ޚަބަރު

ޝަމްޢާނަށް 25 އަހަރުގެ ޖަލު ޙުކުމެއް


  • އޭނާގެ މައްޗަށް އުފުލާފައިވާ 3 ދަޢުވާ ވެސް ވަނީ ސާބިތުވެފައި

އިމިގްރޭޝަނުގެ ކުރީގެ ކޮންޓްރޯލަރ މުޙައްމަދު ޝަމްއާން ވަހީދު 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ކަނޑައަޅާފައިވަނީ ޝަމްއާންގެ މައްޗަށް ދައުލަތުން ކުރާ ތިން ދައުވާ ވެސް ޝައްކެއް ނެތް މިންވަރަށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ. ޝަމްޢާން މައްޗަށް ދައުލަތުން ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއާއި، މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާކޮށްފައިވެއެވެ. 3 ދައުވާވެސް އޭނާގެ މައްޗަށް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

އޭނާގެ މައްޗަށް އެންމެ ބޮޑު ޙުކުމެއް އައީ މަނީލޯންޑަރިންގެ ކުށުގެ ދައުވާއަށެވެ. އެ ދައުވާ ސާބިތުވުމާއެކު 15 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އަދި ފޭރުމުގައި ބައިވެރިވި ކަމުގެ ދައުވާގެ އަދަބަކަށް 8 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އޭނާ މަޤާމުގައި ހުރެ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށްވެސް ވަނީ އޭނާގެ މައްޗަށް ސާބިވެފައެވެ. އޭގެ އަދަބެއް ގޮތުގައި ދެ އަހަރު ޖަލު ހުކުމެއް ކޯޓުން ވަނީ އޭނާ މައްޗަށް އިއްވާފައެވެ. ޖަލު ހުކްމްތައް އޭނާ ތަންފީޒު ކުރާނީ އޭނާ މިމައްސަލާގައި ޖަލުގައި ހުރި މުއްދަތު އުނިކުރުމަށް ފަހުއެވެ.

މީގެއިތުރުން ޝަމްއާން ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ. އަދި ބިދޭސީ މީހާގެ އަތުން ފޭރިގަތް ފަސް ލައްކަ ރުފިޔާ ތިން މަސް ތެރޭގައި އެމީހާއަށް ކޯޓުން އޭނާ މައްޗަށް ހުކުމްކޮށްފައިވެއެވެ.

މިމައްސަލާގައި ޝަމްއާން ދިރިއުޅެމުންދާ ގެ ފުލުހުން ބަލާފައި ފާސްކޮށްފައިވާއިރު، އަދި ޝަމްއާންގެ ގެއިން ފެނުނު އެގެއިން ފެނުނު 200،000 ރުފިޔާ އާއި 10،000 ޑޮލަރުގެ ތެރެއިން 125،00ރ. އަށްވާ ވަރަށް ދިވެހި ފައިސާ ދައުލަތަށް ނަގައިދިނުމަށް ކޯޓުން އަނގާފައިވެއެވެ.

މައްސަލަ ބެއްލެވި ޤާޒީ އިބްރާހިމް އިހުސާން ވަނީ ޝަމްއާންގެ މައްޗަށް އެންމެ ބޮޑު އަދަބު ކަނޑައެޅީ އޭނާގެ މިޢަމަލުގެ ސަބުބުން އިމިގްރޭޝަންގެ އަގު ވެއްޓިފައިވާތީ ކަމަށް ވިދާޅުވެފައެވެ. އަދި އިމިގްރޭޝަންގެ އެންމެ މަތީ ފަރާތުގެ ގޮތުގައި ހުރެ ބިދޭސީންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ބަދަލުގައި އަމިއްލަ ފައިދާއަށް މަސައްކަތްކޮށްފައިވާ ކަމަށް ޤާޒީ އިހުސާން ވިދާޅުވއިެވެ.

ޙުކުމް އިއްވުމުގެ ކުރިން އަދަބާ ގުޅޭ ގޮތުން ވާހަކަ ދައްކަން ދިން ފުރުޞަތުގައި ދައުލަތުން އެދިފައިވަނީ ޝަމްއާންގެ މައްޗަށް އެންމެ ބޮޑު އަދަބު ކަނޑައަޅައިދިނުމަށެވެ. އެއީ މީގެކުރިން ފެނެކަ ކޯޕަރޭޝަންގެ ކުރީގެ އެމްޑީ މުހައްމަދު ސައީދުގެ މައްޗަށް ހުކުމް އިއްވި އުސޫލުން ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވައިގެން ހިންގާ ކުށްތަކަށް ބޮޑެތި އަދަބު ދިނުމަށް ނިންމާފައިވާތީއެވެ.