ކުޅިވަރު

ޗެމްޕިއަންސް ލީގު ފައިނަލުގައި ފެވަރިޓެއް ނޯންނާނެ: އެންރީކޭ


ތަށި ދިފާއު ކުރަން އާސެނަލްއާ ދެކޮޅަށް ނުކުންނައިރު ޗެމްޕިއަންސް ލީގު ފައިނަލުގައި އެއްވެސް ޓީމަކީ ފެވަރިޓަކަށް ނުވާނެ ކަމަށް ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

މިރޭ ދަންވަރު ކުޅޭ ފައިނަލް މެޗާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ސްޕޭނުގެ ކޯޗު ބުނީ ހުސްވި އަހަރު އޭނާގެ ކޯޗުކަމުގައި ޕީއެސްޖީ ހޯދި ތަށި ދިފާއު ކުރުމަކީ މުޅި ޓީމުގެ އަމާޒު ކަމަށެވެ.

"ހުސްވި އަހަރާއި މި އަހަރުގެ ފައިނަލް ތަފާތުވާނެ. މިދިޔަ އަހަރު އިންޓަމިލާނާ ދެކޮޅަށް އަހަރުމެން ޑޮމިނޭޓް ކުރިން. މި ފަހަރު އެހެން ނުވާނެ. އަހަރެން ބުނާނީ މިއީ ވަރަށް ހަމަހަމަ މެޗަކަށޭ ވާނީ. އެއްވެސް ޓީމަކީ ފެވަރިޓެއް ނޫން. މެޗުން މޮޅު ވެވޭނީ ރަނގަޅަށް ގޭމްގެ ތެރޭގައި ކެތްތެރިކަމާއެކު ތިބެ ހާސްކަން ކުޑަކުރެވޭ ބަޔަކަށް،" އެންރީކޭ ބުންޏެވެ.

އޭނާ ބުނީ ދެ ޓީމަކީ ވެސް ސްޓައިލް ވަރަށް އެއްގޮތް ދެ ޓީމު ނަމަވެސް ޓެކްޓިސް ތަފާތު ކަމަށެވެ.

"އެ މީހުންނަކީ ވަރަށް ގޯލު ޖަހާ ޓީމެއް. އަހަރުމެންނަކީ ބޮޑަށް ދިފާއު ކުރާ ޓީމެއް. އަހަރުމެން ގޯލު ޖަހަނީ މުޅިން އެހެން ފޯމިއުލާއެއްގައި. އެހެންވީމާ ދެ ޓީމުގެ ރޭވުންތެރިކަން ތަފާތުވާނެ. އެކަމަކު މިއީ ވަރަށް ވާދަވެރި ހަމަހަމަ މެޗަކަށްވާނެ،" އެންރީކޭ ބުންޏެވެ.

2015 ވަނަ އަހަރު ސްޕޭނުގެ ބާސެލޯނާ އަށް ވެސް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދީފައިވާ އެންރީކޭ އަށް މިރޭ ތަށި ދިފާއު ކުރެވިއްޖެނަމަ އޭނާ ވެގެންދާނީ މި ފަހުގެ ތާރީހުގައި މި ތަށި ތިން ފަހަރު ހޯދާ ފުރަތަމަ ކޯޗަށެވެ. އަދި ޒައިނުއްދީން ޒިދާނަށް ފަހު ތަށި ދިފާއު ކުރާ ފުރަތަމަ ކޯޗެވެ.

"އަހަރެން މި ކުލަބަށް އައީ މިކަމަށް. އަހަރުމެން އެންމެން ވެސް މި ތިބީ މި ތަށި ހޯދަން ބޭނުންވެފައި. ޗެމްޕިއަންސް ލީގަކީ ހުރިހާ ގޮތަކުން ބެލި ނަމަވެސް އެންމެ މުހިންމު މުބާރާތް،" އެންރީކޭ ބުންޏެވެ.

ޕީއެސްޖީން ހާނިއްކެވެފައިވާ ކުޅުންތެރިން ކަމަށްވާ އަޝްރަފް ހަކީމީ އާއި ނޫނޯ މެންޑޭޒް އަދި ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އޮސްމާނޭ ޑެމްބެލޭ ވެސް ވަނީ މިހާރު ވަނީ ފިޓްވެފަ އެވެ. މިރޭގެ މެޗު ފަށާނީ މާލޭ ގަޑިން ނުވައެއް ޖަހާއިރު އެވެ.