އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕްގައި ވާދަކުރާ އިރާނުގެ ޓީމަށް އަދިވެސް އެމެރިކާގެ ވިސާ ނުލިބޭ ކަމަށް އިރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނެފި އެވެ.
އިރާނުގެ ފުޓްބޯޅަ ފެޑާރޭޝަނުގެ އޮފިޝަލަކާއި ހަވާލާދީ ރޮއިޓަރސް އިން ބުނެފައިވާ ގޮތުގައި އެމެރިކާގެ ވިސާ އިރާނުގެ ޓީމަށް އަދި މިހާތަނަށް ލިބިފައިނުވާތީ އެ ޓީމުން ވަނީ މިކަމުގައި ހައްލެއް ހޯދުމަށް ފީފާގައި އެދިފަ އެވެ.
ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުގައި އިރާން ކުޅެން ޖެހޭ ތިން މެޗުވެސް އެމެރިކާގައި ކުޅެން ހަމަޖެހިފައިވާއިރު މީގެ ކުރިން އިރާނުން ތިބޭ ގޮތަށް އޮތީ އެމެރިކާގެ އެޓްލާންޓާގަ އެވެ. ނަމަވެސް އެކަމަށްވެސް މައްސަލަތަކެއް ޖެހުމާއި ގުޅިގެން އިރާން ޓީމުގެ ބޭސް ވަނީ މިހާރު މެކްސިކޯގެ ތިހުއާނާއަށް ބަދަލުކޮށްފަ އެވެ.
އިރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ފަސްޓް ވައިސް ޕްރެޒިޑެންޓް މެހްދީ މުހައްމަދުނަބީ ބުނެފައިވަނީ އެމެރިކާގެ ވިސާއަށް ލާފައިވީނަމަވެސް އަދިވެސް އެކަން ހަމަޖެހިފައިނުވާތީ ފީފާއަށް އެކަން އަންގާފައިވާނެ ކަމަށެވެ.
"އަހަރުމެންވާނީ މިހާރު ފީފާއަށް ރަސްމީކޮށް އަންގާފައި ވިސާގެ ކަންކަން ހަމަޖެހިގެންދާނެ ދުވަހެއް އަންގަން. ވިސާ ހަމަޖެހުމުން އިރާން ޓީމުން ބޭނުންވާނެ މެކްސިކޯއަށް ވެސް މަލްޓިޕްލް-އެންޓްރީ ވިސާއަށް ލާން." މުހައްމަދުނަބީ ބުންޏެވެ.
"މީގެ ކުރިން ދީފައިވާ މައުލޫމާތަށް ބަލާއިރު މި ހަފްތާގެ ތެރޭގައި ވިސާގެ ކަންކަން ހަމަޖެހެންވާނެ." އޭނާ އިތުރަށް ބުންޏެވެ.
އިރާނުން މެކްސިކޯގައި ބޭސްވުމަށް ނިންމާފައިވަނީ އެގޮތަށް ފީފާއިން އެދުމުންނެވެ. ނަމަވެސް މިކަމުގައި ފީފާއިން ހުރިހާ ޓީމަކާއިމެދު އަމަލު ކުރަމުންދަނީ އެއް ގޮތަކަށް ނޫން ކަމަށް އިރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުން ތުހުމަތު ކުރެއެވެ.
މިވަގުތު ތުރުކީގައި ކޭމްޕް ކޮށްފައިވާ އިރާނުން ވަނީ އިއްޔެ އެކުވެރިކަމުގެ މެޗެއްގައި ގެމްބިޔާ އާއި ދެކޮޅަށް ކުޅެފަ އެވެ.