38 ވަނަ މެލޭޝިއަން އިންޓަނޭޝަނަލް މާސްޓާސް އެތްލެޓިކްސް ޗެންޕިއަންޝިޕުގައި ވާދަކުރަމުންދާ ރާއްޖޭގެ މާސްޓާސް އެތްލެޓިކްސް ޓީމުގެ ތިން އެތްލީޓަކު ރަން މެޑަލް ހާސިލްކޮށްފިއެވެ.
އެއްޔެ ހެނދުނު ފެށި މުބާރާތުގެ ފުރަތަމަ ދުވަހު ރާއްޖޭގެ ޓީމުން ރަން މެޑަލް ހޯދި އެތްލީޓުންނަކީ 45 އަހަރުންމަތީގެ އަންހެނުންގެ ކެޓެގެރީގެ 200 މީޓަރު ދުވުމުގައި ވާދަކުރި ހުސްނާ މުހައްމަދާއި، 40 އަހަރުންމަތީގެ ފިރިހެނުންގެ 200 މީޓަރު ދުވުމުގައި ވާދަކުރި، އަބްދުﷲ އަޒީޒްގެ އިތުރުން 55 އަހަރުންމަތީގެ ފިރިހެނުންގެ 200 މީޓަރު ކެޓެގެރީގައި ވާދަކުރި މުހައްމަދު އާމިރްއެވެ.
ރާއްޖެއިން މިހާތަނަށް މިމުބާރާތުގައި ރަނާއި ރިއްސާއި ލޯ ހިމެނޭހެން ޖުމްލަ 12 މެޑަލް ހޯދާފައިވާއިރު، ރިހި އަދި ލޯ މެޑަލް ހާސިލްކުރި އެތްލީޓުންނަކީ 45 އަހަރުންމަތީގެ އަންހެނުންގެ ކެޓެގެރީގެ 800 މީޓަރު ދުވުމުގައި ވާދަކުރި ހުސްނާ މުހައްމަދާއި، 35 އަހަރުންމަތީގެ ފިރިހެނުންގެ 200 މީޓަރު ދުވުމުގައި ވާދަކުރި މުހައްމަދު ރަޝީދުގެ އިތުރުން 60 އަހަރުންމަތީގެ އަންހެނުންގެ ކެޓެގެރީގެ 200 މީޓަރު ދުވުމުގައި ވާދަކުރި ހުސްނާ މުހައްމަދުއެވެ.
ޕްޓްރާޖަޔާ މެލޭޝިއާ ޔުނިވާސިޓީ ސްޓޭޑިއަމްގައި ކުރިއަށްދާ މިމުބާރާތުގެ ފުރަތަމަ ދުވަހު، ލޯ މެޑެލް ހޯދި އެތްލީޓުންނަކީ 35 އަހަރުންމަތީގެ ފިރިހެނުންގެ 200 މީޓަރު ދުވުމުގައި ވާދަކުރި އިބްރާހިމް ފާރިޝްއާއި 55 އަހަރުންމަތީގެ އަންހެނުންގެ 200 މީޓަރު ދުވުމުގައި ވާދަކުރި ނާފިޒާ އަހްމަދާއި، 40 އަހަރުންމަތީގެ އަންހެނުންގެ 800 މީޓަރު ދުވުމުގައި ވާދަކުރި ފާތިމަތު ޝަމްހާގެ އިތުރުން 40 އަހަރުންމަތީގެ ޑިސްކަސް ތްރޯ އިވެންޓުގައި ވާދަކުރި ހަސަން ޝަމްއޫންއެވެ.
38 ވަނަ މެލޭޝިއަން އިންޓަނޭޝަނަލް މާސްޓާސް އެތްލެޓިކްސް ޗެންޕިއަންޝިޕް ކުރިއަށްދާނީ މިމަހުގެ 5 އިން 7 ގެ ނިޔަލަށެވެ. މިމުބާރާތުގައި ރާއްޖެ ހިމެނޭހެން 40 ޓީމަކުންދަނީ ވާދަކުރަމުންނެވެ.