ޚަބަރު

ޣައްޒާގެ ކުޑަކުދިންނަށް އަމާޒުކޮށް ހަމަލާދިނުމާ ބެހޭ ރިޕޯޓަށް ޚާއްޞަ އެވޯޑެއް


ޣައްޒާގެ ކުޑަކުދިންނަށް ގަސްދުގައި އަމާޒުކޮށްގެން ޔަހޫދީން ދޭ ޙަމަލާތަކާ ގުޅޭގޮތުން ނެދަލެންޑްސްގެ ނޫހެއް ކަމަށްވާ ޑީ ވޮލްކްސްތަންޓްއިން ތައްޔާރުކޮށްފައިވާ ރިޕޯޓަކަށް ނޫސްވެރިކަމުގެ ދާއިރާއިން ދޭ ޚާއްޞަ އެވޯޑެއް ކަމަށްވާ ޔޫރަޕިއަން ޕްރެސް ޕްރައިޒް 2026 ލިބިއްޖެއެވެ. އެ އެވޯޑަކީ ނޫސްވެރިކަމުގެ ދާއިރާއިން ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ.

“ވަޓް ދަ ވޫންޑްސް ޓެލް” ނުވަތަ ޒަޚަމްތަކުން ބުނެދޭ ވާހަކަ، މި ނަމުގައި ތައްޔާރުކޮށްފައިވާ ރިޕޯޓުގެ ފަހަތުގައިވާ ދެ ނޫސްވެރިންނަކީ ޑީ ވޮލްކްސްތަންޓްގެ ދެ ނޫސްވެރިން ކަމަށްވާ މައުޑް އެފްޓިންގއާއި ވިލެމް ފީންސްޓްރާއެވެ. އެ ރިޕޯޯޓުގައި ޣައްޒާގެ އުމުރުން 15 އަހަރުން ދަށުގެ 114 ކުއްޖެއް ގަޔަށް ޔަހޫދީން ބަޑިޖަހާފައިވާ ހާދިޘާތައް ބަޔާންކޮށްފައިވެއެވެ. ރިޕޯޓުގައި ބުނީ އެ ކުދިންގެ ގަޔަށް ޖަހާފައި ވަނީ އެންމެ ވަޒަނެއް ކަމަށެވެ. އަދި އެ ވަޒަންތައް އަރާފައި ވަނީ އެ ކުދިންގެ މެޔަށް، ނުވަތަ ބޮލަށް ކަމަށް ވެސް ބުނެފައިވެއެވެ. އެ ކުދިންގެ ތެރެއިން ގިނަ ކުދިން ޝަހީދުވެފައިވާއިރު، ޝަހީދު ނުވާ ކުދިންގެ ތެރެއިން ގިނަ ކުދިންނަކީ މިހާރު ނުކުޅެދޭ ކުދިން ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. ޔަހޫދީން ޙަމަލާތައް އަމާޒުކޮށްފައިވާ ކުދިންގެ ތެރޭގައި އުމުރުން 3 އަހަރާއި 4 އަހަރާއި 7 އަހަރުގެ ކުދިން ވެސް ހިމެނެއެވެ.

ރިޕޯޓު ތައްޔާރުކުރުމަށް ޑީ ވޮލްކްސްތަންޓްއިން ވަނީ އެމެރިކާއާއި އިނގިރޭސިވިލާތާއި އޮސްޓްރޭލިޔާއާއި ކެނެޑާއާއި ނެދަލެންޑްސްއަށް ނިސްބަތްވާ 17 ޑޮކްޓަރުންނާއި ނަރުހަކަށް ވާހަކަ ދައްކައިފައެވެ. އެ ހުރިހާ ޞިއްޙީ ޚިދުމަތްތެރިންނަކީ ވެސް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޣައްޒާ ޤަތުލްޢާންމު ފެށުމަށް ފަހު ޣައްޒާގެ ހަ ހަސްފަތާލަކާއި ހަތަރު ކްލިނިކެއްގައި މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރުންނެވެ. ނއޭގެ ތެރެއިން 15 ޑޮކްޓަރުން ބުނީ އެންމެ ވަޒަނެއް އަރާފައިވާ 15 އަހަރުން ދަށުގެ 114 ކުދިންނަށް އެ ޑޮކްޓަރުން ފަރުވާދީފައިވާ ކަމަށެވެ. އެ ކޭސްތަކަކީ 2023ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން 2025ވަނަ އަހަރުގެ މެދަކާ ހިސާބަށް، ޣައްޒާގެ 10 ޞިއްޙީ މަރުކަޒެއްގައި ރެކޯޑުކޮށްފައިވާ ކޭސްތަކެކެވެ.

ރިޕޯޓަށް ދީފައިވާ ބަސްދީގަތުމެއްގައި ކުދިންނަށް ފަރުވާ ދިނުމުގައި ޙަރަކާތްތެރިވި އެމެރިކާގެ ޑޮކްޓަރެއް ކަމަށްވާ ފީރޯޒް ސިދްވާ ވިދާޅުވީ އޭނާ ޣައްޒާގައި ހުންނަ ޔޫރަޕިއަން ހޮސްޕިޓަލަށް ފުރަތަމަ މަސައްކަތަށް ނިކުުތް ދުވަހު، 48 ގަޑިއިރުގެ ތެރޭގައި ބޮލަށް ވަޒަން އަރާފައިވާ އުމުރުން 10 އަހަރުން ދަށުގެ ހަތަރު ފިރިހެން ކުދިން އެ ހަސްފަތާލަށް ގެނައި ކަމަށެވެ. ޖެހިގެން އައި 13 ދުވަހުގެ ތެރޭަގައި ވެސް ހަމަ އެގޮތަށް ވަޒަން އަރާފައިވާ 9 ކުދިން ގެނައި ކަމަށް އޭނާ ބުންޏެވެ. އެހާ ކުރު މުއްދަތެއްގެ ތެރޭގައި އެއްކަހަލަ ޒަޚަމްތަކަކާއެކު އެހާ ގިނަ ކުޑަކުދިން އެ ހަސްފަތާލަށް ގެނެސްފައި ވުމުން އެއީ ގަސްތުގައި، ރާވައިގެން ދީފައިވާ ހަމަލާތަކެްއް ކަން ޔަޤީންވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެ ފަދަ އަނިޔާއަކީ އޮޅުމަކުން ދެވޭ އަނިޔާއަކަށް ނުވާނެ ކަމަށް ވެސް ޑޮކްޓަރުން ފާހަގަކުރެއެވެ. ފޮރެންސިކް މާހިރުން ވެސް ވަނީ އެއީ ރޭވުންތެރި ޙަަމަލާތަކެއް ކަމަށް ބެލެވޭ ކަމަށް ވިދާޅުވެފައެވެ.