ރާއްޖެއިން ހިމަބިހި ނުވަތަ މީސްލްސްއަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު 15 އަށް އަރައިފިއެވެ. ރާއްޖެއިން ހިމަބިހީގެ ކޭސްތަކެއް ފެނުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިންދަނީ ބަލިޖެހުނު މީހުންނާ ދިމާވި މީހުން ދެނެގަނެ ހާލަތު ވަރަށް ގާތުން މޮނީޓަރކުރަމުންނެވެ.
ރާއްޖެއަކީ ހިމަބިހި އެއްކޮށް ނައްތާލެވިފައިވާ ޤައުމެއްކަމުން ރާއްޖެއިން ހިމަބިހީގެ ކޭސްތަކެއް ފެނުމުންދަނީ ކޭސްތައް ވަރަށް ގާތުން ބަލަމުންނެވެ. އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއިން މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހު ބަލީގެ ކޭސްއެއް ފެނުނު ފަހުން މިހާތަނަށް 15 މީހަކުވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. މީގެތެރެއިން 4 މީހުންނަކީ މިދިޔަ ހަފުތާގެ ތެރޭގައި ބަލި ޖެހުނު މީހުންނެވެ. މިހާތަނަށް ޕޮޒިޓިވްވި އެންމެން ފެނިފައި ވަނީ މާލެ ސަރަހައްދުންނެވެ.
އެޗްޕީއޭއިން ވިދާޅުވީ، ދުނިޔޭގެ އެހެން ޤައުމުތަކާއި އަވައްޓެރި އެކި ޤައުމުތަކުގައި ހިމަބިހީގެ ކޭސްތައް ނުރައްކާ މިންވަރަކަށް އިތުރުވެފައިވާކަމަށެވެ. ރާއްޖެއަށް އެކި ޤައުމުތަކުން ވަރަށް ގިނަ މީހުން ޒިޔާރަތްކުރުމާއި ދިވެހިންވެސް އެކި ޤައުމުތަކަށް ދަތުރުކުރުމަކީ އެހެން ޤައުމުތަކުން މިބަލި ރާއްޖެއަށް އައުމަށް އޮތް ފުރުސަތެއްކަމަށެވެ. އެހެންނަމަވެސް ރާއްޖޭގައި މީސްލްސްއާއި ދެކޮޅަށް ކުރިއަށްގެންގޮސްފައިވާ ވެކްސިން ކެމްޕޭންތަކުގެ ސަބަބުން ބަލީގެ ނުރައްކާވާމިންވަރު ކުޑަކަން އެޗްޕީއޭއިން ފާހަގަކުރައްވައެވެ.
ބަލި ޖެހިފައިވާ މީހުން ފެނުމުން ކޮންޓެކްޓް ޓްރޭސިންގއަށް އެއްބާރުލުން ދެއްވުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. އެހެންކަމުން އެޗްޕީއޭއިން ގުޅުމުން އެމީހަކާއި ބައްދަލުވި މީހުންނާއި ދަތުރުކުރި ގޮތުގެ ތަފްސީލް ހިއްސާކޮށްދިނުމަށްވަނީ އެދިފައެވެ.
ވޭތުވެދިޔަ ހަފްތާގައި ހިމަބިހި (މީސްލްސް) ކޭސްތަކުގެ އަދާހަމަ #measles pic.twitter.com/ZPi6Qb8Axk
— Health Protection Agency (@HPA_MV) June 9, 2026
އެޗްޕީއޭއިން މިހާރުވެސްދަނީ ހިމަބިހިން ރައްކަތެރިވުމަށް ވެކްސިން ނުޖަހާ މީހުންނަށް އަދި ވެކްސިން ޖެހިކަން ކަށަވަރުނުވާ ފަރާތްތަކަށް އަމާޒުކޮށްގެން ވެކްސިން ކެމްޕޭނެއް ފެށުމަށް ތައްޔާރުވަމުންނެވެ. އެގޮތުން ވެކްސިން ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިހާރު ވެކްސިން ދެމުންދަނީ ހިމަބިއްސަށް ޕޮޒިޓިވްވާ ފަރާތްތަކުގެ ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ ފަރާތްތަކަށެވެ.
ހިމަބިހި މިދުވަސްވަރު އިތުރުވަމުންދާތީ ބަލީގެ ޢަލާމާތެއް ފެނިއްޖެނަމަ އަވަހަށް ސިއްޙީ ފަރުވާދޭ ތަނަކަށް ދިޔުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. ހިމަބިހީގެ ޢަލާމާތްތަކުގެ ތެރޭގައި ހަށިގަނޑުގައި ކުދި ރަތް ބިހިތަކެއް ނެގުމާއެކު ހުން އައުން ހިމެނެއެވެ.
ހުމަ ރޯގާގެ އެއްވެސް ޢަލާމާތެއް ހުރި ފަރާތެއްނަމަ މިދުވަސްވަރު މާސްކު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. އަދި ގިނަގިނައިން އަތްދޮވުމަށް އިރުޝާދުދެއްވައެވެ. ހަމައެއާއެކު ހުމާއި ރޯގާގެ ޢަލާމާތްތައް ހުންނަ ނަމަ ކުޑަކުދިންނާއި ބޮޑެތި މީހުންވެސް، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.
ހިމަބިހީގެ ނުރައްކާ ބޮޑުވަނީ ދިފާޢީ ނިޒާމު ބަލިކަށި މީހުންނާއި ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނެވެ. އެހެންކަމުން ހިމަބިހީގެ ވެކްސިން 2 ޑޯޒު ފުރިހަމަކޮށްފައި ހުރިކަން ކަށަވަރުކުރުމަކީ މުހިއްމުކަމެކެވެ.