ކުޅިވަރު

އަންޗެލޯޓީގެ ރާގު ބަދަލުވެއްޖެ، ނޭމާ ޓީމުގައި ބަހައްޓަނީ


އަނިޔާގައި ހުރި ނަމަވެސް އެންމެ މަޝްހޫރު ފޯވަޑް ނޭމާ ޖޫނިއާ ބްރެޒިލް ޓީމުން އުނި ނުކުރާނެ ކަމަށް ކޯޗު ކާލޯ އަންޗެލޯޓީ ބުނެފި އެވެ.

ކޯޗު މިހެން ބުނީ ކުޅުންތެރިޔާ މުޅިން ފިޓްވާން ދެ ހަފުތާ ދިންތާ އެއް ދުވަސް ފަހުން ވާހަކަ ދައްކަމުންނެވެ. ނޭމާގެ ކުޑަކަޅުވާ އަށް ވެފައިވާ ތަދު ފިލައި އަލުން ކުޅެން ފަށަން ތިން ހަފުތާ ނަގާނެ ކަމަށް ބްރެޒިލް ޓީމުގެ ޑޮކްޓަރުން ލަފާ ކުރެ އެވެ. މިހެންވެ ވޯލްޑް ކަޕުގެ ފުރަތަމަ މެޗުގައި ޖޫން 14 ވަނަ ދުވަހު މޮރޮކޯއާ ދެކޮޅަށް އޭނާ އަށް ނުކުޅެވޭނެ އެވެ.

މިކަމާ ސުވާލު ކުރުމުން އަންޗެލޯޓީ ބުނީ ނޭމާ ޓީމުގައި ހުންނާނެ ކަމަށެވެ.

"އޭނާ ދަނީ ފިޓްވާން ވަރަށް މަސައްކަތް ކުރަމުން. ފުރަތަމަ މެޗަށް ފިޓް ނުވިޔަސް އޭނާ ދެ ވަނަ މެޗަށް ފިޓްވާނެ،" ތަޖުރިބާކާރު ކޯޗު ބުންޏެވެ.

ކުރިން ނޭމާ ހުރީ އަނިޔާގައިކަން އެނގުނު ނަމަ ޓީމަށް އޭނާ ނަގާނަންތޯ އެހުމުން އަންޗެލޯޓީ ދެއްކީ މުޅިން އެހެން ވާހަކަ އެކެވެ. މިސާލަކަށް ދެއްކީ އޭނާގެ ކާފަގެ ފައިގައި ދެ ފުރޮޅު ހުރިނަމަ ވެދާނެ ގޮތެއްގެ ވާހަކަ އެވެ.

ބްރެޒިލްގެ މީޑިއާތަކުން ބުނަނީ ނޭމާ ޓީމަށް ނެގީ އަންޗެލޯޓީ އަށް މަޖުބޫރު ވެގެން ކަމަށެވެ. އެއީ ސްޕޮންސަރުން އެކަމަށް ބާރު އަޅާތީ އެވެ.

ނޭމާގެ އަނިޔާއާ ގުޅިގެން އޭނާ ކުލަބު ސަންޓޯސް އަށް ވެސް ވަނީ ތުހުމަތުތަކެއް ކުރެވިފަ އެވެ. އެއީ ނޭމާގެ އިންޖަރީގެ މައުލޫމާތު ހޯދަން އެދުމުން ގައުމީ ޓީމަށް ގޯސް މައުލޫމާތު ދީފައިވާ ކަމުގެ ތުހުމެތެވެ. ބްރެޒިލްގެ ބައެއް މީޑިއާތަކުން ބުނަނީ މިއީ ނޭމާ އާއި ސަންޓޯސްއިން ވެސް ގުޅިގެން ކޮށްފައިވާ ކަމެއް ކަމަށެވެ. އަނިޔާގެ މައުލޫމާތު ސިއްރުކޮށް، މުޅިން ރަނގަޅު ނޫން މައުލޫމާތު ގައުމީ ޓީމަށް ދީފައިވާ ނަމަ އެއީ ވަރަށް ސީރިއަސް ތުހުމަތެއް ކަމަށެވެ.

ނަމަވެސް މި ކަމާމެދު ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުން އަދި ވަކި އެއްޗެއް ނުބުނެ އެވެ. އަންޗެލޯޓީ ވާހަކަ ދެއްކީ ފެޑަރޭޝަނުން ހަނުތިބިތާ 24ގަޑިއިރު ފަހުންނެވެ.