ޚަބަރު

އަހްނާ، 200 މީޓަރު ދުވުމުގެ ގައުމީ ރިކޯޑް އައުކޮށްފި


  • އަހްނާ ރިކޯޑް ހެދީ 25 ސިކުންތުން ރޭސް ފުރިހަމަކޮށްގެން

  • އޭނާގެ ކުރީގެ ޓައިމިންއަކީ 25.10 ސިކުންތު

ރާއްޖޭގެ އެތުލެޓިކްސްގައި މިހާރު އެންމެ ފާހަގަކޮށްލެވޭ އެއް އެތުލީޓުކަމުގައިވާ އަހްނާ ނިޒާރް، 200 މީޓަރު ދުވުމުގެ ގައުމީ ރިކޯޑް އައުކޮށްފިއެވެ.

ބާރު ދުވުންތެރިޔާ މި ރިކޯޑް އައުކޮށްފައިވަނީ ޗައިނާގެ ހޮންގކޮންގުގައި ކުރިއަށްދިޔަ 20 އަހަރުންދަށުގެ އޭޝިއަން ޗެންޕިއަންޝިޕްގައި ވާދަކޮށް، 25 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ. މީގެ ކުރިން އޭނާ ހަދާފައިވާ ޓައިމިންއަކީ 25.10 ސިކުންތެވެ. އެއީ 2024 ވަނަ އަހަރު ކުރިއަށްދިޔަ ގައުމީ ޗެންޕިއަންޝިޕުގައި ވާދަކޮށްގެންނެވެ.

20 އަހަރުންދަށުގެ އޭޝިއަން ޗެންޕިއަންޝިޕް ކުރިއަށްދިޔައީ މިދިޔަމަހުގެ 28 އިން 31 ވަނަ ދުވަހުގެ ނިޔަލަށް ހޮންގކޮންގުގައި ހުންނަ ޔޫތް ސްޕޯޓްސް ގްރައުންޑްގެ ކައި ޓަކް ސްޕޯޓްސް ޕާކްގައެވެ.

މިއަހަރުގެ މުބާރާތުގައި ރައްޖެ ތަމްސީލުކޮށްފައިވާ އެތްލީޓުންނަކީ އަހްނާގެ އިތުރުން، އަހްމަދު ރައްޔާން ފަހްމީ، ޒުއިޒް މުހަންމަދު ސުއާދް އަދި ޒިވާ މޫސާ ޝަފީޢުއެވެ.

އޭޝިއަން އެތްލެޓިކްސް އެސޯސިއޭޝަން (އޭއޭއޭ)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މިމުބާރާތަކީ އޭޝިއާގެ އެންމެ މޮޅެތި އެތްލީޓުން ވާދަކުރާ މުބާރާތެކެވެ. 20 އަހަރުންދަށުގެ އުމުރުފުރާތަކަށް ޚާއްސަ، މިމުބާރާތް ބާއްވާތާ މިއީ 22 ވަނަ އަހަރެވެ.