ޚަބަރު

އަޤްޞާގެ ތެރޭގައި ޔަހޫދީން ހިންގާ ޖަރީމާތައް ކުށްވެރިކޮށްފި


  • ދިވެހި ސަރުކާރުން ވިދާޅުވީ މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފަށް ހިންގާ އަމަލުތަކެއްކަމަށް

  • ސަރުކާރުން ވިދާޅުވީ ފަލަސްތީނުގެ ހައްޤުގައި ވަކާލާތުކުރުމުގައި ދެމިއޮންނާނެކަމަށް

ޔަހޫދީ ދައުލަތުގެ ހިމާޔަތް ދަށުގައި ހައްދުފަހަނައަޅާފައިވާ ޔަހޫދީ ވަޒަންވެރިން އަޤްޞާ މިސްކިތުގެ ޚުރުމަތް ކަނޑާލުމަށް ހިންގަމުންދާ ޢަމަލުތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ސަރުކާރުން ނެރުއްވި ބަޔާނުގައި ވިދާޅުވީ ޔަހޫދީ ސިފައިންގެ ހިމާޔަތް ދީގެން ހައްދުފަހަނައަޅާފައިވާ ޔަހޫދީ ވަޒަންވެރިން އަޤްޞާ މިސްކިތުގެ ހުންނަ ސަރަހައްދަށް ވަދެގަނެ، އިސްރާއީލުގެ ދިދަ އުފުލުމާއި، އަދި އަލްއަޤްޞާ މިސްކިތަށް ނަމާދުކުރާ މީހުން ވަނުން މަނާކޮށް ހުރަސްއަޅަމުންދާ ކަމަށެވެ. އަދި މިކަން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ދިވެހި ޚާރިޖިއްޔާގެ ބަޔާނުގައިވެއެވެ.

މިފަދަ އަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު، އަދި އަޤްޞާ މިސްކިތުގެ މާތްކަމާއި، ޤާނޫނީ ހައިސިއްޔަތާއި، އަދި ތާރީޚީ އަދި ދީނީ މުހިންމުކަން ނަގާލުމަށް ގަސްތުގައި ހިންގާ ނުރައްކާތެރި އަމަލުތަކެއް ކަމަށް ދިވެހި ސަރުކާރުން ވިދާޅުވިއެވެ. އިސްލާމީ އުންމަތުގެ އެންމެ މުގައްދަސް އެއް ބިނާގެ ތާރީޚީ އަދި ޤާނޫނީ ހައިސިއްޔަތަށް ޔަހޫދީ ދައުލަތުން އިހުތިރާމް ކުޑަކޮށް، އިންސާނީ ހައްޤުތަކަށް އަރައިގަންނަމުންދާ ދިއުން ހުއްޓުވައި، އެފަރާތްތައް ޖަވާބުދާރީ ކުރުވުމަށްޓަކައި ބައިނަލްއަޤްވާމީ މުޖުތަމައުން ކުއްލި އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލަމުންދާ ގޮވާލުން ތަކުރާރުކޮށްފައެވެ.

ސަރުކާރުން ވިދާޅުވީ ފަލަސްތީނުގެ ހައްޤުގައި ވަކާލާތުކުރުމުގައި ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އަރުވާކަމަށް ވިދާޅުވަމުންނެވެ. އަދި އިސްލާމީ މުގައްދަސް ބިނާތައް ހިމާޔަތްކުރުމަށާއި، ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުތައް ހޯދައިދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން ކުއްލި ފިޔަވަޅުތަކެއް އެޅުމަށް ދިވެހިރާއްޖެއިން ގޮވާލާ ގޮވާލުންވެސް ވަނީ ތަކުރާރުކޮށްފައެވެ.