ކުޅިވަރު

ފްރެންޗް އޯޕަންގެ ޗެމްޕިއަންކަން އަންޑްރީވާ ކާމިޔާބު ކޮށްފި


  • މިއީ އަންޑްރީވާ ކާމިޔާބު ކުރި ފުރަތަމަ ގްރޭން ސްލޭމް މުބާރާތް

އަހަރުގެ ދެވަނަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓްގެ ޗެމްޕިއަންކަން ރަޝިޔާގެ ޒުވާން ކުޅުންތެރިޔާ މީރާ އަންޑްރީވާ ކާމިޔާބު ކޮށްފިއެވެ.

އަށް ވަނައަށް ސީޑު ކުރެވިފައިވާ އުމުރުން 19 އަހަރުގެ އަންޑްރީވާ މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ޕޯލަންޑްގެ މާޔާ ޗުވަލިންސްކާ އާއި ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ފުރަތަމަ ސެޓު ހައެއް ތިނަކުން އަންޑްރީވާ ކާމިޔާބު ކުރިއިރު ދެވަނަ ސެޓު އޭނާ ކާމިޔާބު ކޮށްފައިވަނީ ހައެއް ދެއަކުންނެވެ.

މިއީ އަންޑްރީވާ ކާމިޔާބު ކުރި ފުރަތަމަ ގްރޭން ސްލޭމް މުބާރާތެވެ. އަދި މިކާމިޔާބީ އާއެކު އޭނާ ވެފައިވަނީ 1992 ވަނަ އަހަރު މޮނިކާ ސެލެސް މިމުބާރާތް ކާމިޔާބު ކުރިފަހުން ފްރެންޗް އޯޕަން ކާމިޔާބު ކުރި އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. މިމެޗު އަންޑްރީވާ ކާމިޔާބު ކޮށްފައިވަނީ އެއް ގަޑިއިރާއި ބާވީސް މިނެޓުންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އަންޑްރީވާ ހާމަކުރިގޮތުގައި އޭނާ އަންނަނީ އެންމެ ކުޑައިރުން ފެށިގެން ރޯލަންޑް ގެރޯސް ބަލަމުން ކަމަށާއި އެހެން ކަމުން މިމުބާރާތުގެ ތަށި ކާމިޔާބު ކުރުން ވެފައިވީ އޭނާގެ ހުވަފެނަކަށެވެ.

2023 ވަނަ އަހަރުގެ މެޑްރިދް އޯޕަންއިން ޑަބްލިޔު.ޓީ.އޭ. ޓުއަރ އަށް ތައާރަފް ވެގެންދިޔަ އަންޑްރީވާގެ ފުރަތަމަ މުބާރާތާއެކު އޭނާގެ ކުޅުމަށް ގިނަ ބަޔަކު ދިޔައީ ތައުރީފް ކުރަމުންނެވެ. އަދި މިސީޒަންގައި އޭނާ މިހާތަނަށް ކާމިޔާބު ކޮށްފައިވާ ޑަބްލިޔު.ޓީ.އޭ. ވަން ތައުޒަންޑް ދެ މުބާރާތާއެކު މިހާރުވަނީ ދުނިޔޭގެ ރޭންކިންގގެ ހަ ވަނައަށް ކުރިއަށް ޖެހިލާފައެވެ.

މިމެޗުން ބަލިވި ނަމަވެސް ޗުވަލިންސްކާއަށް މިމުބާރާތް ވެގެން ގޮސްފައިވަނީ އޭނާގެ ކެރިއަރުގައި ދުވަހަކުވެސް ހަދާނުން ފިލައިގެން ނުދާނެ މުބާރާތަކަށެވެ.

ކޮލިފައިންގ ކުޅެގެން މިމުބާރާތުން ޖާގަހޯދި ޗުވަލިންސްކާއަށް މިއީ މިހާތަނަށް ގްރޭން ސްލޭމް މުބާރާތެއްގެ ފައިނަލަށް ދަތުރު ކުރެވުނު ފުރަތަމަ ފަހަރެވެ. އަދި މިހާތަނަށް ފްރެންޗް އޯޕަންގައި ކޮލިފައިންގ ކުޅެގެން މުބާރާތުން ޖާގަހޯދި އެއްވެސް ކުޅުންތެރިޔަކަށް އެމުބާރާތް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ނަމަވެސް މިމުބާރާތުގައި ދެއްކި ކުޅުމާއި އެކު ދުނިޔޭގެ ރޭންކިންގގެ 114 ވަނަ އިން 21 ވަނައަށް ކުރިއަށް ޖެހިގެންދާނެއެވެ. އަދި މިއާއެކު އަހަރުގެ ތިންވަނަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ވިމްބަލްޑަންއިން ކޮލިފައިކުޅެން ނުޖެހި ޖާގަލިބޭނެކަމަށް އޭނާ އުންމީދު ކުރާނެއެވެ.