ޚަބަރު

ރަތް ކަނޑުން ދަތުރުކުރާ ޔަހޫދީންގެ އުޅަނދުތަކަށް ޙޫޘީން ޙަމަލާދެނީ


މެދުއިރުމަތީގައި ޔަހޫދީންގެ އިސްވެ ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން، ރަތް ކަނޑު ހުރަސްކުރަން މަސައްކަތް ކުރާ ޔަހޫދީންނާ ގުޅުންހުރި އުޅަނދުފަހަރަށް ޙަމަލާދޭނެކަމުގެ އިންޒާރު، ޔަމަނުގައި ޙަރަކާތްތެރިވާ ޙޫޘީންގެ ޖަމާޢަތުން ދީފިއެވެ.

އެ އިންޒާރު ދިނުމުގެ ކުޑަވަގުތުކޮޅެއްގެ ކުރިން ޙޫޠީން ވަނީ ޔަހޫދީންގެ ބައެއް ސަރަޙައްދުތަކަށް ޢަމާޒުކޮށް، މިސައިލް ޙަމަލާތައް ދީފައެވެ. އެ ޖަމާޢަތުން ނެރުނު ބަޔާނެއްގައި ބުނީ، އެ ޙަމަލާތައް ދީފައިވަނީ، އީރާނާއި، ޔަމަނު، ފަލަސްޠީނު، ލުބްނާނު އަދި އިރާޤުގައި ޔަހޫދީން ހިންގަމުންދާ ޖަރީމާތަކުގެ ރައްދުގައި ކަމަށެވެ. އަދި އެ ޖަރީމާތައް ނުހުއްޓާނަމަ، ޔަހޫދީންނާ ދެކޮޅަށް ފަށާފައިވާ އަސްކަރީ އޮޕަރޭޝަން އިތުރަށް ފުޅާކުރާނެކަމުގެ އިންޒާރު ވެސް ޙޫޘީން ވަނީ ދީފައެވެ.

ޔަހޫދީންނަށް ޙޫޘީން އަނެއްކާވެސް ޙަމަލާދީފައި މިވަނީ، މެދުއިރުމަތީގެ މަސްރަޙް އިތުރަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.

މެދުއިރުމަތީގެ މަސްރަޙް އިތުރަށް ގޯސްވެފައިވަނީ، ޔަހޫދީން ދެކުނު ލުބުނާނަށް ޙަމަލާ ދެމުންދާތީ، ޔަހޫދީންނަށް އަމާޒުކޮށް އީރާނުން މިސައިލް ޙަމަލާތަކެއް ދިނުމާ ގުޅިގެންނެވެ.

އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު، އައިއާރުޖީސީން ވަނީ ޔަހޫދީންގެ ރަމަތު ޑޭވިޑް އަސްކަރީ މަރުކަޒަށް މިސައިލް ޙަމަލާތަކެއް ދީފައިވާ ކަން ކަށަވަރުކޮށްދީފައެވެ. އެ ޙަަމަލާތަކަކީ ދެކުނު ލުބުނާނުގެ ޞޫރް އަދި އައްނަބަޠިއްޔާ ސަރަޙައްދަށް ޔަހޫދީން ޙަމަލާދީ ރައްޔިތުން ޝަހީދުކޮށް، އެ ސަރަޙައްދުގައި ދިރިއުޅޭ މީހުން އެހެން ސަރަޙައްދުތަކަށް ދިއުމަށް މަޖުބޫރުކޮށްފައިވާތީ އޭގެ ބަދަލުގައި ދެމުންދާ ޙަމަލާތަކެއް ކަމަށް އައިއާރުޖީސީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28ގައި ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމަ މިހާރު ވަނީ މުޅި މެދުއިރުމައްޗަށް ފެތުރިފައެވެ. ޔަހޫދީންނަށް އީރާނުން ޙަމަލާދީފައިމިވަނީ، މިދިޔަ އޭޕްރީލް 8އިން ފެށިގެން ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދަނިކޮށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ޙަމަލާތަކުގެ ބަދަލުގައި ރައްދު ޙަމަލާ ނުދިނުމަށް ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ދަންނަވައިފައެވެ. އީރާނުގެ ޙާމަލާއިން މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ފާހަގަކުރައްވައި ޓްރަމްޕް ވިދާޅުވީ ނަތަންޔާހޫ ރައްދު ޙަމަލާއެއް ދީފި ނަމަ ޙަމަލާ ބަދަލުކުރުން ނުހުއްޓޭނެ ކަމަށެވެ. އަދި ހަނގުރާމަ ދާއިމީ ނިމުމަކަށް ގެނައުމަށް އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ގާތްވެފައިވާ ކަމަށާއި މިހާރު ކަންތައްތައް ހިނގަމުންދާ ގޮތުގެ ސަބަބުން އެ މަސައްކަތް ހުއްޓެން އެދިވަޑައިނުގަންނަވާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ޓްރަމްޕް އެހެން ވިދާޅުވި ނަމަވެސް އީރާނުގެ ޙަމަލާގެ ބަދަލުގައި ޔަހޫދީން ވަނީ އީރާނަށް ޙަމަލާ ދީފައެވެ.