ކުޅިވަރު

ފްރެންޗް އޯޕަންގެ ފައިނަލުން ޒުވަރޭވް އާއި ކޮބޯލީ ޖާގަހޯދައިފި


  • ޒުވަރޭވްއަށް މިހާތަނަށް ގްރޭން ސްލޭމް ތަށްޓެއް ކާމިޔާބު ކުރެވިފައެއްނުވޭ

އަހަރުގެ ދެވަނަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ފައިނަލުން ޖަރުމަނުވިލާތުގެ އެލެގްޒެންޑަރ ޒުވަރޭވް އާއި އިޓަލީވިލާތުގެ ފުލާވިއޯ ކޮބޯލީ ޖާގަހޯދައިފިއެވެ.

މިމުބާރާތުގެ ފައިނަލުން ދެވަނަ އަށް ސީޑު ކުރެވިފައިވާ ޒުވަރޭވް ޖާގަހޯދީ ސެމީ ފައިނަލްގައި ސައްބީސް ވަނައަށް ސީޑު ކުރެވިފައިވާ ޗެކް ރިޕަބްލިކްގެ ޔަކޫބް މެންސިކް އާއި ބައްދަލުކުރި މެޗު ތިން ސެޓް އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ.

މިމެޗުގެ ފުރަތަމަ ސެޓު ހަތެއް ފަހަކުން ޒުވަރޭވް ކާމިޔާބު ކުރިއިރު ދެވަނަ ސެޓު ފަސޭހަ ކަމާއެކު ހައެއް ދެއަކުން ކާމިޔާބު ކޮށްފައިވަނީވެސް ޒުވަރޭވް އެވެ. ނަމަވެސް ގްރޭން ސްލޭމް މުބާރާތެއްގެ ސެމީ ފައިނަލްގައި މުޅިން އަލަށް ވާދަކުރަމުންދިޔަ މެންސިކްވަނީ މިމެޗުގެ ތިންވަނަ ސެޓު ތިނެއް ހަޔަކުން ކާމިޔާބުކޮށް ހިތްވަރު އާކޮށްފައެވެ. މިމެޗުގެ ހަތަރުވަނަ ސެޓު ހައެއް ތިނަކުން ކާމިޔާބުކޮށް ޒުވަރޭވްވަނީ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުން ޖާގަހޯދައިފައެވެ.

މިމުބާރާތް ކާމިޔާބު ކުރާނެކަމަށް ގިނަ ބަޔަކު ގަބޫލްކުރި އެއްވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ޔަނިކް ސިނާ އާއި ސާބިއާގެ ތަޖްރިބާކާރު ކުޅުންތެރިޔާ ނޯވަކް ޖޯކޮވިޗް ފުރަތަމަ ހަފްތާގެ ތެރޭގައި މުބާރާތަށް އަލްވަދާއު ކިޔާފައިވުމާއެކު މިމުބާރާތް ކާމިޔާބު ކުރާނެކަމަށް މިހާރު އެންމެ ގިނަ ބަޔަކު ބުނަމުންދާ ފަރާތަކީ ޒުވަރޭވްއެވެ.

އޭ.ޓީ.ޕީ. ގެ ސައްވީސް މުބާރާތުގެ އިތުރުން އޮލިމްޕިކް ކުޅިވަރު މުބާރާތުގައި ރަން މެޑަލް ހާސިލްކޮށްފައިވާ ޒުވަރޭވްއަށް މިހާތަނަށް ގްރޭން ސްލޭމް މުބާރާތެއް ކާމިޔާބު ކުރެވިފައިނުވާ ނުވުން މިފަހަރު ނިމުމަކަށް ގެނައުމަށް އޭނާ ކުރާ އުންމީދު ބޮޑެވެ.

ޒުވަރޭވް އާއި ފްރެންޗް އޯޕަންގެ ތައްޓާއި ދެމެދުގައި މިހާރުވާ ހަމައެކަނި ހުރަހަކީ އިޓަލީވިލާތުގެ ކޮބޯލީއެވެ. މިމުބާރާތުގައި ދިހަ ވަނައަށް ސީޑު ކުރެވިފައިވާ ކޮބޯލީ ފައިނަލުން ޖާގަހޯދީ ސެމީ ފައިނަލް މެޗު ފެށެން ގާތް ވެފައިވަނިކޮށް އޭނާ އާއި ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވި އަމިއްލަ ޤައުމަށް ނިސްބަތްވާ މަޓިއޯ އާނާލްޑީ ވައިރަސްއެއް ޖެހުމާއި ގުޅިގެން މެޗު ދޫކޮށްލުމުންނެވެ. މިއީ ގްރޭން ސްލޭމް މުބާރާތެއްގެ ފައިނަލުން ކޮބޯލީއަށް ޖާގަލިބިގެންދިޔަ ފުރަތަމަ ފަހަރެވެ.

މިއަންނަ އާދިއްތަ ދުވަހު ކުޅޭ ފައިނަލް ޒުވަރޭވްއަށް ކާމިޔާބު ކުރެވިއްޖެނަމަ އޭނާ ވެގެންދާނީ ގްރޭން ސްލޭމް މުބާރާތެއް ފުރަތަމަ ފަހަރަށް ކާމިޔާބު ކުރާ ހަތްވަނައަށް އެންމެ ދުވަސްވީ ކުޅުންތެރިޔާ އަށެވެ. އަދި 1996 ވަނަ އަހަރު ބޮރިސް ބެކަރ އޮސްޓްރޭލިއަން އޯޕަން ކާމިޔާބު ކުރިފަހުން ގްރޭން ސްލޭމް މުބާރާތެއް ކާމިޔާބު ކުރާ ޖަރުމަނުވިލާތުގެ ފުރަތަމަ ފިރިހެން ކުޅުންތެރިޔާއަށެވެ. ނަމަވެސް ޒުވަރޭވް އެންމެ ފަހުން ބަލިވި ހަފަހަރުވެސް ބަލިވެފައިވަނީ އިޓަލީވިލާތުގެ ކުޅުންތެރިން އަތުން ކަމުގައި މިފުރުސަތުގައި ފާހަގަ ކޮށްލަމެވެ.