ޚަބަރު

ދުންފަތާއި ދުރު، މުޖުތަމަޢެއް ބިނާ ކުރުމަށް 5 އަހަރުގެ ޤައުމީ ކެމްޕެއިނެއް


  • ހޭލުންތެރިކަން އިތުރުކުރުމާއި، ތަފާތު އެކި އިނާޔަތްތަކާއި ލުއިތައް ދިނުން ހިމެނޭ

  • ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވޭ

ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުން މަދު ކުރުމަށް 5 އަހަރުގެ ޤައުމީ ކެމްޕެއިނެއް ސަރުކާރުން އިފްތިތާޙްކޮށްފިއެވެ. މި ކެމްޕެއިން އިފްތިތާޙްކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާއި ގުޅިގެން ބޭއްވި ނޫސްވެރިން ބައްދަލުވުމުގައެވެ.

ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުން މަދުކުރުމަށް ހިންގާ ޤައުމީ ކެމްޕެއިން ފެށުން އިއުލާންކޮށްދެއްވާފައިވަނީ 4 ވަޒީރުން ބައިވެރިވެވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމުގައި
ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއެވެ. ވަޒީރު ޤީލާ ވަނީ ސަރުކާރުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން މަދު ކުރުމަށް މުހިންމު ފިޔަވަޅުތަކެއް މިހާތަނަށްވެސް އަޅުއްވާފައިވާކަން ފާހަގަކުރައްވާފައެވެ. ސަރުކާރުން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ޖެނެރޭޝަނަލް ބޭން ނުވަތަ ވަކި އުމުރަކަށް ވުރެ ހަނގު ނަމަ ދުންފަތުގެ އިސްތިމާލު ކުރުން މަނާވުމާއި، ވޭޕް ބޭނުންކުރުން މަނާކުރުން ފަދަ މުހިންމު ފިޔަވަޅުތައް ވަޒީރު ފާހަގަކުރެއްވިއެވެ.

މިކަންކަމުގެ އިތުރަށް ރައްޔިތުންގެ ސިއްޙީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން މަދުކުރުމުގެ ގޮތުން 5 އަހަރުގެ ކެމްޕެއިނެއް ފެށުމަށް ނިންމަވާފައިވާކަމަށް ވަޒީރު ޤީލާ ޢަލީ ވިދާޅުވިއެވެ.

"ފަސް އަހަރަށް މި ކެމްޕެއިން ލޯންޗު ކުރެވިފައިވަނީ ކުރުމުއްދަތެއްގައި ނާތީޖާ ހާސިލްކުރެވޭނެ ފަދަ ކަމެއް ނޫން ދުންފަތު އިސްތިއުމާލު ކުރުމަކީ. އެހެންވީމަ މިފަދަ ކަމެއްގައި ކެމްޕެއިނެއް ރޯލް އައުޓް ކުރެވިގެންދާއިރު ސަރުކާރާއި ރައްޔިތުންނާޢި ޖަމިއްޔާ ޖަމާޢާތްތަކާޢި ރައްޔިތުންގެ ބައިވެރިވުންވެސް ވަރަށް މުހިންމުވާނެ. މިހާތަނަށް ދިވެހިރާއްޖެއިން ކޮށްފައި ހުރި މިފަދަ ކޮންމެ ކަމެއްގައިވެސް ދިވެހި ރައްޔިތުންގެ ބައިވެރިވުން ވަރަށް ސާބިތުކުމަކާއެކު ދައްކުވައިދީފައި އެބަހުރި." ވަޒީރު ޤީލާ ޢަލީ ވިދާޅުވިއެވެ.

މި ކެމްޕެއިންގެ ތެރެއިން އެކި ދައިރާތަކުން ހޭލުންތެރިކަން އިތުރުކުރުމާއި، ތަފާތު އެކި އިނާޔަތްތަކާއި ލުއިތައް ދިނުމަށް ސަރުކާރުން ނިންމަވާފައިވެއެވެ. އޭގެ ތެރޭގައި ތަޢުލީމީ ދައިރާއިންނާއި ކުޅިވަރާއި ޒުވާނުންގެ ދައިރާގެ އިތުރުން ޖަމީއްޔާ ޖަމާޢާތްތައް މެދުވެރިކޮށް ހޭލުންތެރިކަން އިތުރުކުރުމަށް އެކި ހަރަކާތްތައް ހިންގުމާއި ޤާނޫނާއި ޤަވާއިދުތައް ތަންފީޒު ކުރުން ހަރުދަނާ ކުރުމުގެ މަސައްކަތް ކުރެވިގެންދާނެއެވެ.

އެގޮތުން ސްކޫލްތަކުގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ތަރުބަވީ ޚާއްސަ ޕްރޮގްރާމު، ބިންގާގެ ތެރޭގައި މި ކެމްޕެއިންގެ ބައެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑޮކްޓަރ އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.

"ހުރިހާ ސްކޫލެއްގައިވެސް ދުންފަތުގެ ނުރައްކާ، ޞިއްޙީގޮތުންނާއި އިޤްތިޞާދީގޮތުން ލިބޭ ގެއްލުންތަކާ ގުޅޭ މައުލޫމާތުތައް ފޯރުކޮށްދޭނެ، ކުދިންނަށް އަދި އާއިލާތަކަށް މައުލޫމާތު ފޯރުކޮށްދޭނަން، އުއްމީދަކީ ރާއްޖެއަކީ ދުންފަތާގުޅޭ މައުލޫމާތު ވަރަށް ފުރިހަމައަށް ލިބިފައިވާ ޤައުމަކަށް ހެދުން،" ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ ޖަމިއްޔާތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށެވެ. އެގޮތުން ޒުވާނުން ބާރުވެރިކުރުމުގެގޮތުން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އެމްބެސަޑަރުން ހޮވުމާއި، އެޑްވޮކަސީ ޕްރޮގްރާމުތައް ކުރިއަށްގެންދިޔުމާއި، ޒުވާނުންގެ އިސްނެގުމާއެކު އަތޮޅުތަކަށް މަޢުލޫމާތު ފޯރުކޮށްދީ، ދުންފަތުގެ ވަބާއިން އަޅުގަނޑުމެން ސަލާމަތްކުރުމަށް މީހުން އެވެއާކޮށް ކުރިއަށްގެންދިޔުން މި ޕްރޮގްރާމުގައިވަނީ ހިމަނާފައި،" ވަޒީރު ރާފިޢު ވިދާޅުވިއެވެ.

ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުން މަދު ކުރުމަށް 5 އަހަރުގެ ޤައުމީ ކެމްޕެއިނެއް ފެށުމަށް ނިންމާފައިވާއިރު ދުންފަތުގެ ވަބާއިން ދިވެހި މުޖުތަމަޢު ސަލާމަތް ކުރުމަށް މިސަރުކާރުން މިހާތަނަށްވެސް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރުމާއި، ދުންފަތުގެ ވިޔަފާރި ކުރެވޭ އެންމެ ހަގު އުމުރަކީ 18 އަހަރުގެ ބަދަލުގައި 21 އަހަރުގެ ގޮތުގައި ކަނޑައެޅުން ހިމެނެއެވެ. އަދި ދުންފަތުގެ ބާވަތްތައް ރާއްޖެ އެތެރެކޮށް ވިއްކޭނީ އޭގެ ނުރައްކާ މިންވަރު އެނގޭނެ ޞިއްޙީ އިންޒާރާއެކުގައިކަމަށްވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން 2007 ވަނަ އަހަރުގެ ފަހުން އުފަންވާ ކުދިން ދުންފަތުގެ ބާވަތްތައް ބޭނުންކުރުމާއި އެކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރާ ޖެނެރޭޝަނަލް ބޭން މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 1 އިން ފެށިގެންވަނީ ތަންފީޒުކުރަން ފަށާފައެވެ.