ޚަބަރު

ބެއިރޫތުށް ޔަހޫދީން ހަމަލާދީފި ނަމަ ހަނގުރާމަ އަލުން ފެށޭނެ: ޢަރާޤިޖީ


ލުބްނާނުގެ ވެރިރަށް ބެއިރޫތަށް ޔަހޫދީ ފައުޖުން ދޭ ކޮންމެ ޙަމަލާއެއްގެ ނަތީޖާއަކީ ހުޅަނގު އޭޝިޔާގައި ހަނގުރާމަ އަލުން ފެށިގެން ދިޔުން ކަމުގައި ވިދާޅުވެ، އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ އިންޒާރު ދެއްވައިފިއެވެ. ބައިރޫތަށް ޙަމަލާދިނުމަށް ޔަހޫދީ ދައުލަތުގެ ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ އަމުރުކޮށްފައިވީ ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ދެކެވުނު ހޫނު ވާހަކަތަކަކަށް ފަހު އޭނާ ވަނީ އެ ޢުދުވާން މަޑުޖައްސައިލާފައެވެ.

މި ދަނޑިވަޅުގައި، އެމެރިކާ މެދުވެރިވެގެން ކުރިއަށްދިޔަ މަޝްވަރާތަކަށް ފަހު، ލުބްނާނާއި ޔަހޫދީ ދައުލަތުން ވަނީ ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުން އައުކުރުމަށް ނިންމާފައެވެ. މި އެއްބަސްވުމުގެ ދަށުން، "ޕައިލެޓް ޒޯންތަކެއް" ކަނޑައަޅައި، އެ ސަރަޙައްދުތައް ބެލެހެއްޓުމުގެ ފުރިހަމަ ބާރު ލުބްނާންގެ އަސްކަރިއްޔާއަށް ދޭނެއެވެ. އަދި، ދައުލަތުން ބޭރު ހަތިޔާރުއެޅި ޖަމާޢަތްތަކަށް އެ ސަރަޙައްދުތަކުގައި ހަރަކާތްތެރިވުން މަނާވާނެއެވެ. އަދި، އަލް-ލަޔިޠާނީ ކޯރުގެ ދެކުނުގައި މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުالله އިން ހަރަކާތްތެރިވުން ވެސް މަނާވާނެއެވެ. ޖޫން 22 އަށްފަހު މި ކަމާ ގުޅޭ އިތުރު މަޝްވަރާތައް ބޭއްވުމަށް ލުބްނާން ސަރުކާރާއި ޔަހޫދީ ދައުލަތުން ވަނީ ނިންމާފައެވެ.

ހުޅަނގު އޭޝިޔާގެ މަސްރަޙު ނުތަނަވަސްކަމެއްގެ ތެރެއަށް ވެއްޓުނީ، ޞަޔްހޫނީން ރުއްސުމަށް އެމެރިކާއިން އީރާނާ ދެކޮޅަށް ފެބުރުވަރީ 28 ގައި ޢައިރުޤާނޫނީ ހަނގުރާމައެއް ފަށައި، 3,000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލުމާ ގުޅިގެންނެވެ. އީރާނުން ވަނީ، ބަދަލުހިފުމުގެ ގޮތުން ޔަހޫދީ ދައުލަތަށާއި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ގަލްފުގެ ޤައުމުތަކަށް ޙަމަލާދީ، ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. ޕާކިސްތާނުން މެދުވެރިވެގެން އެޕްރީލު 8 ގައި ހަމަޖެއްސި ޙަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުން ދެމިއޮތް ނަމަވެސް، ދެކުނު ޤަޝަމު ޖަޒީރާގައި ހުރި އީރާނުގެ މުވާޞަލާތީ މަރުކަޒަކަށް އެމެރިކާއިން ދާދިފަހުން ދިން ޙަމަލާގެ ބަދަލުގައި، އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) ވަނީ ކުވަޔިތާއި ބަޙްރަޔިންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ.

ޢަރާޤިޖީ ވިދާޅުވީ، އައިއާރްޖީސީން ދީފައި ވަނީ އަމިއްލަ ދިފާޢުގައި ރައްދު ޙަމަލާތަކެއް ކަމުގައެވެ. އަދި، އީރާނަށް ޙަމަލާ ދިނުމަށް އެމެރިކާގެ އަސްކަރިއްޔާއިން ބޭނުންކުރާ ގަލްފުގެ ޤައުމުތަކަށް ޙަމަލާދިނުމުގައި އައިއާރްޖީސީން ދެމިއޮންނާނެ ކަމުގައެވެ. މީގެ އިތުރުން، ޔަހޫދީ ފައުޖުން އަނެއްކާ ވެސް ބައިރޫތަށް ޙަމަލާދޭން ފަށައިފި ނަމަ، އެމެރިކާއާއި ޔަހޫދީންނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އަލުން ފެށިގެންދާނެ ކަމުގައި ވެސް އޭނާ އިންޒާރު ދެއްވިއެވެ.

ޢަރާޤިޖީ މި މޭރުމުން ވިދާޅުވެފައި މި ވަނީ، ގަލްފުގެ ސަރަޙައްދީ ބައިވެރިންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބެމުންދާ ކަމުގައި އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވިދާޅުވުމާ ގުޅިގެންނެވެ. ރޫބިޔޯ ވިދާޅުވީ، ގަލްފުގެ ބައިވެރިން ކަމުގައިވާ އެކުވެރި ޢަރަބި ޢިމާރާތާއި (ޔޫއޭއީ) ކުވަޔިތުން އެމެރިކާއަށް ފުރިހަމައަށް އެއްބާރުލުންދެމުންދާ ކަމުގައެވެ. އީރާނުން ބުނީ، އަސްކަރީ ކުރިމަތިލުންތައް ނިމުމަކަށް ގެނެވޭނީ ލުބްނާނު ވެސް ހިމެނޭ ގޮތުގައި ހަނގުރާމަ ހުއްޓައިލައިގެން ކަމުގައެވެ. އެޕްރީލް 17 އަށްފަހު ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް ޔަހޫދީން އެއްބަސްވެފައި އޮތް ނަމަވެސް، މާރިޗު 2 ވަނަ ދުވަހަށް ފަހު ޔަހޫދީ ފައުޖުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ލުބްނާނުން 3,500 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.