ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އެންސްޕާ ވުޖޫދަށް އައިސްފައިވަނީ 2008 ވަނަ އަހަރު ރާއްޖޭގެ އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އެކި ގޮތްގޮތުން އެހީ ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އެންމެ މުހިއްމު މަސައްކަތްކުރާ އެއް އިދާރާއަކީ އެންސްޕާއެވެ. ސަރުކާރުން މިހާރުވަނީ އެންސްޕާއިން ބޭސްފަރުވާއާއި ގުޅިގެން ދޭ ވެލްފެއަރގެ އެހީގެ ކަންކަން އާސަންދައަށް ބަދަލުކޮށްފައެވެ.
އެންސްޕާގެ ދަށުން ދެމުންދިޔަ ވެލްފެއަރގެ މަސައްކަތްތައް އާސަންދައަށް ބަދަލުކުރިނަމަވެސް އެންސްޕާގެ އެހީގެ ދަށުން ހިންގާ ޕްރޮގްރާމްތައް ކުރިއަށްދާނެއެވެ. ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑިރެކްޓަރ ޖެނެރަލް ސުނީތާ ޢަބްދުﷲ ވިދާޅުވީ ހެލްތު އިންޝުއަރެންސްގެ ވެލްފެއަރގެ ކަންކަން އާސަންދައިގެ ދަށަށް ބަދަލުކުރިނަމަވެސް ރެގިއުލޭޓަރީ ބޮޑީއެއްގެ ހައިސިއްޔަތުން އެކަންކަން އެންސްޕާއިން ބަލަމުންދާނެކަމަށެވެ. އަދި ރަނގަޅުކުރަންޖެހޭ ކަންކަން ދެނެގަނެ އެކަންކަން ރަނގަޅުކުރުމަށް އެހީތެރިވަމުންދާނެކަމަށް ވިދާޅުވިއެވެ.
"އެންސްޕާއިން ދެމުންދިޔަ ވެލްފެއަރގެ ޚިދުމަތްތައް 1 ޖޫން އިން ފެށިގެން ބަދަލުވެގެން ދިޔަނަމަވެސް، 31 މެއި 2026 އާއި ހަމައަށް ލިބިފައި ހުރި ހުރިހާ އެޕްލިކޭޝަންތަކެއް ކުރީގެ ހުރި އިންތިޒާމުތަކުގެ ތެރެއިން އެންސްޕާއިން ޖަވާބުދާރީވަމުންދާނެ." ސުނީތާ ވިދާޅުވިއެވެ.
އެންސްޕާއިން ވިދާޅުވީ ޚިދުމަތްތައް ބަދަލުވާ މިދަނޑިވަޅުގައިވެސް އެހީއަށް އެދޭ ފަރާތްތަކަށް އެއްވެސް ދަތިކަމެއް ނެތި ޚިދުމަތް ލިބޭނެކަން ކަށަވަރުކުރުމަށް މަސައްކަތްކުރަމުންދާކަމަށެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން ފޯރުކޮށްދެމުންދިޔަ މެޑިކަލް ވެލްފެއަރ ސްކީމް ހިންގުން 2026 ޖޫން 1 ވަނަ ދުވަހުން ފެށިގެން އާސަންދަ ކުންފުނީގެ ދަށަށް ވަނީ ބަދަލުކޮށްފައި. pic.twitter.com/gMPaqA3GzC
— NSPA (@NSPAmaldives) June 1, 2026
އެންސްޕާ މެދުވެރިކޮށް ދޭ އެހީތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީފޯރުކޮށްދިނުމާއި، ފަގީރު ޙާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީއެހީގެ ޕްރޮގްރާމާއި، ފަގީރު ޙާލަތުގައި މައިންބަފައިންގެ އެހީތެރިކަމެއް ނެތި ކުދިން ބަލަހައްޓާ މީހުންނަށާއި އެކުދިންނަށް ދޭ އެހީގެ ޕްރޮގްރާމާއި، ފަގީރު ޙާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ކާބޯތަކެތި ގަތުމަށްދެވޭ މާލީ އެހީގެ ޕްރޮގްރާމް ހިންގުން ހިމެނެއެވެ.
އާސަންދައިގެ ދަށަށް ވެލްފެއަރގެ ޚިދުމަތްތައް ބަދަލުވެގެންދިޔުމާއެކު ކުރިއަށްވުރެ ބޮޑަށް ބޭސްފަރުވާގެ ޚިދުމަތްތައް ހޯދުމަށް ލުއިފަސޭހަވާނެކަމަށް އާސަންދައިން ވިދާޅުވެއެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާސަންދައިގެ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޒީނިޔާ ވިދާޅުވީ، ޚިދުމަތްތައް ކުރިއަށްއޮތްތަނުގައި ފަސޭހަވާނެކަމަށެވެ.
"މިގެނެވުނު ބަދަލާއެކު ބޭސްފަރުވާގެ ހުރިހާކަމެއް އެއްފުރާޅެއްގެ ދަށުން ލިބިގެންދާނެ. ކުރިން ވަރަށް އޮޅުން އަރާފަ އެބަހުރޭ ކޮން ޞިއްޙީ ފަރުވާގެ ޚިދުމަތެއްކަން އާސަންދައިގެ ދަށުން ލިބެނީ އަދި އެންސްޕާއިން ކޮން ޚިދުމަތެއްކަން ލިބެނީ ނޭނގިގެން." ޒީނިޔާ ވިދާޅުވިއެވެ.
ބޭސްފަރުވާއާއި ގުޅިގެން ހޯދަންޖެހޭ އެކި އާލާތްތަކާއި ޑިވައިސްތަކާއި، ރާއްޖެއިން ބޭރަށް ފަރުވާއަށް ދިޔުމާއި މާލީ އެހީތެރިކަމަށް އެދުމުގެ ކަންކަން މިމަހުގެ 1 އިން ފެށިގެން ލިބޭނީ އާސަންދައިގެ ދަށުންނެވެ.