ޚަބަރު

ތާޖުއްދީން، ހުރަވީ، ކަލާފާނު އަދި ރެހެންދި ސެމީއަށް


  • ކުއާޓަރ ފައިނަލުގެ ހަތަރު މެޗުގައިވެސް ފެނިގެންގޮސްފައި ވަނީ ވާދަވެރި ކުޅުމެއް

  • ހަތަރު މެޗުން ދެ މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެން

"ރާއްޖެ ޖޫނިއަރ" 14 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަތައް، ތާޖުއްދީން ސްކޫލާއި ހުރަވީ ސްކޫލްގެ އިތުރުން ކަލާފާނު ސްކޫލާއި ރެހެންދި ސްކޫލުން ހޯދައިފިއެވެ.

މާފަންނު އެއް ނަންބަރު ޓާފްގައި ތާޖުއްދީން ސްކޫލް ސެމީގެ ޖާގައެއް ހޯދާފައިވަނީ މިއަދު ކުޅުނު ކުއާޓަރ ފައިނަލްގެ ފުރަތަމަ މެޗުގައި، ހިރިޔާ ސްކޫލް ބަލިކުރުމަށްފަހުއެވެ.

މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވިއިރު، ދެޓީމުންކުރެ ޓީމަކަށް ގޯލެއް ޖެހިފައި ނުވުމުން މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީއަށްފަހު، ތާޖުއްދީން ސްކޫލުން މެޗު ކާމިޔާބުކޮށްފައިވަނީ 6-7 ގެ ނަތީޖާއިންނެވެ.

ތާޖުއްދީން ސްކޫލުގެ ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކުރުމާއެކު، އެސުކޫލުގެ ކީޕަރު ވަނީ ހިރިޔާ ސްކޫލުގެ ފަހު ޕެނަލްޓީ ހިފަހައްޓާފައެވެ.

ކުއާޓަރގެ ދެވަނަ މެޗުގައި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި ހުރަވީ ސްކޫލް ބައްދަލުކުރި މެޗު، 0-1 ގެ ނަތީޖާއިން ކާމިޔާބުކޮށްފައިވަނީ ހުރަވީ ސްކޫލެވެ. މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، މެޗުގެ 35 ވަނަ މިނެޓުގައި ހުރަވީ ސްކޫލުން ކާމިޔާބުކޮށްފައިވަނީ ލިބުނު ހިލޭޖެހުމަކުންނެވެ.

ތިންވަނަ މެޗުގައި މަޖީދިއްޔާ އާއި ކަލާފާނު ބައްދަލުކުރި މެޗު 0-2 ގެ ނަތީޖާއިން ކާމިޔާބުކޮށްފައިވަނީ ކަލާފާނު ސްކޫލެވެ. ކަލާފާނު ސްކޫލުން މެޗުގައި ކާމިޔާބުކޮށްފައިވާ ދެ ގޯލަކީވެސް މަޖީދިއްޔާ ސްކޫލުގެ ކީޕަރަށް ހެދުނު ގޯސްތަކެއްގެ ފައިދާ ނަގައިގެން ކާމިޔާބުކުރި ގޯލުތަކެކެވެ.

ކުއާޓަރ ފައިނަލްގެ ފަހު މެޗުގައި ރެހެންދި ސްކޫލާއި ގުރައިދޫ ސްކޫލް ބައްދަލުކުރިއިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމުންކުރެ ޓީމަކަށް ގޯލެއް ޖެހިފައި ނުވުމުން މިމެޗުގެ ނަތީޖާވެސް ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީއަށްފަހު ރެހެންދި ސްކޫލުން މެޗު ކާމިޔާބުކޮށްފައި ވަނީ 4-5 ގެ ނަތީޖާއިންނެވެ.