ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގައުމީ ވޮލީބޯޅަ ލީގު ދެވަނަ ޑިވިޝަނުގެ ފަސްވަނަ ދުވަހުގެ މެޗުތައް އަސްދިގާ ސްޕޯޓްސް ކްލަބް، ސަން ސްޕޯޓްސް ކްލަބް، ކްލަބް ހާފްލައިން ލިންކޭޖް، ލަޔަންސް ރެކްރިއޭޝަން ކްލަބް، ސްޕޯޓްސް ކްލަބް ސިޓީ އަދި ޔުނައިޓެޑް ހެންވޭރިއަންސްއިން ކާމިޔާބުކޮށްފިއެވެ.
ލީގުގެ އިއްޔެ ކުޅުނު ފުރަތަމަ މެޗަކީ އަންހެން ޑިވިޝަނުން ކުޅުނު މެޗެކެވެ. މިމެޗު އަސްދިގާ ސްޕޯޓްސް ކްލަބުވަނީ ސީދާ ތިން ސެޓުން ބްލޫސް ފޯރ ވޮލީބޯލްގެ މައްޗަށް ކުރި ހޯދާފައެވެ. މެޗުގެ ސެޓުތައް ދިޔައީ 18-07، 18-12 އަދި 18-11 އިންނެވެ.
އިއްޔެގެ ބާކީ މެޗުތައް ފިރިހެން ޑިވިޝަނުން ކުޅެފައިވާއިރު، މިމެޗު ސަން ސްޕޯޓްސް ކްލަބުންވަނީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ސަނީ ސްޕޯޓްސް ކްލަބް ބަލިކޮށްފައެވެ. މެޗުގެ ސެޓުތައް ދިޔައީ 18-14، 18-16 އަދި 18-19 އިންނެވެ.
ފިރިހެން ޑިވިޝަނުގެ އިއްޔެގެ ދެވަނަ މެޗުގައި އެސްޕިރޭޝަން ފޯރ އޯލް އިނިޝިއޭޓިވް އަދި ކްލަބް ހާފް ލައިން ލިންކޭޖް ވާދަކުރިއިރު، ތިން ސެޓު ދެ ސެޓުން މެޗު ކާމިޔާބުކުރީ ކްލަބް ހާފްލައިން ލިންކޭޖްއެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފަސް ސެޓަށް ކުޅެފައިވާއިރު، މެޗުގެ ފުރަތަމަ ސެ ސެޓު 118-11 އަދި 18-12 އިން ގެންދިޔައީ އޭއޭއައި އިންނެވެ.
އެހެންނަމަވެސް ތިންވަނަ ސެޓާއި ހަތަރު ވަނަ ސެޓު 18-13 އަދި 18-14 އިން ކްލަބް ހާފްލައިން ލިންކޭޖް ކާމިޔާބުކުރުމާއެކު، މެޗުގެ ފޯރި އިތުރަށް ގަދަވިއެވެ. ޕްރެޝަރާއެކު ކުރިއަށްދިޔަ މިމެޗުގެ ފަހު ސެޓުވެސް 15-09 އިން ކްލަބް ހާފްލައިން ލިންކޭޖްއިން ނަގައި، މި މެޗުން ވަނީ މޮޅުވެފައެވެ.
ތިންވަނަ މެޗު ލަޔަންސް ރެކްރިއޭޝަން ކްލަބުން ކާމިޔާބުކުރީ ތިން ސެޓު އެއް ސެޓުންނެވެ. ޔޫތް ނިއު ޖެނެރޭޝަންއާއި ވާދަކުރި މިމެޗުގެ ސެޓުތައް ދިޔައީ 18-10، 18-12، 19-17 އަދި 18-13 އިންނެވެ.
ހަތަރުވަނަ މެޗުވެސް ފަސޭހަ މެޗެއްގެ ގޮތުގައި ފެނުނުއިރު، މިމެޗު ސްޕޯޓްސް ކްލަބު ސިޓީއިން ކާމިޔާބުކޮށްފައިވަނީ ސީދާ ތިން ސެޓުންނެވެ. ވިލިނިގިލީ ޒުވާނުންގެ ޖަމިއްޔާއާ ދެކޮޅަށް ކުޅުނު މިމެޗުގެ ސެޓުތައް ދިޔައީ 18-08، 18-05 އަދި 18-06 އިންނެވެ.
އިއްޔެގެ ފަހު މެޗުގައި މާތޮޑާ ސްޕޯޓްސް ކްލަބުގެ މައްޗަށް ޔުނައިޓެޑް ހެންވޭރިއަންސްއިން ކުރި ހޯދިއިރު މިމެޗުވަނީ ފަސް ސެޓަށް ގޮސްފައެވެ. ވާދަވެރި މިމެޗުގެ ސެޓުތައް ދިޔައީ 10-18، 18-10، 13-18، 18-13 އަދި 15-12 އިންނެވެ.
ގައުމީ ވޮލީބޯޅަ ލީގު ދެވަނަ ޑިވިޝަނުގެ ޕޮއިންޓު ތާވަލަށް ބަލާއިރު، މިވަގުތު އެންމެ މަތިން ޕޮއިންޓް ހޯދާފައިވަނީ ޕޫލް އޭ ގެ ޔުނައިޓެޑް ހެންވޭރިއަންސްއެވެ. އެޓީމުންވަނީ ފަސް ޕޮއިންޓު ހަމަކޮށްފައެވެ. އަދި ޕޫލް ބީ އިން ކުރީގައި ލަޔަންސް އޮތީ ތިން ޕޮއިންޓާއެކުއެވެ. ޕޫލް ސީގެ އެއްވަނައިގައި އޮތް ސްޕޯޓްސް ކްލަބް ސިޓީއަށް ތިން ޕޮއިންޓު ލިބިފައިވާއިރު، ގްރޫޕް ޑީ ގެ އެއްވަނައިގެ ގޮތުގައި ސަން ސްޕޯޓްސް އޮތީ ތިން ޕޮއިންޓާއެކުއެވެ.
ގައުމީ ވޮލީބޯޅަ ލީގުގެ ދެވަނަ ޑިވިޝަނުގެ އަންހެން މެޗުތަކުގެ ކުޅުން މިމަހުގެ 1 އިން 11 އަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާނެއެވެ. އަށް ޕޫލަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމުބާރާތުގައި 24 ޓީމަކުން ވާދަކުރެއެވެ. އަދި ފިރިހެން ޑިވިޝަނުގެ ކުޅުން މިމަހުގެ 3 އިން 11 އަށް ކުރިއަށްދާއިރު، މި ޑިވިޝަނުގައި ހަތަރު ޕޫލަށް ބަހާލާފަވާއިރު، 13 ޓީމަކުން ވާދަކުރެއެވެ.