ސަރުކާރުން ގެރެންޓީ ދީގެން ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އިން ނެރުމަށް ހަމަޖެހިފައިވާ ސުކޫކަކީ އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުމަށް އަމާޒުކޮށްފައިވާ ކަމެއް ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.
ފިޗް ރޭޓިންގްސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް މަތިކުރުމާ ގުޅިގެން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، މި ސުކޫކަކީ މެދު ރާސްތާގައި އިޤްތިޞާދު ކުރިއެރުވުމަށް، ޚާއްސަކޮށް ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދުތަކުގައި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އަމާޒުކޮށް ސަރުކާރާއި ބީ.އެމް.އެލް ގުޅިގެން ކުރިއަށްގެންދާ މާލީ މުއާމަލާތެއް ކަމަށެވެ.
"މީގެ ކުރިންވެސް އަޅުގަނޑު ދަންނަވާފައިވާ ފަދައިން، ސަރުކާރުން ގެރެންޓީ ދީގެން ބޭންކް އޮފް މޯލްޑިވްސްއިން ނެރުމަށް ހުށަހަޅާފައިވާ 300 މިލިއަން ޑޮލަރުގެ ސުކޫކަކީ ދައުލަތުގެ ބަޖެޓަށް އެހީވުމަށް ނުވަތަ ސަރުކާރުގެ ކޭޝް-ފްލޯގެ ބޭނުންތަކަށް ޚާއްސަކޮށްފައިވާ މުއާމަލާތެއް ނޫން،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި އިސްނެގުމުގެ ބޭނުމަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުމެވެ. މި ސުކޫކުގެ ސަބަބުން ދައުލަތަށް އާމްދަނީ ލިބޭ ވަޞީލަތްތައް އިތުރުވެ، ކުރިއަށް އޮތް އަހަރުތަކުގައި ކަނޑައަޅާފައިވާ މާލީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބާރަކަށް ވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މިއީ ފަތުރުވެރިކަމުގެ ދާއިރާއިން އިޤްތިޞާދު ކުރިއެރުވުމަށް، ޚާއްސަކޮށް ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދުތަކަށް އަމާޒުކޮށް ސަރުކާރާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ރާވާފައިވާ މަސައްކަތެއް،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ، ފިޗް ރޭޓިންގްސްއިން ރާއްޖޭގެ 'ލޯންގް-ޓާމް ފޮރިން-ކަރަންސީ އިޝުއަރ ޑިފޯލްޓް ރޭޓިންގް' ސީސީ' އިން 'ސީސީސީ-'އަށް މަތިކުރުމާ ގުޅިގެންނެވެ. ފިޗްއިން ހާމަކުރި ގޮތުގައި މި ކުރިއެރުމަކީ، މައިގަނޑު ގޮތެއްގައި، އޭޕްރިލް 2026 ގައި ދައްކަންޖެހޭ ސުކޫކުގެ ފައިސާ ދައްކައި ހަލާސްކޮށްފައިވުމުގެ ސަބަބުން ދީފައިވާ ރޭޓިންގްއެކެވެ. އަދި އާމްދަނީ އިތުރުކުރުމަށް ގެންނަ އިސްލާހުތަކާއި ބޭރު ފައިސާއާ ބެހޭ ޤާނޫނުގެ ސަބަބުން، ދައުލަތަށް ބޭރު ފައިސާ ހޯދުމުގެ ޤާބިލުކަން އިތުރުވާނެ ކަމަށްވެސް ފިޗްއިން ފާހަގަކޮށްފައިވެއެވެ.
ވަޒީރު ވިދާޅުވީ ރޭޓިންގް މަތިވުމަކީ އިޤްތިޞާދީ ހާލަތު ރަނގަޅުވަމުންދާ ކަމުގެ ހެއްކެއް ކަމަށާއި، އަދި އޭޕްރިލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކު ކާމިޔާބުކަމާއެކު އަނބުރާ ދެއްކުމާ ގުޅިގެން ސަރުކާރުގެ މާލީ އިޞްލާހީ އެޖެންޑާއަށް އޮތް އިތުބާރު ބޮޑުވަމުންދާ ކަމުގެ ނިޝާނެއް ކަމަށެވެ. ހަމައެއާއިއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން މުހިންމު މާލީ އިޞްލާހުތަކެއް ތަންފީޒު ކުރެވެމުންދާތީ، އެމަނިކުފާނަށް ވަޒީރު މަރުހަބާއާއި ޝުކުރު އަދާކުރެއްވިއެވެ.
"ދައުލަތުގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި، ދަރަނި ދެއްކުމުގެ ގާބިލުކަން އަލުން އިއާދަކުރުމަށް ދިވެހި ސަރުކާރުން އޮތީ ސާބިތުކަމާއެކު" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ ވަރަށް ސާފު ސިޔާސަތެކެވެ. އެއީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކާއި ރަނގަޅު އާމްދަނީ ލިބޭ ވަޒީފާތައް އުފައްދައިގެން، މެދު ރާސްތާގައި ދައުލަތުގެ މާލީ ހަމަޖެހުމާއި ދަރަނީގެ ދެމެހެއްޓެނިވިކަން ވަރުގަދަކުރުމެވެ. މީގެ އިތުރުން، ފިޗްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް މަތިކުރުމުން އެނގިގެންދަނީ ސަރުކާރުން ރާވާފައިވާ މާލީ އިޞްލާހުތަކާއި އިޤްތިޞާދީ ފިޔަވަޅުތަކަށް ބައިނަލްއަޤްވާމީ މައިދާނުގައި އިތުބާރު ލިބެމުންދާކަން ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.