރެއެވެ.
މިރަސްމިއްޔާތުގައި އެލާނިސް މޮރިސެޓް، އެލޭސިއާ ކާރާ، ޖެސީ ރެޔޭސް، މައިކަލް ބަބްލް، ނޯރާ ފަތޭހީ، ސަންޖޯއި، ވެގެޑްރީމް އަދި ވިލިއަމް ޕްރިންސް ފަދަ ފަންނާނުންގެ ހުށަހެޅުންތައް ފެނިގެންދާނެކަމަށްވެއެވެ.
ހަމައެއާއެކު އެމެރިކާގައި ބޭއްވޭ ރަސްމިއްޔާތު އޮންނާނީ މިއަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 6 ޖަހާއިރު ލޮސް އެންޖަލިސް ސްޓޭޑިއަމްގައި އެމެރިކާ އާއި ޕެރަގުއާއީ ބައްދަލުކުރާ މެޗުގެ ކުރިންނެވެ. މިރަސްމިއްޔާތުގައި ބައިވެރިވާ ފަންނާނުންނަށް ބަލާލާއިރު ކެޓީ ޕެރީ، ފިއުޗަރ، އަނީޓާ، ލީސާ، ރޭމާ އަދި ޓައިލާ ހިމެނިގެންދާނެކަމަށްވެއެވެ.
މިފަހަރުގެ މުބާރާތަކީ ފީފާގެ ތާރީހްގައި ތިން ޤައުމެއްގައި ވާރލްޑް ކަޕް ބޭއްވޭ ފުރަތަމަ ފަހަރެވެ. އަދި މިއާއެކު މެކްސިކޯ ވެފައިވަނީ މިމުބާރާތް މިހާތަނަށް ތިން ފަހަރަށް ބާއްވާ ފުރަތަމަ ޤައުމަށްވެސްމެއެވެ.
ފީފާ އާއި މުބާރާތް ބާއްވާ ތިން ޤައުމުގައި ބޭއްވިގެންދާ މި ތިން ރަސްމިއްޔާތާ އެއްގޮތަށް ދުނިޔޭގެ އެކިކަންކޮޅުތަކުގައިތިބި ފުޓްބޯޅަ އަށް ލޯބިކުރާ ހުރިހާ ފަރާތްކަަގެއްގެވެސް އުންމީދަނީ މިރަސްމިއްޔާތުތައްހާ ފޯރިގަދަ ބަލާހިތްވާ ގިނަ މެޗުތަކެއް ފެނިގެންދާ މުބާރާތަކަށް މިފަހަރުގެ ވާރލްޑް ކަޕް ވެގެންދިއުމެވެ.