މުބާރާތް އިއުލާނުކުރިއިރު، ގުރޫޕް ސްޓޭޖަށް ފަހު ކުއާޓަރ ފައިނަލްގެ މެޗުތައް ކުޅޭގޮތަށް އޮތް ނަމަވެސް، ޓީމުތަކުގެ އެދުމާ އެއްގޮތަށް ޤަވާއިދު އިސްލާހުކޮށް، 14 އަހަރުން ދަށުގެ "ރާއްޖެ ޖޫނިއަރ" ފުޓުބޯޅަ މުބާރާތުގެ ގަދަ 16 ގެ މެޗުތައް ފަށައިފިއެވެ.
އެގޮތުން، އިއްޔެ ކުޅުނު ފުތަރަމަ މެޗުގައި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލާއި ކ.އަތޮޅު މަދަރުސާ ބައްދަލުކުރި މެޗު، 0-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކުރީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލެވެ. ދެވަނަ މެޗުގައި އިސްކަންދަރު ސްކޫލާ ވާދަކޮށް، ތާޖުއްދީން ސްކޫލުންވެސް މެޗު ކާމިޔާބުކޮށްފައި ވަނީ ހަމަ މި ނަތީޖާއިންނެވެ.
އިއްޔެގެ ފަހު މެޗުގައި ޣިޔާސުއްދީން އިންޓަރނޭޝަލް ސްކޫލްއާ ބައްދަލުކޮށް، ހިރިޔާ ސްކޫލުން މެޗު ކާމިޔާބުކޮށްފައި ވަނީ 0-5 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކަށް ބަލާއިރު، މިއަދު 14:00 ގައި ބައްދަލުކުރާނީ މަޖީދިއްޔާ ސްކޫލާއި ދަރުމަވަންތަ ސްކޫލެވެ. ދެވަނަ މެޗުގައި ކަލާފާނު ސްކޫލާއި ޢިމާދުއްދީން ސްކޫލް ބައްދަލުކުރާނީ 15:00 ގައެވެ. ތިންވަނަ މެޗުގައި މަދްރަސަތުލް އިފްތިތާޙް އާއި ރެހެންދި ސްކޫލް، 16:00 ގައި ބައްދަލުކުރާއިރު، މިއަދުގެ ފަހު މެޗުގައި ގުރައިދޫ ސްކޫލާއި ޖަމާލުއްދީން ސްކޫލް ބައްދަލުކުރާނީ 17:00 ގައެވެ.