ރާއްޖޭގެ ފުޓުބޯޅައިގެ އިތުރުން ފުޓްސެލް އަދި ބީޗް ފުޓުބޯޅަ ކުރިއެރުވުމާ ގުޅޭގޮތުން ޖަޕާނު ފުޓްބޯލް އެސޯސިއޭޝަން (ޖޭއެފްއޭ) އާއިއެކު މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު މަޙްލޫފް މިކަމާގުޅޭގޮތުން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޖަޕާނު އެފްއޭ އާއިއެކު ކުރިއަށްދިޔަ މި ބައްދަލުވުމުގެ ތެރެއިން ރާއްޖޭގައި މި ތިން ކުޅިވަރު މިހާރަށްވުރެ ބޮޑަށް ތަރައްގީކޮށް ކުރިއެރުވުމަށް ޖަޕާނު އެފްއޭގެ ފަރާތުން ރާއްޖެއަށް ކޮށްދެވޭނެ ކަންކަމުގެ އިތުރުން، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ޖޭއެފްއޭ އާއި ދެމެދު އޮތް ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ސަފީރުގެ ޕޯސްޓުގައި ވަނީ، ޖަޕާނަކީ އަބަދުވެސް ކުޅިވަރުގެ ދާއިރާ ތަރައްގީކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ގައުމެއްކަން ފާހަގަކުރައްވާ، އެކަމުގައި ޖަޕާނުގެ ފަރާތުން ރާއްޖެއަށް ކެނޑިނޭޅި ލިބެމުންދާ އެހީތެރިކަމަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.
ސަފީރުގެ ޕޯސްޓުގައިވަނީ، މި ބައްދަލުވުމުގެ ތެރެއިން ޖަޕާން ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް އަދި އެގައުމުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން، ސުނެޔާސޫ މިޔާމޯޓޯއާ ބައްދަލުވިކަމީ އެމަނިކުފާނަށް ލިބިވަޑައިގަތް ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވެފައެވެ.
ސަފީރުގެ ޕޯސްޓު ނިންމާލައްވާފައިވަނީ ކުރިއަށް އޮތް ފީފާ ވޯލްޑްކަޕް 2026 ގައި ޖަޕާނަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގަންނަވަމުންނެވެ.