މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު އިސްތިއުފާދެއްވައިފިއެވެ.
މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް ޒަމީރު އިސްތިއުފާ ދެއްވިކަން ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފްވަނީ ކަށަވަރުކޮށްދެއްވާފައެވެ.
މާލީ ވަޒީރު އިސްތިއުފާ ދެއްވި ސަބަބެއް ސަރުކާރުން ހާމައެއް ނުކުރައްވައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީހަށް އެންމެ ފުރަތަމަ މޫސާ ޒަމީރު ޢައްޔަންކުރެއްވީ ޚާރިޖީ ވަޒީރުގެ މަގާމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް ބަދަލުގެންނަވާ 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުވަނީ މާލީ ވަޒީރުގެ މަޤާމަށް ޒަމީރު ޢައްޔަންކުރައްވާފައެވެ. އޭގެފަހުން މިއަހަރު ރައީސްވަނީ ސަރުކާރުގެ ވުޒާރާތައް މަދުކުރައްވައި ވަޒީރުންގެ މަޖިލީހަށް ބަދަލު ގެންނަވާފައެވެ. އެއާއެކު މާލީ ކަންކަމާ ސަރުކާރުގެ ކުންފުނިތަކުގެ މަޤާމަށް މޫސާ ޒަމީރުވަނީ ޢައްޔަންކުރައްވާފައެވެ.
ރާއްޖޭގެ މާލީ ކަންކަން ކަންބޮޑުވާ ދަރަޖައެއްގައި އޮތް ޙާލަތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުފުޅާއެކު ދަރަނި އަދާކުރެއްވުމުގައި މޫސާ ޒަމީރުވަނީ މުހިއްމު މަސައްކަތްތަކެއް ކުރައްވާފައެވެ.