ޚަބަރު

"ކަނޑުތަކުގެ ދިރާސާކޮށް ދެމެހެއްޓެނެވި ގޮތެއްގައި އިޤްތިޞާދު ސިންދަފާތުކުރަންޖެހޭ"


  • އާމްދަނީ ހޯދުމަށް އެހީތެރިވެދޭ އެންމެ މުހިއްމު ވަސީލަތަކީ ކަނޑާއި އޭގެ ވެށިކަމަށް

  • ފުރިހަމަ ނަފާ ހޯދޭނެ ގޮތްތަކާ މެދު ވިސްނަން ޖެހޭ ކަމަށް

ކަނޑުތަކާ ބެހޭގޮތުން އިތުރަށް ދިރާސާކޮށް، ކަނޑުގެ އަޑީގައިވާ ބާވަތްތައް ދެނެގަނެ، ދެމެހެއްޓެނެވި ގޮތެއްގައި އިޤްތިޞާދު ސިންދަފާތުކުރެވޭނެ ގޮތްތަކެއް ހޯދަންޖެހޭކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލައްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚާއްސަ މެސެޖުގައެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލައްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ ރާއްޖޭގެ 99 އިންސައްތައަށް ވުރެ ބޮޑު ސަރަހައްދަކީ ކަނޑުކަމުގައި ވާއިރު، ޢިޤްތިޞާދީ ނާރެސް އޭގެ މައްޗަށް ބިނާވެފައިވާ އެންމެ މުހިއްމު ވަސީލަތަކީ ކަނޑުކަމަށެވެ. ބަނޑުފުރާނަ މުއްތިކުރުމަށާއި އާމްދަނީ ހޯދުމަށް އެހީތެރިވެދޭ އެންމެ މުހިއްމު ވަސީލަތަކީ ކަނޑާއި އޭގެ ވެށިކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން، ކަނޑުގެ މާހައުލާއި ވަށައިގެންވާ ވެށި، އަދި އެވެށީގެ ދިރުންތައް ރައްކާތެރިކޮށް ބަލަހައްޓައި، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ކޮންމެ މީހެއްގެ ޒިންމާއެއްކަމަށް ވިދާޅުވިއެވެ.

ވަޒީރު ޝިޔާމު ވިދާޅުވީ ބަދަލުވަމުންދާ ދުނިޔޭގައި އަމިއްލަ ފުދުންތެރިކަން އިތުރުކޮށް، ކާނާގެ ޔަގީންކަން ކަށަވަރުކުރުމާއި އިޤްތިޞާދު ސިންދަފާތުކުރުމަކީ މިހާރު ފަސްކުރެވެން ހުރި ކަންކަމެއް ނޫންކަމަށާއި ވަކީން ހާއްސަކޮށް މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން އިޤްތިޞާދަށްވެސް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިކަމަށެވެ. ދުނިޔޭގެ އިޤުތިޞާދު ނާޒުކު ފައްތަރެއްގައި އޮތް މިވަގުތު ބަލަންވީ އެންމެ ބޮޑު ރައުސުލްމާލުގެ ފުރިހަމަ ނަފާ ހޯދޭނެ ގޮތްތަކާމެދު ވިސްނާ ފިކުރުކޮށް އީޖާދުކުރުމަށްކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަނޑުމަހުގެ މަސްވެރިކަމަށްވެސް ބޮޑެތި ބަދަލުތަކެއް މިދަނީ އަންނަމުންކަމަށެވެ. މިގޮތުން 2024 ވަނަ އަހަރުގައި ދިވެހިރާއްޖެ ހިމެނޭ ގޮތަށް މުޅި އިންޑިއާ ކަނޑުގެ ޕްރޮޑަކްޓިވިޓީ ދަށްވެ، ކަޅުބިލަމަހުގެ މަސްވެރިކަން ބޮޑުތަނުން ދަށްވިކަމަށެވެ. މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ކަނޑުމަހުގެ ބާވަތްތައް ދުރު ސަރަޙައްދުތަކަށް އަދި ކަނޑުގެ ފުން ހިސާބުތަކަށް ހިޖުރަކުރާކަމަށެވެ. ނަތީޖާއަކީ، ދޮށްޓާއި އަތުނަނު ބޭނުންކޮށްގެން ކަނޑުގެ މަތީ ފަށަލައިން މިކުރާ މަސްވެރިކަމަށް އޭގެ ނޭދެވޭ އަސަރުކޮށް މަސްވެރިކަމުގެ ނުމޫސުން ދިގުވެ، އޭގެ ނޭދެވޭ އަސަރު ސިނާޢަތަށް ކުރަމުންދިއުންކަމަށް ވިދާޅުވިއެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ އަމާޒަކަށްވާންވީ ކަނޑުތަކާ ބެހޭގޮތުން އިތުރަށް ދިރާސާކޮށް، ކަނޑުގެ އަޑީގައިވާ ބާވަތްތައް ދެނެގަނެ، ދެމެހެއްޓެނެވި ގޮތެއްގައި އިޤްތިޞާދު ސިންދަފާތުކުރެވޭނެ ގޮތްތަކެއް ހޯދުންކަމަށެވެ. މިއީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒެއްކަަމަށާއި ސަރުކާރުގެ ސިޔާސަތަކީ ދިވެހިން ބާނާ މަހަށް އަގުއެއްކޮށް އެކުއަކަލްޗަރ ފުޅާކޮށް ކަނޑުން ލިބޭ މަންފާ އިތުރުކުރުންކަމަށެވެ.

މިގޮތުން، ފާއިތުވީ އަހަރު ދިވެހިރާއްޖެއަށް ސީވީޑް އެކުއަކަލްޗަރ ތަޢާރުފްކޮށް މިއަހަރު މިވަނީ ފުރަތަމަ ޝިޕްމަންޓް އެކްސްޕޯޓްކޮށްފައިކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެކުންފުނީގެ ތަޖުރިބާއަށް ބަލައި އިތުރު ދެކުންފުންޏަކުން މިހާރުވެސް މިސިނާއަތަށް އިންވެސްޓްކޮށް މިހާރުވަނީ އެމަސައްކަތް ފަށާފައިކަމަށެވެ. އަދި ދުނިޔޭގެ ކާބޯތަކެއްޗާބެހޭ ޖަމްއިއްޔާގެ ޓެކްނިކަލް އެހީގައި ސީވީޑުން ޕްރޮޑަކްޓް އުފެއްދުމަށް އާ ޕްރޮޖެކްޓެއް އެކުލަވާލެވި، ޕްރޮޖެކްޓަށް ފެހި ސިގްނަލްވަނީ ލިބިފައިކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން އެސަރަހައްދުތަކުގެ ރަށްތަކުގައި ވަޒީފާގެ ފުރުޞަތު އިތުރުވެ، ކަނޑުގެ ފުރިހަމަ ނަފާ ހޯދުމުގެ އިތުރު ދޮރުތަކެއް ހުޅުވިގެން ގޮސްފައިވާއިރު އަދި މީގެ އިތުރުން، ރާއްޖޭގެ ކަނޑުގެ ނަފާ ހޯދުމަށް ޖަޕާނު ސަރުކާރުގެ އެހީގައި އިތުރު ޕްރޮޖެކްޓެއް އެކުލަވާލުމަށް ވެސް މަޝްވަރާކުރަމުންދާކަމަށް ވިދާޅުވިއެވެ.

ޔޫއެން ޑެކޭޑް އޮފް އޯޝަން ސައިންސް ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ނުވަތަ އޯޝަން ޑެކޭޑް ގެ ގޮތުގައި މި ގުނޭ އަހަރުތައް މި ފާހަގަކުރެވެނީ ކަނޑުތައް ރައްކާތެރިކޮށް ބެލެހެއްޓުމުގައި ފުރިހަމަ ސައިންޓިފިކް މަޢުލޫމާތު ހޯދުމަށް މުޅި ދުނިޔެއިން މަސައްކަތްކުރަމުން އަންނަ ދުވަސްވަރެއްގައިކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ކަނޑު ފަޅާއި ފަރު އަދި މި މާހައުލުތަކުގެ ދިރުންތަކާ ބެހޭ ދިރާސާތައް ކުރުމާއި، އެކަމަށް ބޭނުންވާ މީހުން ބިނާކުރުމާއި، އައު ޓެކްނޮލޮޖީ އީޖާދުކޮށް ތަޢާރުފުކުރުމާއި އަދި ކަނޑުގެ ވެށި ބޭނުންކުރާ ފަރާތްތަކުގެ ކިބައިން މައުލޫމާތު ހޯދުން ހިމެނެއެވެ.

ވަޒީރު ވިދާޅުވީ އުއްމީދަކީ ދިވެހިރާއްޖޭގެ ކަނޑުތަކުގެ މުއްސަނދިކަމާ ބެހޭ ދިރާސާތައްކުރުމުގަ އާއި އިޤްތިޞާދު ސިންދަފާތުކުރުމުގައި ކަނޑުގެ ވަސީލަތްތައް ފުރިހަމަގޮތުގައި ބޭނުންކުރުމުގައި އެންމެ ކުރީ ސަފުގައި ދިވެހިން މަސައްކަތްކުރުންކަމަށެވެ.