ޚަބަރު

"ކުނީގެ މައްސަލާގައި ޤައުމުތައް ގުޅިގެން މަސައްކަތްކުރަންޖެހޭ"


  • މައްސަލަ ހައްލުކުރުމަށް ހުރި ގޮންޖެހުންތައް ހިއްސާކުރެއްވި

  • ޓެކްނޮލޮޖީއާއި މަޢުލޫމާތު މުހިއްމުކަން ފާހަގަކުރެއްވި

ހޭލުންތެރިކަން އިތުރުކޮށް، ޒަމާނީ ޓެކްނޮލޮޖީގެ އެހީތެރިކަމާއެކު ކުނީގެ މައްސަލަ ހައްލުކުރުމަށް ޤައުމުތައް ގުޅިގެން މަސައްކަތްކުރުން މުހިއްމު ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަސްވެރިކަމާ ބެހޭ ވަޒީރު މިހެން ވިދާޅުވީ، ތުކުރީގައި ކުރިއަށްދާ "ޒީރޯ ވޭސްޓް ފޯރަމް"ގައި ވާހަކަދައްކަވަމުންނެވެ. މަތީ ފަންތީގެ ވަޒީރުންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަސްވެރިކަމާ ދަނޑުވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްވަނީ ކާބޯތަކެތީގެ ބާވަތްތައް ބޭނުންވާ މިންވަރަށް އުފެއްދުމަށް ރާއްޖެއަށް ކުރިމަތިވެފައިވާ ހިރާސްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެހެން ޤައުމުތަކާއި ތަފާތު އެތައް ހުރަސްތަކެއް ދެމެހެއްޓެނިވި ކާބީތަކެތީގެ ޔަގީންކަން ކަށަވަރުކުރުމަށް ރާއްޖެއަށް ކުރިމަތިވަމުންދާކަން ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ދަނޑުވެރިކަމާއި މަސްވެރިކަން ހުރިހާ ސަރަޙައްދުތަކެއްގައި ކުރިނަމަވެސް މައިގަނޑު ގޮތެއްގައި އިޤްތިޞާދު ބިނާވެފައި އޮންނަނީ ފަތުރުވެރިކަމުގެ މައްޗަށްކަމުން އެންމެ ބޮޑު ސަމާލުކަމެއް އެކަމަށް ދެވޭކަން ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ ރާއްޖެ ގުދުރަތީގޮތުން ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކުލެވިފައި އޮތްއޮތުމަކީ ކާބޯތަކެތީގެ ބާވަތްތައް ރައްކާކުރުމާއި، އެއްތަނުން އަނެއްތަނަށް ގެންދިޔުމުގައި އޮތް އެންމެ ބޮޑު ހުރަސްކަމަށާއި، އެކަމުގެ ސަބަބުން ކާބޯތަކެތި ހަލާކުވާ ނިސްބަތް އިތުރުވާކަމަށެވެ. މިކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން ޤާއިމުކޮށްފައިވާ "އެގްރީ ބޯޓު" މެދުވެރިކޮށް ރާއްޖޭގައި އުފައްދާ އެކި ބާވަތްތައް ގެންދެވޭނެ އިންތިޒާމު މިހާރު ހަމަޖެހި އޭގެ ބޭނުން ގިނަ ދަނޑުވެރިން ހިފަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައިވަނީ ރާއްޖޭގައި ތިމާވެއްޓާ ރައްޓެހިގޮތަކަށްކުރާ މަސްވެރިކަމުގެ ދާއިރާއަށްވެސް އަލިއަޅުއްވާލައްވާފައެވެ. އަދި ސަރުކާރުން މިހާރު މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައްވެސް ވަޒީރުވަނީ މިފޯރަމްގައި ތަފްސީލުކޮށްދެއްވާފައެވެ.

ވަޒީރު ށިޔާމް ވިދާޅުވީ، ރާއްޖޭގައި އުފައްދާ ކުނީގެ ނިސްބަތުން ކާބޯތަކެތީގެ ބާވަތްތައް އުކާލާ މިންވަރު އިތުރުކަމަށެވެ. ޚާއްސަކޮށް ރިސޯޓުތަކުން އުފައްދާ ކުނީގެ ތެރޭގައި ކާބޯތަކެތީގެ ބާވަތްތައް އިތުރުވަމުންދާތީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނާއި ގަވާއިދުތަކުގެ ދަށުން ދުނިޔޭގެ ކާބޯތަކެތީގެ ޖަމްޢިއްޔާއާއި ގުޅިގެން ކާނާގެ ގޮތުގައިއުކާލެވޭ ކުނި މަދުކުރުމަށް މަސައްކަތް ކުރައްވާކަމަށް ވިދާޅުވިއެވެ. އަދި ހަމައެކަނި ކާބޯތަކެތީގެ ބާވަތްތައް ހަލާކުވާ ނިސްބަތް މަދުކުރުމަށް، ކޯލްޑް ސްޓޯރޭޖްގެ ޚިދުމަތް ފުޅާކުރުމާއި، އަގު އެއްކޮށްގެން ވިއްކާ ބާވަތްތައް އިތުރުކުރުމަށް މަސައްކަތް ކުރުން ފަދަ މުހިއްމު ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު ދޭދޭ ޤައުމުތަކާއި ޖަމުޢިއްޔާތަކާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް މިފަދަ މައްސަލަތަކަށް ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަންވެސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ހަމައެކަނި ޓެކްނޮލޮޖީއަށް ބަރޯސާވުމުގެ ބަދަލުގައި ގުޅިގެން ކުރެވޭ މަސައްކަތުން ކުރިއެރުން އަންނާނެކަން ފާހަގަކުރެއްވިއެވެ. އެގޮތުން ދަނޑުވެރިންނަށް މަސްވެރިންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދީ، ޒަމާނީ ޓެކްނޮލޮޖީތައް ތަޢާރަފްކޮށް އަދި މިކަމުގައި މާލީ އެހީތެރިކަން މުހިއްމުކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.