ޚަބަރު

އާސެނަލް ބަލިކޮށް ޕީއެސްޖީ އިން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި


ޔޫއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ އިން މުބާރާތުގެ ތަށި ދިފާއުކޮށްފި އެވެ.

ޕީއެސްޖީ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އާސެނަލް އާއި ދެކޮޅަށް މިރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވާތީ ޕެނަލްޓީ ޖަހައިގެން 4-3 ގެ ނަތީޖާއަކުންނެވެ.

އާސެނަލް އިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން އެބެރޭޗީ އެޒޭ އާއި ގެބްރިއަލް ޖެހި ޕެނަލްޓީ ބޭރަށް ގޮސްފައިވާއިރު ޕީއެސްޖީގެ ނޫނޯ މެންޑޭޒް ފޮނުވާލި ޕެނަލްޓީ އާސެނަލްގެ ގޯލުކީޕަރު ޑޭވިޑް ރާޔާ ވަނީ މަތަކޮށްފަ އެވެ.

ހަންގޭރީގެ ބުޑަޕެސްޓްގައި ކުޅުނު މި މެޗު ފަށައިގެން ގިނައިރުތަކެއް ނުވަނީސް އާސެނަލް އިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. އާސެނަލް އިން މި މެޗުގައި ލަނޑު ޖަހާ ކުރި ހޯދާފައިވަނީ މެޗުގެ 6 ވަނަ މިނިޓުގައި ޓްރޮސާޑް ދިން އެސިސްޓަކުން ކައި ހަވަޓްޒް އެވެ.

ހަވަޓްޒް އަކީ 2021 ވަނަ އަހަރު ޗެލްސީ އިން ޗެމްޕިއަންސް ލީގު ނެގިއިރު ފައިނަލުގައި މެންޗެސްޓަރ ސިޓީ ކޮޅަށްވެސް ލަނޑު ޖެހި ކުޅުންތެރިއެކެވެ.

މެޗު ފަށައިގެން އާސެނަލް އިން ލަނޑެއް ޖަހާ ކުރި ހޯދި ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ވަކި ހިސާބަކުން ޕީއެސްޖީއިން ވަނީ މެޗުގެ ކޮންޓްރޯލް ހޯދާ އާސެނަލްގެ ޑިފެންސަށް ބާރުބޮޑުކޮށްފަ އެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިގެން ޕީއެސްޖީ އިން ވަނީ އެ ޓީމުގެ ކުޅުން ވަރަށް ބޮޑަށް ރަގަޅުކޮށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ އިން ވަނީ މެޗުގެ 63 ވަނަ މިނިޓުގައި ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑަކީ ކްވިޗާ ކްވަރަޓްސްކޭލިއާ އަށް އޭރިޔާ ތެރެއިން ކްރިސްޓިއަން މޮސްކޭރާ ކުރި ފައުލަކާއި ގުޅިގެން އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން އުސްމާން ޑެމްބެލޭ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

ޕީއެސްޖީ އިން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކުރުމާއިއެކު އާސެނަލްގެ ކޯޗު މިކޭލް އާޓޭޓާ ވަނީ އެ ޓީމަށް ދެ ބަދަލެއް ގެނެސްފަ އެވެ. އެގޮތުން މޮސްކޭރާ އާއި މާޓިން އޮޑެގާޑްގެ ބަދަލުގައި ޖުރިއެން ޓިމްބަރ އާއި ވިކްޓަރ ޔޮކޭރޭސް ވަނީ ކުޅެން އަރުވާފަ އެވެ.

މެޗުގެ 76 ވަނަ މިނިޓުގައި ޕީއެސްޖީ އަށް ވަނީ ލީޑު ނަގަން ރަގަޅު ފުރުސަތެއް ލިބިފަ އެވެ. އަރިމަތިން ކްވަރަޓްސްކޭލިއާއަށް ލިބުނު ފުރުސަތުގައި އާސެނަލްގެ ކުޅުންތެރިއެއްގެ ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ބާރު ހަމަލާ އަމާޒުވެފައިވަނީ ގޯލުގެ ދަނޑިއަށެވެ.