ޚަބަރު

އިންޓަރ-އޮފީސް 3 އޮން 3 ޗެންޕިއަންޝިޕް ފަށައިފި


  • މުބާރާތުގެ ކުޅުން ކުރިއަށްދަނީ 11 ވަނަ ދުވަހުގެ ނިޔަލަށް

  • މުބާރާތް ކުރިއަށްދަނީ 3 ޑިވިޝަނަކަށް

  • ކުޅުން ކުރިއަށްދަނީ މާފަންނު ސްޓޭޑިއަމް ބާސްކެޓް ކޯޓުގައި

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)އިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަރ-އޮފީސް 3 އޮން 3 ޗެންޕިއަންޝިޕް ފަށައިފިއެވެ.

މާފަންނު ކުޅިވަރު އެކުވެނީގެ ބާސްކެޓްބޯޅަ ކޯޓުގައި މިމުބާރާތް ކުރިއަށްދާއިރު، ފިރިހެނުންގެ ދެވަނަ ޑިވިޝަނުގައި އަށް ޓީމަކުން ވާދަކުރެއެވެ. އެއީ ކްލަބް ފެން، ކްލަބް އެޗްޑީސީ، ދިރާގު، މޯލްޑިވިއަން، އެމްއައިބީ، ޕޮލިސް ކްލަބް، ޔުނައިޓެޑް ބީއެމްއެލްގެ އިތުރުން ޓީމް ރިޔާންއެވެ.

އިންޓަރ-އޮފީސް 3 އޮން 3 ޗެންޕިއަންޝިޕްގެ ފިރިހެނުންގެ ފުރަތަމަ ޑިވިޝަނުގެ ވާދަކުރުމަށް ހަމަޖެހިފައިވަނީ ފަސް ޓީމެވެ. އެއީ ކްލަބް އެޗްޑީސީ، ކްލަބް އިމިގްރޭޝަން، މާލޭ ސިޓީ ކައުންސިލް، ޔުނައިޓެޑް ބީއެމްއެލް އަދި ވިލާ ޓްރެވެލްސްއެވެ.

މިމުބާރާތުގައި ވާދަކުރަމުންދާ އަންހެން ޓީމުތަކަކީ ކަސްޓަމްސް ރެކްރިއޭޝަން ކްލަބް، ކްލަބް އިމިގްރޭޝަން، ޑަބަލްސްލިޓް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ޔުނައިޓެޑް ބީއެމްއެލްއެވެ.

ފިރިހެން 1 ވަނަ ޑިވިޝަން، ފިރިހެން 2 ވަނަ ޑިވިޝަން އަދި އަންހެން ޑިވިޝަނުން ޓީމުތައް ކުޅޭ މިމުބާރާތުގައި ވާދަކުރަނީ ސަރުކާރު އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި އަމިއްލަ ކުންފުނިތަކުގެ ޓީމުތަކެވެ. މުބާރާތް ހަމަޖެހިފައިވާގޮތުން ކޮންމެ އޮފީސް/ކުންފުންޏަކަށްވެސް ކެޓަގަރީއެއްގައި ބައިވެރިކޮށްފައިވަނީ 1 ޓީމެވެ.

އިންޓަރ-އޮފީސް 3 އޮން 3 ޗެމްޕިއަންޝިޕްގެ ގަވާއިދަށް ބަލާއިރު، މުބާރާތުގައި ވާދަކުރާ ޓީމެއް ނަމަ، ކޮންމެ ޓީމެއްގައި 4 ކުޅުންތެރިންނާއި ޓީމު އޮފިޝަލަކު ހިމަނަންޖެހެއެވެ.

މިމުބާރާތުގެ 1 ވަނަ ޑިވިޝަނުގައި ވާދަކުރާ ޓީމުތަކުގެ ތެރޭގައި ހިމެނޭ ކުޅުންތެރިންގެ ތެރޭގައި އެންމެފަހުގެ ގައުމީ ލީގުގެ 1 ވަނަ ޑިވިޝަނުގައި ކުޅެފައިވާ އެއްވެސް ކުޅުންތެރިޔަކަށް ނުކުޅެވޭނެއެވެ.

އެހެންނަމަވެސް ޓީމުގައި އޮފީހުން ނުވަތަ ކުންފުނިން ބޭރުގެ 1 ކުޅުންތެރިޔަކު ހިމެނުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ. އަދި އޮފީސް ނުވަތަ ކުންފުނީގައި ވަޒީފާ އަދާކުރާނަމަ ބިދޭސީ މުވައްޒަފުންވެސް ޓީމުގައި ޖެއްސިދާނެކަމަށް އެމްބީއޭއިންވަނީ ބުނެފައެވެ. އެހެންނަމަވެސް ބިދޭސީ ކުޅުންތެރިން ޓީމުގައި ހިމަނާނަމަ އެކުޅުންތެރިންގެ ވޯކް ޕާމިޓްގެ ކޮޕީއެއް އެމްބީއޭއަށް ޓީމް ލިސްޓާއިއެކު ހުށަހެޅުމަށް އެއެސޯސިއޭޝަނުން ލާޒިމްކޮށްފަވެއެވެ.

އިންޓަރ-އޮފީސް 3 އޮން 3 ޗެންޕިއަންޝިޕްގެ ކުޅުން ކުރިއަށްދަނީ މާފަންނު ކުޅިވަރު އެކުވެނީގެ ބާސްކެޓްބޯޅަ ކޯޓުގައި ކޮންމެ ދުވަހަކު އިރުއޮއްސި ހަތަކުން ރޭދަނޑު 11:30 އަށެވެ. މުބާރާތް ކުރިއަށްދާނީ މިމަހުގެ 9 އިން 11 ގެ ނިޔަލަށެވެ.