މިމަހުގެ 08 އިން 22 އަށް ސިންގަޕޫރުގައި އޮންނަ ފިރިހެނުންގެ 50 އޯވަރު އޭސީސީ ޗެލެންޖް ކަޕްގައި ވާދަކުރުމަށް ސީނިއާ ގައުމީ ކުރިކެޓް ޓީމު ފުރައިފިއެވެ.
14 ކުޅުންތެރިންނާއި 3 އޮފިޝަލުންނާއެކު ޓީމު ސިންގަޕޫރަށް ފުރާފަވާއިރު، މި ސްކޮޑު ފަރިތަކުރަމުން އަންނަތާ ދެއަހަރެއްހާ ދުވަސްވެފައިވާކަމަށް ޓީމުގެ ކެޕްޓަން ހަސަން ހާޒިގް ރަޝީދުވަނީ ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދީފައެވެ. އޭނާ ބުނީ މީގެ 16 އަހަރުކުރިން ރާއްޖޭގެ ސީނިއާ ކުރިކެޓް މިމުބާރާތުގައި ވާދަކޮށް ޗެންޕިއަންކަން ހޯދާފައިވާކަމަށެވެ. ދިގު މުއްދަތެއްގެ މެދުކެނޑުމަކަށްފަހު އަލުން ރާއްޖެއިން މިމުބާރާތުގައި ވާދަކުރުމަށް ތައްޔާރުވިއިރު، އަމާޒަކީ އެންމެ ދަށްވެގެން ސެމީގެ ޖާގައެއް ކަށަވަރުކުރުންކަމަށް ހާޒިގްވަނީ ބުނެފައެވެ.
"ޕްރެކްޓިސް ގާތްގަނޑަކަށް ދެ އަހަރުވަރުވެއްޖެ އެއްކޮށް ކުރާތާ. މިއީ މީގެ 16 އަހަރު ކުރިން ރާއްޖެ ބައިވެރިވެފަ ޗެންޕިއަންކަން ހޯދާފައިވާ މުބާރާތެއް. މިފަހަރު ވަރަށް އުންމީދު އެބައޮތް ސެމީ ފައިނަލާ ހަމައަށް ތަންކޮޅެއް ފަސޭހައިން ދެވެން އެބައޮތް. ފުރަތަމަ ޓާގެޓަކީ ސެމީ ފައިނަލް" ހާޒިގް ބުންޏެވެ.
މުބާރާތަށް ފުރުމުގެ ކުރިން ސީނިއާ ގައުމީ ޓީމުގެ ކޯޗް އިސްމާއީލް ނިހާދު ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ބުނެފަވަނީ ޓީމާމެދު ވަރަށް ބޮޑު އުންމީދެއް އެބައޮތްކަމަށެވެ. މިހާރުގެ ގައުމީ ސްކޮޑަކީ ހުނަރުވެރި ޒުވާން ކުޅުންތެރިންތަކެއްގެ މައްޗަށް އެކުލެވިފައިވާ ސްކޮޑަކަށްވާއިރު، ޓީމަކީ ހުނަރުވެރި ތަޖުރިބާތައް ހުރި ޓީމެއްކަމަށް ކޯޗް ފާހަގަކުރިއެވެ.
"ފުދޭވަރަކަށް އުންމީދު އެބަކުރަން ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމަށް. ވަރަށް ސްކިލްފުލް ކުޅުންތެރިންތަކެއް މިތިބީ ހަމަ. އެކްސްޕީރިއަންސް ހުރި ވަރަށް ގިނަ ކުދިން އެބަތިބި. އެކި ލެވެލްތަކުގަ ކުޅެފަ ތިބި މީހުން އެބަތިބި. އެހެންވީމަ އުންމީދުކުރަނީ އިރާދަކުރެއްވިއްޔާ ރަނގަޅުވާނެކަމަށް" ކޯޗް ބުންޏެވެ.
2010 ވަނަ އަހަރު ރާއްޖެއިން މިމުބާރާތުގެ ޗެންޕިއަންކަން ހޯދިއިރު، ޓީމުގެ މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި ހުރި، އަދި މިހާރު ޓީމަށް އިރުޝާދުދެމުން އަންނަ ނިހާދު ބުނެފައިވަނީ ޒުވާން މި ސްކޮޑަކީ ކޮންފިޑެންސްގެ ގޮތުން ބެލިނަމަވެސް ރަނގަޅު ޓީމެއްކަމަށާއި، މުބާރާތުގައި ރަނގަޅު ހިސާބަކަށް ޓީމަށް ދެވިދާނެކަމަށް ގަބޫލުކުރާކަމަށެވެ.
"މީގެ ތެރޭ އެބަތިބި އަޅުގަނޑުމެން 2010 ގައި ކުޅުނުއިރު، އޭރު ދެން ވަރަށް ކުޑަ ކުދިން. މިހާރު އެކްސްޕީރިއަންސްތައް ލިބި، އެ ވިނިން ފީލިންގ ހުންނަ ކުދިން އެބަތިބި. އެހެންވީމަ އެހުރިހާ ކަމެއް އެކުލަވާލާފަ އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅު ޕާރފޯމެންސަށް ދެއްކޭނެކަމަށް އަޅުގަނޑު ވަރަށް ބޮޑަށް އުންމީދުކުރަން. އެ ކޮންފިޑެންސްވެސް މިކުދިންގެ ހުރިކަމަށް ގަބޫލުކުރަން" ސްކޮޑާ ގުޅޭގޮތުން ކޯޗް ބުންޏެވެ.
ދިގު މުއްދަތެއްގެ ފަރިތަކުރުންތަކަށްފަހު ޓީމު ފުރާފަވާއިރު، މިޓީމާ ޖާޒީ ހަވާލުކޮށްފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. މިރަސްމިއްޔާތުގައި ޓީމުގެ ކެޕްޓަނާއި ވައިސް ކެޕްޓްންވެސް ވަނީ އިއުލާންކޮށްފައެވެ. ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ހާޒިގް ހަމަޖެއްސިއިރު، އޭނާގެ ދަށުން ޓީމު ލީޑްކުރާނެ ވައިސް ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ އަހްމަދު އަމީލް މައުރޫފެވެ. އަދި ޓީމުގެ މެނޭޖަރެއްގެ ގޮތުން އަހުމަދު ނީޝަމް ނާސިރު ޓީމާއެކު ފުރިއިރު، ޓީމުގެ ފިޒިއޯއަކީ އިސްމާޢީލް ޝަހީދެވެ.
50 އޯވަރު އޭސީސީ ޗެލެންޖް ކަޕް ތިން ގްރޫޕަކަށް ބަހާލާފައިވާއިރު ރާއްޖެ ހިމެނެނީ ގްރޫޕް ބީ ގައެވެ. މި ގްރޫޕްގައި ހިމެނޭ ގައުމުތަކަކީ ރާއްޖޭގެ އިތުރުން ސިންގަޕޫރާއި މިޔަންމާއެވެ. ގްރޫޕް އޭ ގައި ވާދަކުރަނީ ޗައިނާ، މޮންގޯލިއާ އަދި މެލޭޝިއާއެވެ. ގްރޫޕް ސީ ގައި ތައިލޭންޑް، ބޫޓާން އަދި ތަޖިކިސްތާނު ވާދަކުރާއިރު، ގްރޫޕް ޑީ ފައި ހިމެނެނީ ކެމްބޯޑިއާ، އިންޑޮނޭޝިއާ އަދި ކަޒަކިސްތާނެވެ.
މުބާރާތުގެ ކުޅުން ކުރިއަށްދާ ސިންގާ އޯވަލް އަދި އެސްއެންސީޖީ އޯވަލް ދަނޑަކީ ސިންގަޕޫރުގެ އެންމެ މަޝްހޫރު ކުރިކެޓް ދަނޑުތަކެވެ. މިމުބާރާތުގެ އެންމެ މޮޅު ދެ ޓީމު އޭސީސީ މެންސް ޕްރިމިއަރ ކަޕަށް ކޮލިފައިވާއިރު، މިމުބާރާތް އިންތިޒާމްކުރަނީ އޭޝިއަން ކުރިކެޓް ކައުންސިލުންނެވެ.