ޚަބަރު

ހަނގުރާމައަށް ހުރަސްއަޅާ ޤަރާރެއް ކޮންގްރެސްއިން ފާސްކޮށްފި


އީރާނާ ދެކޮޅަށް ކުރަމުންދާ ޣައިރުޤާނޫނީ ހަނގުރާމަ ކުރިއަށްގެންދިއުމަށް ރައީސް ޑޮނަލްޑް ޓްރަމްޕަށް ލިބިވަޑައިގަންނަވާ ބާރުތައް ހަނިކުރުމަށް، ވެރިކަންކުރާ ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތު އޮންނަ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއިން ޤަރާރެއް ފާސްކޮށްފިއެވެ. ޤާނޫނު ހަދާ މަޖިލިސް، ކޮންގްރެސްގެ ތިރިގެ ކަމުގައިވާ ހައުސްގެ 215 މެންބަރުންގެ ވޯޓުން ފާސްކުރި މި ޤަރާރާ ދެކޮޅަށް 208 މެންބަރުން ވޯޓު ދެއްވިއިރު، ރިޕަބްލިކަން ޕާޓީގެ ހަތަރު މެންބަރަކު ވަނީ ޑިމޮކްރެޓުންނާ ގުޅި، ޤަރާރަށް ތާޢީދުކުރައްވާފައެވެ.

މި ޤަރާރުގައިވާ ގޮތުން، ކޮންގްރެސްއިން ހަނގުރާމަ އިޢުލާނުނުކުރާ ނުވަތަ އަސްކަރީ ބާރުގެ ބޭނުންކުރުމުގެ ހުއްދަ ނުދޭހާ ހިނދަކު، އީރާން ހަނގުރާމައަށް ފޮނުވާފައިވާ އެމެރިކާގެ ސިފައިން އެ ސަރަޙައްދުން ބޭލުމަށް ޓްރަމްޕަށް މަޖުބޫރުވާނެއެވެ. މިއީ ހަތަރުވަނަ މަހަކަށް ދިގުލައިގެން ގޮސްފައިވާ މި ހަނގުރާމައާ މެދު ޓްރަމްޕްގެ އަމިއްލަ ޕާޓީގެ މެންބަރުންގެ މެދުގައި ކަންބޮޑުވުން އިތުރުވަމުންދާކަން ހާމަވުމުގެ އިތުރުން، އޭނާއަށް ކުރިމަތިވި ސިޔާސީ ބޮޑު ނާކާމިޔާބީއެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ސިފަކުރިއެވެ.

މި ޤަރާރު ފާސްވުމަކީ މި ވަގުތަށް ބަލާއިރު ރަމްޒީ ނިންމުމެއް ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުންޏެވެ. ސަބަބަކީ މިފަދަ ޤަރާރެއް ތަންފީޒު ކުރެވޭނީ ހައުސްގެ އިތުރުން ސެނެޓުން ވެސް ފާސްވެގެން ކަމުގައިވާތީއެވެ. ހުސްވި އެޕްރީލު މަހު ވެެސް ސެނެޓުން ވަނީ މި ފަދަ ޤަރާރެއް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. ނަމަވެސް، ހަނގުރާމައިގެ ބާރުތަކާ ބެހޭ މި ފަދަ ޤަރާރުތަކަކީ ޤާނޫނުއަސާސީއާ ތަޢާރުޒުނުވާ ޤަރާރުތަކެއްތޯ އެމެރިކާގެ ސިޔާސީ މަސްރަޙުގެ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. މި ވޯޓަކީ ޓްރަމްޕްގެ ބާރުތައް ހަނިކުރުމަށް ދެ ޕާޓީ ގުޅިގެން ކުރި މަދުން ނޫނީ ނުފެންނަ ފަދަ މަސައްކަތެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ސިފަކުރިއެވެ. މީގެ ކުރިން ހައުސްއަށް ހުށަހެޅި މި ފަދަ ތިން ޤަރާރެއް ވަނީ ނާކާމިޔާބުވެފައެވެ.

ބާރުތައް ހަނިކުރުމާ ގުޅޭ ޤަރާރާ ގުޅޭގޮތުން ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން ވިދާޅުވީ، އެމެރިކާގެ ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން، ހަނގުރާމަ އިޢުލާނުކުރުމުގެ ބާރު ލިބިގެން ވަނީ ހަމައެކަނި ކޮންގްރެސްއަށެވެ. ފެބުރުވަރީ 28 ގައި އެމެރިކާއާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށްފަހު، ތެލާއި ކާބޯތަކެތީގެ އަގުބޮޑުވަމުންދާތީ ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން ދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. ނަމަވެސް، ޓްރަމްޕްގެ ސަރުކާރުން ބުނަމުން ދަނީ އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފެއްދުން ހުއްޓުވުމަކީ އެމެރިކާގެ ޤައުމީ ސަލާމަތަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައެވެ. އަދި، މި ޤަރާރާ ދެކޮޅު ހައްދަވާފައިވާ ރިޕަބްލިކަން ޕާޓީގެ މެންބަރުން ސިފަކުރައްވާ ގޮތުގައި، މިއީ އެމެރިކާ ބަލިކަށިކޮށްލައި، ޓްރަމްޕާ ދެކޮޅަށް ސިޔާސީ ގޮތުން ކުރިއެރުން ހޯދުމަށް ޑިމޮކްރެޓުން ކުރާ ބޭކާރު ސިޔާސީ މަސައްކަތްތަކެކެވެ.