ޚަބަރު

ޙަމަލާ ބަދަލުކުރުން ހުއްޓާލުމަށް ޙިޒްބުاللهއިން ބުނީ ނޫނެކޭ


ޙަމަލާ ބަދަލުކުރުން ހުއްޓައިލުމާ ގުޅޭގޮތުން ލުބުނާންއާއި ޔަހޫދީ ސަރުކާރުން އެއްބަސްވެފައިވާ ރޭވުމަކަށް ލުބުނާނުގެ މުޖާހިންދުންގެ ޖަމާޢަތް، ޙިޒްބުاللهއިން ދެކޮޅު ހަދައިފިއެވެ. އެ ހުށަހެޅުންތަކަށް ޙިޒްބުاللهއިން ދެކޮޅުހަދާފައި މި ވަނީ ޔަހޫދީން ދެކުނު ލުބުނާނަށް ހުއްޓުމެއް ނެތި ޙަމަލާދީ، އެ ސަރަޙައްދުން ޔަހޫދީ ސިފައިން ނުބާލާނެ ކަމަށް ބުނަމުންދާ ދަނޑިވަޅެއްގައެވެ.

ޖޫން މަހުގެ 3ވަނަ ދުވަހު އެމެރިކާއިން ވަނީ ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމެއް ތަންފީޛު ކުރުމަށް ލުބުނާންއާއި ޔަހޫދީން އެއްބަސްވެފައިވާ ކަމަށް އިޢުލާނުކޮށްފައެވެ. ނަމަވެސް އެ އެއްބަސްވުން ތަންފީޛު ކުރުމުގެ ޝަރުތަކީ ޙިޒްބުاللهއިން ޙަމަލާ ދިނުން ހުއްޓާލައި، ދެކުނު ލުބުނާނުގެ ސަރަޙައްދީ ރޮނގު ކައިރިން ޙިޒްބުاللهގެ މުޖާހިދުން ފޭބުމެވެ. ދެކުނު ލުބުނާނުން ޔަހޫދީ ސިފައިން ފޭބުމާ ގުޅޭ އެއްވެސް ވާހަކައެއް އެ ހުށަހެޅުމުގައި ބަޔާންކޮށްފައެއް ނުވެއެވެ.

ލުބުނާނުގެ ރައީސް ޖޫޒީފް ޢޫން ވަނީ އެމެރިކާއިން އެކުލަވާލާފައިވާ އޮނިގަނޑަކަީ ދާއިމީ ގޮތަކަށް ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ލިބޭ ފަހު ފުރުޞަތު ކަމަށް ވިދާޅުވެފައެވެ. ޙިޒްބުاللهއަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވީ ހުރިހާ ފަރާތަކުން އެެއްބަސްވުން ތަންފީޛު ކުރުމުގެ ފެހި ސިގްނަލް ދޭނަމަ 24 ގަޑިއިރުގެ ތެރޭގައި ޙަމަލާތައް ހުުއްޓާލައި އެ އެއްބަސްވުމަށް ޢަމަލުކުރަން ފެށޭނެ ކަމަށެވެ.

ނަމަވެސް ޙިޒްބުاللهގެ އިސްވެރިޔާ ނަޢީމް ޤާސިމް ވިދާޅުވީ އެމެރިކާގެ ހުށަހެޅުމަކީ ލުބުނާނުގެ ރައްޔިތުންގެ ބައެއް ނައްތާލައި، ބާކީ ތިބި މީހުން އަޅުވެތި ކުރުމުގެ މަގުޗާޓެއް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ އިސްތިޢުމާރު ކުރުން ދެމި އޮންނަހާ ހިނދަކު އެ ކަމާ ދެކޮޅަށް މަސައްކަތްކުރާ ބަޔަކު އަބަދުވެސް ތިބޭނެ ކަމަށެވެ. ޤާސިމް ވިދާޅުވީ ލުބުނާނުގެ އަވަށްތަކަށް ޙަމަލާދީ ސުންނާފަތިކޮށް، ޤައުމުގެ ރައްޔިތުން ޝަހީދުކުރާ ނަމަ ޔަހޫދީ ދައުލަތުގެ ރަށްތަކަށް ވެސް ރައްކާތެރި ކަމެއް ނޯންނާނެ ކަމަށެވެ.

ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލުކުރުން އިތުރުވީ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހުދީންނާއި އެމެރިކާއިން ގުޅިގެން އީރާނަށް ޙަމަލާ ދިނުމުން، ޙިޒްބުاللهއިން އީރާނަށް ވާގިވެރިވުމުގެ ގޮތުން މާރިޗު މަހުގެ 2ވަނަ ދުވަހު ޙަމަލާތައް ދޭން ފެށުމުންނެވެ. ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް އެތައް ފަހަރެއްގެ މަތިން އެއްބަސްވި ނަމަވެސް އަދިވެސް ޙަމަލާ ބަދަލުކުރުން ހުއްޓިފައެއް ނުވެއެވެ. މެދުއިރުމަތީގެ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ޝަރުތެއްގެ ގޮތުގައި ލުބުނާނަށް ޙަމަލާ ދިނުން ހުއްޓައިލުމަށް އީރާނުން ވެސް ބާރުއަޅައެވެ.

ޔަހޫދީ ދިފާޢީ ވަޒީރު، އިސްރާއީލް ކެޓްޒް ވަނީ ލުބުނާނަށް ދެމުންދާ ޙަމަލާތައް އަދިވެސް ކުރިއަށް ގެންގޮސް، ޙިޒްބުاللهގެ ބިނާރުތަކަށް ޙަމަލާތައް އަމާޒުކުރާނެ ކަމަށް ބުނެފައެވެ.

ޔަހޫދީންގެ ޙަމަލާތަކުގެ ސަބަބުން ލުބުނާނުގެ 1.2 މިލިޔަން މީހުންނަށް ވަނީ ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ލުބުނާނުގެ ބަޔަކު ޝަހީދުވެފައިވެއެވެ.