ކުޅިވަރު

އެދެނީ ކުޅުންތެރިން އާސެނަލްގެ ތާރީހު ބަދަލުކޮށްދޭން: އާޓެޓާ


ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށް އާސެނަލްގެ ތާރީހު ބަދަލުކޮށްދޭން ކުޅުންތެރިން ގާތުގައި އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އެދެފި އެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްގެ ޕީއެސްޖީއާ ދެކޮޅަށް ނުކުތުމުގެ ކުރިން އާޓެޓާ ބުނީ އޭނާގެ ޓީމު އޮތީ ތާރީހު ބަދަލުކޮށްލެވޭ ފެންވަރުގައި ކަމަށެވެ. އޭނާ އިޝާރާތް ކުރީ 22 އަހަރު ފަހުން އާސެނަލްއިން އިނގިރޭސި ޕްރެމިއާ ލީގު ހުސްވި ހަފުތާގައި ކާމިޔާބު ކުރުމަށެވެ.

"އަހަރުމެން އެއް ތަށި ހޯދައިފިން. ދެ ވަނަ ތަށްޓެއް ހޯދަން މިތިބީ ބޭނުންވެފައި. މި ޓީމުގައި ފެންވަރު އެބަހުރި. އަހަރުމެންގެ ގޮތުގައި ކުޅެން ކުޅުންތެރިން ގާތުގައި ވާނީ ބުނެފައި. އަދި ތާރީހު ބަދަލު ކުރުމަކި ކިހާ ރީތި ކަމެއްކަން ވެސް ކުޅުންތެރިންނަށް މިހާރު އެނގޭނެ،" އާޓެޓާ ބުންޏެވެ.

އޭނާ ބުނީ ޕީއެސްޖީ އަކީ ވަރުގަދަ ޓީމެއް ކަމަށާއި މި ސީޒަނުގައި އާސެނަލް އަށް ފައިނަލާ ހަމައަށް ދަތުރުކޮށް، އިނގިރޭސި ލީގު ކާމިޔާބު ކުރެވުނީ ރަނގަޅަށް ދިފާއު ކުރުމުން ކަމަށެވެ.

"މި މެޗުގައި އަހަރުމެން އެކަން ކުރަން ޖެހޭނެ. އަހަރުމެންގެ ދިފާއު މި ސީޒަނުގައި ވަރަށް މުހިންމު ދައުރެއް އަދާކުރި ކާމިޔާބީތަކުގައި. އަހަރުމެން ދެ ވަނަ ފަހަރަށް ކުލަބުގެ ތާރީހުގައި ވެސް މިތިބީ ފައިނަލުގައި. ހަގީގަތުގައި ވެސް މިއީ އަހަރުމެންނަށް ހައްގު މަގާމެއް. އަހަރުމެން މި ތިބީ މުޅިން އައު ސޮފުހާއެއް ލިޔަން ތައްޔާރުވެގެން،" ކޯޗު ބުންޏެވެ.

މިރޭގެ މެޗުގައި އާސެންލައިން ނުކުޅެވޭނެ ކުޅުންތެރިއަކަށް ހުރީ ބެން ވައިޓް އެކަނި ކަމަށެވެ.

"ހުރިހާ ގޮތަކުން ވެސް އަހަރުމެން މިވަނީ ފައިނަލަށް ތައްޔާރުވެފައި. ޕީއެސްޖީއާ އަކީ ވަރުގަދަ ޓީމެއް ނަމަވެސް އަހަރުމެން ފޯކަސް ކުރަން ޖެހެނީ އަހަރުމެންގެ ގޭމް ކުޅެން. މިވަގުތު ބެން ވައިޓް ފިޔަވައި އެހެން ހުރިހާ ކުޅުންތެރިން ވެސް ތިބީ ވަރަށް ފޯމުގައި. އެހެންވީމާ އަހަރުމެންގެ ޓާގެޓް ހާސިލްވުމުގެ ފުރުސަތު ވަރަށް ބޮޑު،" އާޓެޓާ ބުންޏެވެ.

މިހާތަނަށް އާސެނަލް ކުޅުނު ހަމައެކަނި ޗެމްޕިއަންސް ލީގު ފައިނަލަކީ 2005 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލެވެ. އެ ފަހަރު ފައިނަލްގައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ އާސެނަލް ބަލިވީ ސްޕޭނުގެ ބާސެލޯނާ އަތުން 2-1އިންނެވެ.