ޙަމަލާ ބަަދަލުކުރުން މެދުކަނޑައިލުމަށް އެއްބަސްވެފައި ވަނިކޮށް ޣައްޒާގެ ކުށެއް ނެތް ރައްޔިތުންނަށް ޙަމަލާތައް ދީ، ޔަހޫދީ ސިފައިން އެކަމާ އުފާ ފާޅުކުރާ ކަމަށް ޔަހޫދީ ސިފައިންގެ މީހަކު ބުނެފިއެވެ.
ޔަހޫދީ އަސްކަރިއްޔާގެ ރިޒާވް ސިފައިންގެ މީހެއް ބުނި ގޮތުގައި ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުން ޤާއިމްކުރި ފަހުން ޔަހޫދީން ފަލަސްޠީނުގެ ރައްޔިތުންނަށް ޙަމަލާތައް ދިނުމަށް ފަހު އެ ކަން ފާހަގަކޮށް އުފާ ފާޅުކޮށް، އެކަކު އަނެކަކަށް މަރުޙަބާ ކިޔާ މިންވަރު ވަނީ އިތުރުވެފައެވެ. ޔަހޫދީންގެ ބާރުގެ ދަށުގައި އޮންނަ ޣައްޒާގެ ސަރަޙައްދު ފާހަގަކޮށްދޭ ‘ރީނދޫ ރޮނގު’ ހުރަސްކުރާ ނުވަތަ އެ ސަރަޙައްދާ ކައިރިވާ މީހުންނަށް އަމާޒުކޮށް ޙަމަލާތައް ދެމުންދާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ. ޔަހޫދީ ސިފައިންނަށް ދީފައިވާ އަމުރަކީ އެ ރޮނގު ހުރަސްކުރާ ކޮންމެ މީހެއްގެ ގަޔަށް ބަޑި ޖަހައި މަރައިލުން ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
ޣައްޒާގެ ރައްޔިތުންނަށް ޙަމަލާ ދިނުމުގައި ޢަމަލުކުރަން ޖެހޭ ގޮތް ސާފު ނޫން ކަމަށް ޔަހޫދީންގެ ތިން ސިފައިންގެ މީހުން ބައިނަލްއަޤްވާމީ ނޫހެއް ކަމަށްވާ އޭޕީއަށް ކިޔާދީފައިވެއެވެ. އެ މީހުން ބުނީ ބައެއް ކޮމާންޑަރުން ފާޅުގައި އެއްބަސްވުމަށް ޢަމަލުކުރުމަށް ހިތްވަރު ދިން ނަމަވެސް، އަލުން ޙަމަލާ ދޭން ފެށުމަށް އެ މީހުން އެދޭ ކަމަށް ސިއްރިޔާތުގައި ބުނަމުންދާ ކަމަށެވެ.
ބައެއް ސިފައިން ބުނި ގޮތުގައި ބައެއް ފަހަރު ޙާމަލާ ދެވެނީ ކާކަށް ކަން ސާފު ނުވާހާ ދުރުގައި ހުރެގެން އެ މީހުން ޣައްޒާގައި ޙަމަލާ ދެއެވެ. އަދި ބައެއް ޙާލަތްތަކުގައި އަވަސް އަރުވާލުމުގެ ސަބަބުން ޙަމަލާ ދެވެނީ ކާކަށް ކަން ނޭނގޭ ފަހަރު ދާ ކަމަށް ވެސް ބުނެފައިވެއެވެ. ޔަހޫދީ އަސްކަރިއްޔާގައި ކުރިން ޚިދުމަތް ކޮށްފައިވާ ސިފައިންގެ ތެރެއިން ބަޔަކު ކަންކަމުގެ ހަޤީޤަތް ހާމަ ކުރުމަށް އުފައްދާފައިވާ ’ބްރޭކިންގ ދަ ސައިލެންސް’އިން ވެސް ވަނީ އެ ކަން ކަށަވަރުކޮށްދީފައެވެ. އެ ޖަމްޢިއްޔާއިން ވަނީ އެކި ސިފައިންގެ މީހުންގެ ބަޔާންތައް ނަގައި އެއްކޮށްފައެވެ.
ޣައްޒާގައި ޔަހޫދީ ސިފައިން ޢަމަލުކުރާ ގޮތް ކިޔައިދީފައި ވަނީ މިދިޔަ އޮކްޓޯބަރު މަހާއި ޖަނަވަރީ މަހާ ދެމެދު ޣައްޒާއަށް ފޮނުވާފައިވާ ޔަހޫދީންގެ ރިޒާވް ސިފައިންގެ ތެރެއިން ބައެކެވެ. އެ މީހުން ބުނީ ޙަމަލާ ބަދަލުކުރުން މެދުކަނޑާލާފައި މި އޮތް ދުވަސްތަކުގައި ވެސް ޔަހޫދީން ކެނޑިނޭޅި ޣައްޒާއަށް ޙަމަލާ ދެމުންދާ ކަމަށެވެ. އެހެންކަމުން ޣައްޒާގައި ޙަމަލާ ބަދަލުކުރުން ހުއްޓާލާފައިވާ ކަމަށް ނުބުނެވޭނެ ކަމަށް އެ މީހުން ބުނެއެވެ. އަދި އެހެން ބުނުމަކީ ބޮޑު ޖޯކެއްގެ ގޮތުގައި އެ މީހުން ވަނީ ސިފަކޮށްފައެވެ.
ޣައްޒާގައި ޙަރަކާތްތެރިވި ޔަހޫދީ ސިފައިންގެ މީހެއް ބުނި ގޮތިގައި ޔަހޫދީން އެއްވެސް މިންވަރަކަށް އިންސާނުންގެ ފުރާނައަށް ބެލުމެއް ނުބަހައްޓައެވެ. އިންސާނުންގެ ފުރާނައަކީ އެއްވެސް އަގެއް ނެތް އެއްޗެއްގެ ގޮތުގައި ޔަހޫދީ އަސްކަރިއްޔާއިން ދެކޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ރީނދޫ ރޮނގު ކައިރިން ކުޑަކުދިން ހިމެނޭ ގޮތަށް ޣައްޒާގެ ޢާންމުންނަށް ޙަމަލާ ދޭ ކަމުގެ ރިޕޯޓުތައް އެހެން މަސްދަރުތަކުން ވެސް ވަނީ ހާމަކޮށްފައެވެ. މި އަހަރުގެ ތެރޭގައި ޣައްޒާގައި އެންމެ ގިނަ ޢަދަދެއްގެ މީހުން ޝަހީދުކޮށްލާފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައެވެ. މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޭޕްރިލް މަހާ ހަމައަށް ރީނދޫ ރޮނގުތައް ކައިރީ ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 25އިންސައްތައިން އިތުރުވެފައެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދޭން ފެށި ފަހުން 72،819 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޣައްޒާގައި ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ވެސް ޔަހޫދީން ވަނީ ޣައްޒާގެ 922 ރައްޔިތުން ޝަހީދުކޮށްލައިފައެވެ.